23 ނޮވެމްބަރ 2022 - 13:45

އަލް ރައްޔާން (ނޮވެމްބަރު 23) - އެއްޖިންސުން ގުޅުން ހިންގުން ޕްރޮމޯޓް ކުރަން 'ވަންލަވް' ކެޕްޓަން ބޭންޑް އެޅުމުގެ ހުއްދަ ފީފާ އިން ނުދިނުމާ ގުޅިގެން، އިންސާނީ ހައްގުތަކާ ގުޅޭގޮތުން ވާހަކަ ދައްކަން މިހާރު ބިރު ގަންނަ ކަމަށް ބެލްޖިއަމްގެ ވައިސް ކެޕްޓަން ޔާން ވޮޓެންގަން ބުނެފި އެވެ.

ގަތަރުގެ ސަގާފަތަށް އިހުތިރާމް ނުކުރާ ކެޕްޓަނުންނަށް ފީފާ އިން ޑިސިޕްލިނަރީ އެކްޝަން ނަގާނެ ކަމަށް އެންގުމާ ގުޅިގެން، ވޯލްޑް ކަޕް ގައި 'ވަންލަވް' ކެޕްޓަން ބޭންޑް އަޅަން ނިންމި ހަތް ގައުމަކުން ވަނީ ގޮތް ދޫކޮށް، ބޭންޑް ނާޅަން ނިންމައިފަ އެވެ. އޭގެ ތެރޭގައި ބެލްޖިއަމް ވެސް ހިމެނެ އެވެ.
"އެ ބޭންޑް އަޅައިގެން ވާހަކައެއް ދައްކައިފި ނަމަ އެއީ އަމިއްލަ ނަފްސަށް އަދަބު ދިނުން. އަހަރެންނަށް މިކަން ފަސޭހައެއް ނޫން، މިވަރު ބުނެލައިގެން މައްސަލައަކަށް ނުވާނެ،" ވޯލްޑް ކަޕްގެ ފުރަތަމަ މެޗުގައި ކެނެޑާއާ ދެކޮޅަށް ނުކުތުމުގެ ކުރިން، ބެލްޖިއަމް ގައުމީ ޓީމަށް މިހާތަނަށް 142 މެޗު ކުޅެދީފައިވާ ޑިފެންޑަރު ބުންޏެވެ.
"އަހަރެމެން މިތިބަ ހާލަތުގައި، މިކަމާ ގުޅޭގޮތުން ވާހަކައެއް ދައްކައިފި ނަމަ މެޗު ނުކުޅެވިދާނެތީ އެކަމާ ބިރުގަނޭ. މިއީ ދުވަހަކުވެސް ތަޖުރިބާ ކުރި ކަމެއް ނޫން، އަދި ކުރިއަށް އޮތް ތާނގައި މިކަން ތަޖުރިބާކުރަން ބޭނުމެއް ނޫން،" އޭނާ ބުންޏެވެ.
"އަހަރެމެން ތިބީ ވަރަށް ބޮޑަށް ކޮންޓްރޯލް ކޮށްފައި. ސިޔާސީ ބަޔާން ދިނުމަކީ އަހަރެން ގަޔާވާ ކަމެއް ނޫން. އަހަރެމެން މި ދައްކަނީ ވަރަށް އާދައިގެ ވާހަކަ. ތަފާތުކުރުންތަކާ ދެކޮޅަށް އަދި ނަސްލީ ތަފާތުކުރުމާ ދެކޮޅު ވާހަކަ ނުދެއްކޭ ނަމަ ދެން ބުނާނެ އިތުރު އެއްޗެއް ނެތް."
ފީފާ އިން ވަނީ ބެލްޖިއަމްގެ އަވޭ ކިޓުގެ ފަހަތުގައި ގިރުވާނާ ދިމާލުން އެތެރޭގައި "ލަވް" ޖަހައިގެން ވޯލްޑް ކަޕް ގައި ޖޯޒީ ބޭނުން ކުރުން މަނާ ކޮށްފަ އެވެ. ފީފާ އިން މިހެން ނިންމީ އެއީ، އެއްޖިންސުން ގުޅުން ހިންގުން ފަދަ ކަންކަން ޕްރޮމޯޓްކުރާ ބެލްޖިއަމްގެ މިއުޒިކް ފެސްޓިވަލެއް ކަމަށްވާ ޓުމޯރޯލޭންޑާ ވިޔަފާރީގެ ގުޅުމެއް އޮތުމުގެ ސަބަބުންނެވެ.
