23 ނޮވެމްބަރ 2022 - 14:33

ދިރާގުން ވޯލްޑް ކަޕަށް ފެށި "ޖެހީ ލިބުނީ" ޕްރޮމޯޝަނަށް ބޮޑު ތަރުހީބެއް ލިބި، މިއަދާ ހަމައަށް އެއް ޓީބީގެ ޑޭޓާ ހިލޭ ދީފައިވާކަމަށް ދިރާގުން ބުނެފި އެވެ.
ދިރާގުން ބުނި ގޮތުގައި އެންމެ ފުރަތަމަ ދުވަހު "ޖެހީ ލިބުނީ" އަށް ދެ ހާހެއްހާ މީހުން ރަޖިސްޓްރީވުމަށް ފަހު މުބާރާތުގެ ހަތަރު ވަނަ ދުވަހާ ހަމައަށް އައި އިރު، އެ އަދަދު 7000 އަށް ވުރެ އިތުރުވެފައިވާ ކަމަށެވެ.
ދިރާގުގެ އެ ޕްރޮމޯޝަނަކީ، ދިރާގު ވެބްސައިޓުގައި އެ ޕްރޮމޯޝަނަށް ރަޖިސްޓްރީވާ ކަސްޓަމަރުން ސަޕޯޓުކުރާ ޓީމެއް ގޯލު ޖެހުމުން ޑޭޓާ ލިބޭ ޕްރޮމޯޝަނެކެވެ. އެ ޕްރޮމޯޝަނަށް ރަޖިސްޓަ ވާއިރު، ސަޕޯޓުކުރާ ޓީމު ހިޔާރު ކުރަން ޖެހެ އެވެ.
ދިރާގުން ބުނި ގޮތުގައި މިހާތަނަށް، އެންމެ ގިނަ ކަސްޓަމަރުންނަށް ޑޭޓާ ލިބުނީ އިންގްލެންޑުގެ މެޗުގަ އެވެ. އެ މެޗުގައި އިންގްލެންޑު ޓީމު ހަ ގޯލު ޖެހި އިރު، އެ ޕްރޮމޯޝަންގެ އެންމެ މަތީ އަދަދު ކަމަށްވާ ފަސް ޖީބީގެ ހިލޭ ޑޭޓާ އިންގްލެންޑުގެ ސަޕޯޓަރުންނަށް ވަނީ ދީފަ އެވެ.
ކޮންމެ މެޗަކަށް ވެސް ދިރާގުން ކަނޑައަޅާފައިވާ ލިމިޓަކީ 5 ޖީބީ އެވެ. ދިރާގުގެ އެ ޕްރޮމޯޝަނަށް ރަޖިސްޓްރީ ވެވޭނީ އެންމެ ފަހަރަކު އެވެ. އަދި ރަޖިސްޓަރީ ވާއިރު ސަޕޯޓުކުރާ ކަމަށް ޖަހާ ޓީމު ކުޅޭ ކޮންމެ މެޗެއްގައި ވެސް ގޯލެއް ޖަހާއިރަށް ޑޭޓާ ލިބޭނެ އެވެ.