23 ނޮވެމްބަރ 2022 - 13:20

އެމެރިކާގެ ވާޖީނިއާގެ ސުޕަމާކެޓެއްގެ ތެރޭގައި ހަތިޔާރު ހިފައިގެން އުޅުނު މީހަކު، އެ ފިހާރައިގެ ތެރޭގައި ތިބި ބައެއްގެ ތެރެއަށް ބަޑިޖަހައި އޭގެ ތެރެއިން މަދުވެގެން 10 މީހަކު މަރާލައިފި އެވެ.

އެމެރިކާގެ ފުލުހުން ބުނި ގޮތުގައި ހަތިޔާރު ހިފައިގެން އުޅުނު މީހާ ހަމަލާ ދިނީ ވާޖީނިއާގެ މެދުތެރޭ ސަރަހައްދެއްގައި ހުރި މަޝްހޫރު ސުޕަމާކެޓެއް ކަމަށްވާ ވޯލްމާޓްގަ އެވެ. މިހާތަނަށް ލިބުނު މައުލޫމާތަށް ބުރަވެ ފުލުހުން ބުނި ގޮތުގައި ވޯލްމާޓް ތެރޭގައި ތިބި މީހުންގެ ތެރެއަށް ބަޑި ޖެހީ އެ ފިހާރައިގެ މެނޭޖަރެއްގެ މަގާމުގައި ހުރި މީހެކެވެ.
އެ ފިހާރައިގައި މަސައްކަތް ކުރާ މީހަކު ބުނި ގޮތުގައި އޭނާ އެ ފިހާރައިގެ މުފައްޒަފުންގެ ކޮޓަރީގައި ހުރެފައި ނުކުތް ވަގުތު، މެނޭޖަރު އައިސް އެ ކޮޓަރި އަށް ވަނެވެ. އޭނާ ވަނުމާއެކު ފިސްތޯލައިން ހަމަލާތަކެއް ދިން އަޑު އިވުނު ކަމަށް މުވައްޒަފު ބުންޏެވެ.
މި ހަމަލާގައި މަރުވި އެންމެންނަކީ ވެސް، އެ ފިހާރައިގައި މަސައްކަތް ކުރާ މުވައްޒަފުންނެވެ. މެނޭޖަރުގެ މަގާމުގައި ހުރި މީހާ އޭނާގެ ދަށުން މަސައްކަތްކުރާ މުވައްޒަފުންގެ ގަޔަށް ބަޑިޖެހީ ކޮން ސަބަބަކާ ހުރެކަން ނޭނގޭ ކަމަށް ވެސް އެހެން މުވައްޒަފުން ބުނެ އެވެ.
ފުލުހުން ބުނި ގޮތުގައި މެނޭޖަރު ފިހާރަ ތެރޭގައި ހުރެފައި، ބުދަ ވިލޭރޭ އެމެރިކާ ގަޑިން 10:12 (ރާއްޖޭ ގަޑިން ބުދަ ދުވަހުގެ ހެނދުނު 8:12) ހާއިރު އޭނާ ގެންގުޅުނު ފިސްތޯލައެއް ނަގައި، ހަމަލާ ދޭން ފެށީ އެވެ. އެއަށް ފަހު، އަމިއްލަ ގަޔަށް ފިސްތޯލަ އަމާޒުކޮށް ހަމަލާ ދީގެން އަމިއްލަ އަށް މަރުވީ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އޭނާ މި އަމަލު ހިންގި ސަބަބެއް މިހާތަނަށް ނޭނގޭ ކަމަށާއި، މި ހާދިސާގައި ޒަޚަމްވި މީހުންނަށް ހޮސްޕިޓަލުގައި މިހާރު ފަރުވާ ދެމުން އަންނަ ކަމަށެވެ. އަދި މި ހަމަލާގެ ފަހަތުގައި އެހެން މީހަކު ނުވަތަ ބަޔަކު ހިމެނޭކަން ޔަގީން ނުވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.