25 ނޮވެމްބަރ 2022 - 15:09

އުރީދޫއިން މާލެ ސިޓީ ކައުންސިލާ ގުޅިގެން ވޯލްޑް ކަޕުގެ މެޗުތައް ދައްކަން ހަދާފައިވާ ފޭން ޒޯނުތަކަަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށް އުރީދޫން ބުނެފި އެވެ.

އެ ކުންފުނިން ބުނި ގޮތުގައި، އެ ފޭން ޒޯނުތަކުގެ ތެރެއިން އާޓިފިޝަލް ބީޗު ފޭން ޒޯނަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށެވެ. އެގޮތުން ރޭ ސާބިއާ އަތުން 2-0 އިން ބްރެޒިލް މޮޅުވި މެޗު ބަލަން އެތަނަށް ގިނަ ބަޔަކު އެއްވި އެވެ.

ރާއްޖޭގައި ބްރެޒިލްގެ ގިނަ ސަޕޯޓަރުންތަކެއް ތިބި އިރު، ރޭ އެ ފޭން ޒޯން އޮތީ “ފުލް ހައުސްކޮށް ކަމަށް އުރީދޫން ބުނެ އެވެ.
ވޯލްޑް ކަޕުގެ ފޯރި އިތުރު ކުރުމުގެ ގޮތުން ރާއްޖޭގެ އެކި ހިސާބުތަކުގައި އުރީދޫން ވަނީ ޖުމްލަ 213 ފޭން ޒޯނު ހަދާފަ އެވެ. އެ ފޭން ޒޯނުތަކުގައި ވޯލްޑްކަޕުގެ ފޯރި އިތުރު ކުރުމަށް ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ރާވާފަ އެވެ.
އުރީދޫން އާޓިފިޝަލް ބީޗުގައި ހަދާފައިވާ ފޭން ޒޯނަކީ މާލެ ސިޓީ ކައުންސިލުގެ އިތުރުން އެލައިޑު އިންޝުއަރެންސާއި މޯލްޑިވްސް އިސްލާމިކު ބޭންކާއި މީޑިއާނެޓާއި ޕްރިންޓް ލެބާއި އިވެންޓު މޯލްޑިވްސްއާ ގުޅިގެން ހަދާފައިވާ ތަނެކެވެ.
ގަތަރުގެ އުރީދޫ ގްރޫޕަކީ، ގަތަރުގައި ކުރިއަށްދާ ވޯލްޑް ކަޕުގެ ޕާޓްނަރެކެވެ.