25 ނޮވެމްބަރ 2022 - 10:44

ވޯލްޑް ކަޕުގައި ރޭ ގާނާ އަތުން 3-2 އިން ޕޯޗުގަލް މޮޅުވި މެޗުގައި އެ ޓީމުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ލަނޑު ޖެހުމާ އެކު އޭނާ ވެފައިވަނީ ފަސް ވޯލްޑް ކަޕެއްގައި ލަނޑު ޖެހި ފުރަތަމަ ފިރިހެން ކުޅުންތެރިޔާ އަށެވެ. ދެ ޖިންސު އެއްކޮށް ބަލައިފި ނަމަ އަންހެން ދެ ކުޅުންތެރިޔަކު ވަނީ އެ ޝަރަފް މާ ކުރިން ހޯދައިފަ އެވެ.

ފަސް ވޯލްޑް ކަޕުގައި ލަނޑު ޖެހުމުގެ ޝަރަފް އެންމެ ފުރަތަމަ ހޯދީ ބްރެޒިލްގެ މާޓާ އެވެ. އެއީ 2003، 2007، 2011، 2015 އަދި 2019 ވަނަ އަހަރުގެ ވޯލްޑް ކަޕުގައި ލަނޑު ޖަހައިގެންނެވެ.
އޭގެ ފަހުން މި ޝަރަފް ހޯދީ ކެނެޑާގެ ކްރިސްޓިން ސިންކްލެއާ އެވެ. އޭނާ މި ޝަރަފް ހޯދީ 2003، 2007، 2011، 2015 އަދި 2019 ގެ ވޯލްޑް ކަޕުގައި ލަނޑު ޖަހައިގެންނެވެ.
ދެ ޖިންސު އެއްކޮށް ބަލައިފި ނަމަ ވޯލްޑް ކަޕުގައި އެންމެ ގިނަ ލަނޑު ޖެހުމުގެ ރެކޯޑް ވެސް އޮތީ މާޓާ އަތުގަ އެވެ. އެއީ 20 މެޗުން 17 ގޯލް ޖަހައިގެންނެވެ. މި ލިސްޓުގެ ދެ ވަނައިގައި އޮތީ 24 މެޗުން 17 ލަނޑު ޖަހާފައިވާ ޖަރުމަނުގެ މިރޮސްލާވް ކްލޯސޭ އެވެ. ރޮނާލްޑޯ އޮތީ 18 މެޗުން އަށް ގޯލް ޖަހައިގެން ފިރިހެން ކުޅުންތެރިންގެ ލިސްޓުގެ 24 ވަނައިގަ އެވެ.
ބްރެޒިލްގެ މާޓާ އަކީ ދުނިޔެ ދުށް އެންމެ މޮޅު އެއް އަންހެން ފުޓްބޯޅަ ކުޅުންތެރިޔާ އެވެ. އުމުރުން 36 އަހަރުގެ ކުޅުންތެރިޔާ ވަނީ ފީފާގެ އަހަރުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހަ ފަހަރު ހޯދައިފަ އެވެ.
ރޮނާލްޑޯ އަކީ ފިރިހެން ކުޅުންތެރިންގެ ތެރެއިން ދުނިޔެ ދުށް އެންމެ މޮޅު އެއް ކުޅުންތެރިޔާ އެވެ. އޭނާ އަކީ ބައިނަލްއަގްވާމީ ފުޓްބޯޅައިގައި އެންމެ ގިނަ ލަނޑު ޖަހާފައިވާ ކުޅުންތެރިޔާ އެވެ. އޭނާ ވަނީ ކްލަބާއި ގައުމީ ޓީމާ އެކު އެތައް ކާމިޔާބެއް ހޯދައި އެތައް ރެކޯޑެއް ވެސް ގާއިމްކޮށްފަ އެވެ. މަދުވަނީ ވޯލްޑް ކަޕުގެ ތަށްޓެވެ.