މީގެ ސަބަބުން ބެލްޖިއަމް އިން ވަނީ ގުރޫޕް ސްޓޭޖުގެ ތިން މެޗުގައި ވެސް އެޓީމުގެ ރަތް ކުލައިގެ ހޯމް ޖޯޒީ ބޭނުންކުރަން ނިންމައިފަ އެވެ. އަދި ނޮކައުޓް ބުރަށް ދަތުރު ކޮށްފި ނަމަ ޖޯޒީގެ މައްސަލައަށް ހައްލު ހޯދުމާ އުޅޭނީ ފަހުން ކަމަށް ވެސް ބެލްޖިއަމް އިން ހާމަ ކޮށްފައި ވެއެވެ.
ބެލްޖިއަމްގެ ކޯޗު ރޮބާޓޯ މާޓިނޭޒް ބުނީ ފާއިތުވި ދެ އަހަރެއްހާ ދުވަސް ތެރޭ އެ ޓީމުން އިޖުތިމާއީ ކަންކަމުގައި ވަރަށް ބޮޑަށް ހަރަކާތްތެރިވެ އުޅެވުން ކަމަށާއި، ނަމަވެސް މިހާރު ތިބީ ހަމައެކަނި ފުޓުބޯޅައަށް ފޯކަސް ކޮށްގެން ކަމަށެވެ.
މާޓިނޭޒް ބުނީ އެޓީމާ ދެކޮޅަށް ފުރަތަމަ މެޗުގައި ނުކުންނަ ކެނެޑާ އަށް ފުރިހަމައަށް އިހުރިރާމް ކުރާ ކަމަށާއި، ކޮލިފައިން ގުރޫޕުގައި އެމެރިކާ އާއި މެކްސިކޯ ފަހަތަށް ޖައްސާލައި އެއް ވަނަ ހޯދައިގެން ކޮންމެ ކޮންމެ ބަޔަކަށް މުބާރާތުން ޖާގަ ނުލިބޭނެ ކަމަށެވެ.
"އެމީހުންގެ (ކެނެޑާގެ) އެބަހުރި ޓީމެއްގެ ސިފަ. ހަމައެކަނި ވޯލްޑް ކަޕް ގައި ގައުމީ ޓީމާ އެކު ކުޅެލަން އަންނަ އަންނަ ބައެއް ނޫން އެއީ،" މާޓިނޭޒް ބުންޏެވެ.
"މިއީ ވަރަށް ނުރައްކާ ހާލަތެއް، ގެއްލޭނެ އެއްވެސް އެއްޗެއް ނެތް ޓީމަކާ މި ކުޅެނީ. ޕެނަމާއާ ދެކޮޅަށް (2018 ގެ ވޯލްޑް ކަޕް ފުރަތަމަ މެޗުގައި) ފުރަތަމަ 50 މިނިޓާ ހަމައަށް އެކަން ދެކެފިން. އަހަރެމެން ޖެހޭ އެމީހުންގެ އެ ޖޯޝާ އެއްވަރަށް ކުޅެން."
ބެލްޖިއަމް އަކީ 2018 ގައި ރަޝިއާގައި ބޭއްވި މުބާރާތުގެ ތިން ވަނަ ޓީމެވެ. ގިނަ ދުވަސްތަކަކަށް ފަހު ދުނިޔޭގެ ރޭންކިން ދެ ވަނައަށް ވެއްޓިފައިވާ ބެލްޖިއަމް ވަނީ ވޯލްޑް ކަޕްގެ ކުރިން މިދިޔަ ހަފްތާ ކުވެއިތުގައި މިސްރާ ދެކޮޅަށް ރަހުމަތްތެރިކަމުގެ މެޗެއް ކުޅެފަ އެވެ. އެ މެޗުން ބެލްޖިއަމް ބަލިވީ 2-1 އިންނެވެ. ކޯޗު މާޓިނޭޒް ބުނީ އެ މެޗުގެ މަގްސަދު ހާސިލް ވި ކަމަށާއި އެ މެޗު ކުރިއަށް ގެންދިޔައީ ވާދަވެރި ޓްރެއިނިން ސެޝަނެއް ފަދައިން ކަމަށެވެ.
ބެލްޖިއަމުން ކެނެޑާއާ ދެކޮޅަށް ކުޅޭއިރު، އެގައުމުގެ ރެކޯޑް ގޯލްސްކޯރާ ރޮމެލޫ ލުކާކޫ އަށް ލިބިފައިވާ ހެމްސްޓްރިންގް އަނިޔާއިން ރަނގަޅު ވެފައި ނުވާތީ ފުރަތަމަ ދެ މެޗު ގެއްލޭނެ ކަމަށް ވެއެވެ. އަދި ކެޕްޓަން އެޑެން ހަޒާޑް އަށް ވެސް ފިޓްނެސްގެ މައްސަލަތައް ކުރިމަތިވެފައި ވެ އެވެ.