24 ނޮވެމްބަރ 2022 - 10:25

މަރުކަޒީ ބޭންކް، އެމްއެމްއޭ އިން ކަނޑައަޅާފައިވާ ގޮތަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އޭޕްރީލް މަހުން ފެށިގެން ޗެކުން ބަލައިގަންނާނެ އެންމެ މަތީ އަދަދުތައް ކަނޑައަޅައިފި އެވެ.
ބީއެމްއެލް އިން ބުނީ އިލެކްޓްރޯނިކް ޕޭމަންޓް ކުރިއަރުވައި ރާއްޖޭގައި ޕޭމަންޓުގެ ހިދުމަތް ފުޅާކުރުމަށް އެމްއެމްއޭ އިން ކަނޑައަޅާފައިވާ އުސޫލުގެ ދަށުން އޭޕްރިލް މަހުން ފެށިގެން ބަލައިގަންނާނީ ދިވެހި ރުފިޔާއިން ނަމަ 50،000 ރުފިޔާ އަދި އެމެރިކާ ޑޮލަރުން ނަމަ 3،000 އާ ހަމައަށް ކަމަށެވެ.
އެ އަދަދަށް ވުރެ މަތީގެ މުއާމަލާތްތައް ފުރިހަމަކުރެވޭނީ ބޭންކުގެ ޑިޖިޓަލް ޗެނަލްތައް މެދުވެރިކޮށް ކަމަށް ވެސް ބީއެމްއެލް އިން ބުންޏެވެ.
ބީއެމްއެލް އިން ބުނި ގޮތުގައި، އެންމެ މަތީ އަދަދު ކަނޑައަޅާފައިވާ ޗެކުތަކުގެ ތެރޭގައި އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ކުންފުނިތަކުން ދޫކުރާ ޗެކުތައް ވެސް ހިމެނެ އެވެ.
ބޭންކިންގެ ހިދުމަތްތަކުގައި ޑިޖިޓަލް ޗެނެލްތައް ބޭނުންކުރުމަށް އެދި ބީއެމްއެލް އިން ބުނީ މިހާރު އިންޓަނެޓް ބޭންކިންގެ ހިދުމަތް ބޭނުން ނުކުރާ މީހުންނަށް އޮންލައިންކޮށް ރަޖިސްޓްރީ ކުރެވޭނެ ކަމަށެވެ.