12 ޖެނުއަރީ 2017 - 06:33

އިތިއިއޯޕިގެ އެކަހެރި ހިސާބެއްގެ ބިންގަނޑު ފަޅައިގެން ގޮސް އެތަން ބޮޑުވަމުން އަންނަ ކަމަށާއި އެއީ އަލަށް އުފެދޭ ކަނޑެއްގެ ނިޝާންތައް ކަމަށް ސައިންސްވެރިން ބުނެފި އެވެ.
ރޮޔަސް ސޮސައިޓީގެ ޖިއޮލޮޖިސްޓިން ވިދާޅުވީ މިއީ އެފްރިކާ ބައްރު ދެ ފަޅިއަށް ފަޅާލާނެ ކަނޑަކަށް ވާނެ ކަމަށާއި އެކަމަކު އެހާ ހިސާބަށް ދާނީ 10 މިލިއަން އަހަރު ފަހުން ކަމަށެވެ.
ދިރާސާގައި އިސްކޮށް ހުންނެވި ޓިމް ރައިޓް ރޮޔަލް ސޮސައިޓީގެ ސަމަ އެގްޒިބިޝަނަށް ރިޕޯޓް ހުށަހަޅުއްވަމުން ވިދާޅުވީ މިއީ ވަރަށް އާދަޔާ ޚިލާފް ހާލަތެއް ކަމަށާއި 2005 ވަނަ އަހަރު ފެނުނު މިތަނަށް ބަދަލުތައް އަންނަމުންދާކަން ފާހަގަވާ ކަމަށެވެ.
ބިންގަނޑު ފަޅައިގެން ގޮސް ހުއްޓާ އެންމެ ފުރަތަމަ ފެނުނުތާ 10 ވަރަކަށް ދުވަސް ތެރޭގައި އެތަން 60 ކިލޯމީޓަރު ދިގުމިނަށް ބޮޑުވެ، އަށް މީޓަރަށް ފުޅާވި އެވެ. ސައިންސްވެރިން ބުނީ މިއީ ބިމުގެ އެންމެ އަޑީގައިވާ ދިޔާ އަލިފާނުގެ ސަބަބުން އުފެދުނު ބާގަނޑެއް ކަމަށެވެ. އެތަނުގެ އަޑީގައި ދިޔާ އަލިފާން ހުންނާނެ ކަމަށާއި އަދި އެންމެ ފަހުން ވެގެން ދާނީ ކަނޑަކަށް ކަމަށް ސައިންސްވެރިން ގަބޫލުކުރައްވަ އެވެ.
ޓީމުގައި ހިމެނިވަޑައިގަންނަވާ ޑރ. ޖޭމްސް ހެމޮންޑް ވިދާޅުވީ ބިންގަނޑު ހުޅުވިފައި ވަނީ ކަނޑަށް ވުރެ ތިރި ހިސާބަކުން ކަމަށާއި އެންމެ ފަހުން ނަތީޖާއަކަށް ވާނީ ހުޅުވުނު ދިމާލަށް ކަނޑު ދެމިގަތުން ކަމަށެވެ. އެހެންވެ ވަރަށް ކުޑަ ސަރަހައްދެއް ނަމަވެސް މިހާރު އޮތް ހިކިފަސް ބައްރާ ވަކިވެ، އެ ދޭތެރެއިން އޮއެ ދެމެން ފެށުމުން އެ ދޭތެރެ ކަނޑަކަށް ވާނެ ކަމަށް ބީބީސީ އަށް ޖޭމްސް ވިދާޅުވި އެވެ.
ދުނިޔޭގެ ބިމަށް އަންނަ ބަދަލުތައް ދެނެގަނެ އާ މައުލޫމާތު ހޯދުމަށް ސައިންސްވެރިން ގެންދަނީ މި ބާގަނޑާ ގުޅޭ ގޮތުން ބޮޑެތި ދިރާސާތައް ހެދުމަށް ތައްޔާރުވަމުންނެވެ.