ޓެކްސް ބޮޑު ކުރިއަސް ޓޫރިޒަމަށް ގެއްލުން ވާނެ ކަމަކަށް ނުބެލެވޭ: ޓީމް
ޓެކްސް ބޮޑު ކުރިއަސް ޓޫރިޒަމަށް ގެއްލުން ވާނެ ކަމަކަށް ނުބެލެވޭ: ޓީމް

ޓީޖީއެސްޓީ 12 ޕަސެންޓުން 16 ޕަސެންޓަށް ބޮޑުކުރުމުން، ޓޫރިޒަމް ދާއިރާއަށް ގެއްލުން ނުވާނެ ކަމަށް އެ ދާއިރާގައި މަސައްކަތް ކުރާ މީހުން ތަމްސީލުކުރާ، ޓޫރިޒަމް އެމްޕްލޯއީސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް) އިން ބުނެފި އެވެ.

މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވެލް އޭޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) އިން އިއްޔެ ނެރުނު ބަޔާނަށް ރައްދުދީ ޓީމުން ރޭ ނެރުނު ބަޔާނުގައި ބުނީ ޓެކްސް ބޮޑުކުރުމުން އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ޓޫރިޒަމް ދާއިރާގެ ވިޔަފާރިތަކަށް 50 މިލިއަން ޑޮލަރުގެ ގެއްލުންވާނެ ކަމަށް ބުނި ބުނުން ގަބޫލު ނުކުރެވޭ ކަމަށެވެ.

މަޓާޓޯގެ ބަޔާނުގައި ވާގޮތުން، ޓެކްސް ބޮޑުކޮށްފި ނަމަ ފުރަތަމަ ތިން މަހުގެ ބުކިންތައް ކެންސަލްވުން އިތުރުވެ، ޓޫރިޒަމް ހިދުމަތް ދޭ ތަންތަނުގެ އޮޕަރޭޝަނަށް ބޮޑު އަސަރެއް ކުރާނެ އެވެ. އަދި ޓޫރިޒަމް ދާއިރާގެ ފެސިލިޓީތަކުގެ އާމްދަނީ ދަށްވެ، މުވައްޒަފުންނަށް ދޭ ސާވިސް ޗާޖުން ކޮންމެ މީހަކަށް ގާތްގަނޑަކަށް 2،000ރ. މަދުވާނެ ކަމަށް ވެސް މަޓާޓޯއިން ލަފާކުރި އެވެ.

ޓީމުން ބުނީ ހަމައެކަނި ޓެކްސް އިތުރު ކުރުމުން އެފަދަ ބަދަލުތަކެއް އަންނާނެ ކަމަށް ނުބެލެވޭ ކަމަށެވެ. ޓީމުން އެހެން ބުނެފައިވަނީ މީގެ ކުރިން ވެސް ޓެކްސް ބޮޑުކުރި ކުރިއިރު، ބުކިންތަކަށް އެފަދަ ބަދަލެއް އައިސްފައި ނުވާތީކަން ކަމަށް އެ ޖަމިއްޔާ އިން ބުންޏެވެ.

މި ބަދަލާ ގުޅިގެން ޓުއާ އޭޖެންޓުންނާއި ޓޫރިސްޓު އޮޕަރޭޓަރުންގެ ފައިދާ އަށް ކޮންމެވެސް ވަރެއްގެ އަސަރެއް ކުރާނެ ކަން ގަބޫލުކުރާ ކަމަށް ޓީމުން ބުންޏެވެ. އަދި އެ އަސަރުތައް ކުޑަކުރުމަށް ސަރުކާރާއި ޓޫރިޒަމް ދާއިރާގެ ސްޓޭކްހޯލްޑަރުންނާއެކު މި އަހަރު ކުރީކޮޅު ޓެކްސް ނިޒާމަށް ބަދަލުގެނައުމާމެދު މަޝްވަރާ ކުރަން ފެށި ނަމަވެސް، މިފަދަ ބަދަލެއް ތަންފީޒު ކުރުމުގެ ކުރިން އެކަށީގެންވާ މުއްދަތެއް ދިން ނަމަ ވަކިން ރަނގަޅުވާނެ ކަމަށް ޓީމުގެ ބަޔާނުގައި ބުންޏެވެ.

ސަރުކާރުގެ އާމްދަނީ އިތުރުކުރުމާއި، އިގްތިސާދީ ހާލަތު ރަނގަޅުކުރުމާއި، މުވައްޒަފުންގެ މުސާރާ އިތުރުކުރުމާއި، ރައްޔިތުންގެ އަސާސީ ހިދުމަތްތައް ގާއިމްކުރުމަށް ވިޔަފާރިތަކުން ޓެކްސް އިތުރުކުރުމަކީ މުހިންމު ކަމެއްކަމަށް ދެކޭކަމަށް ޓީމުން ބުންޏެވެ.

އެ ޖަމިއްޔާއިން ބުނިގޮތުގައި، ޓީޖީއެސްޓީ އާއި، ވިޔަފާރީގެ ފައިދާއިން ނެގޭ ޓެކްސް (ބީޕީޓީ) އަދި އިންކަމް ޓެކްސް ޕްރޮގްރެސިވްކޮށް އިތުރުކުރުމަކީ މުޅި ގައުމުގެ އިގްތިސާދު ކުރިއެރުވުމަށް މުހިންމު ކަމެކެވެ.

ޓެކްސް އިތުރުކުރުމާއެކު އެކި ސިނާއަތްތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ މުސާރައަށް ހެޔޮ ބަދަލުތަކެއް އަންނަންވާނެ ކަމަށް އެ ޖަމިއްޔާއިން ގަބޫލުކުރާކަން ވެސް ފާހަގަކުރި އެވެ.