ލޫކަސް އަށް މުބާރާތް ނިމިއްޖެ، ބަދަލުގައި އެރީ އޭނާގެ ކޮއްކޮ
ލޫކަސް އަށް މުބާރާތް ނިމިއްޖެ، ބަދަލުގައި އެރީ އޭނާގެ ކޮއްކޮ

ވޯލްޑް ކަޕުގައި ރޭ އޮސްޓްރޭލިއާ އަތުން 4-1 ފްރާންސް މޮޅުވި މެޗުގައި ފްރާންސްގެ ޑިފެންޑަރު ލޫކަސް ހެނާންޑޭޒްގެ ކަކުލުގެ ލިގަމެންޓަށް އަނިޔާވެ މުބާރާތުގައި ދެން ނުކުޅެވޭނެކަން ކަށަވަރުވެއްޖެ އެވެ.

ބެޔާން މިއުނިކަށް ކުޅޭ ލޫކަސް އަށް އަނިޔާވީ އޮސްޓްރޭލިއާގެ ފުރަތަމަ ގޯލް ދިފާއުކުރަން އުޅުމުގެ ތެރޭ މެޗުގެ 13 ވަނަ މިނެޓުގައި ނުއަތަށް ފައި އެޅިގެންނެވެ. އޭނާގެ ލިގަމެންޓަށް ލިބުނު ހާނިއްކައިގެ ސީދާ ތަފްސީލެއް އަދި ނުލިބެ އެވެ. ލިގަމެންޓް އެއްކޮށް ކަނޑައިގެން ގޮސްފައިވާ ނަމަ އޭނާ ނުވަ މަހެއްހާ ދުވަހު ކުޅުމާ ދުރުގައި ހުންނަން ޖެހޭނެ އެވެ. އެއަށް ވުރެ ކުޑަ އަނިޔާއެއް ވިޔަސް ބެލެވޭ ގޮތުގައި މަދުވެގެން ހަތަރު މަހެއްހާ ދުވަހު ކުޅުމާ ދުރުގައި ހުންނަން ޖެހޭނެ އެވެ.

ލޫކަސްގެ ބަދަލުގައި ރޭ އެރީ އޭނާގެ ކޮއްކޮ ތެއޯ ހެނާންޑޭޒް އެވެ. އޭނާ ވަނީ ގޯލެއް ޖަހަން އެސިސްޓެއްކޮށް، މޮޅު ކުޅުމެއް ދައްކައިފަ އެވެ. އޭސީ މިލާނަށް ކުޅޭ ތެއޯ އަކީ، މިވަގުތު ދުނިޔޭގައި ހުރި އެންމެ މޮޅު އެއް ވާތު ބެކެވެ. ބޭބެއާ ހިލާފަށް ތެއޯ އަކީ ޑިފެންސްކުރުމުގެ އިތުރުން އެޓޭކުގައި ވެސް ވަރަށް ބޮޑަށް ބައިވެރިވާ ކުޅުންތެރިއެކެވެ.

އެކަމަކު، ފްރާންސުން 2018 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކުރިއިރު މުހިއްމު ދައުރެއް އަދާކުރި ލޫކަސް އަކީ، ތެއޯ އަށް ވުރެ ތަޖުރިބާރު ކުޅުންތެރިއެކެވެ. މިއީ ތެއޯގެ ފުރަތަމަ ވޯލްޑް ކަޕެވެ.

މި ވޯލްޑް ކަޕުގައި ފްރާންސަށް ވަނީ އަނިޔާގެ މައްސަލަ ވަރަށް ބޮޑަށް ކުރިމަތިވެފަ އެވެ. އަނިޔާގެ ސަބަބުން މުހިއްމު ދެ މިޑްފީލްޑަރުން ކަމަށްވާ އެންގޯލޯ ކާންޓޭ އާއި ޕައުލް ޕޮގްބާ އާއި ގޯލްކީޕަރު މައިކް މެނުއާ އަދި ޑިފެންޑަރު ޕްރްސެނެލް ކިމްޕެމްބޭ އަށް ސްކޮޑުގައި ބައިވެރިނުވެވުނެވެ.

އަދި މުބާރާތަށް ޕްރެކްޓިސް ފެށި ފަހުން ފޯވާޑް ކަރިމް ބެންޒެމާ އާއި އެޓޭކިން މިޑްފީލްޑަރު ކްރިސްޓަފާ އެންކުންކޫ އަށް ވަނީ އަނިޔާވެފަ އެވެ.

މި ކުޅުންތެރިން ނެތަސް ފްރާންސްގެ ފުރަތަމަ 11 ފެންނަނީ ވަރަށް ވަރުގަދަކޮށެވެ. އެކަމަކު މި ކުޅުންތެރިން އަނިޔާގައި ތިބުމުން، ސްކޮޑުގެ ޑެޕްތަށް އަސަރުކޮށް އެކަށީގެންވާ ބަދަލުތަކެއް ގެނައުމުގެ ފުރުސަތު ކޯޗު ޑިޑިއޭ ޑިޝޯމްޕްސް އަށް ވަނީ ހަނިވެފަ އެވެ.

ފްރާންސްގެ ކެޕްޓަން ހޫގޯ ލޮރިސް ބުނީ އަނިޔާގެ މައްސަލަ މިހާރު ވަރަށް ބޮޑުވެފައިވާ ކަމަށާއި އެކަމަކު މީގެ ސަބަބުން ކުޅުންތެރިންގެ ހިތްވަރު ވާނީ އިތުރުކަމަށެވެ.