23 ނޮވެމްބަރ 2022 - 10:26

މި އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކުރާނެ ކަމަށް އެންމެ ގިނަ ބަޔަކު ލަފާކޮށްގެން ތިބި އާޖެންޓީނާ މިވަނީ ފުރަތަމަ މެޗުން، އާދައިގެ ޓީމެއް ކަމަށްވާ ސައޫދީ އަރަބިއާ އަތުން 2-1 އިން ބަލިވެފަ އެވެ. އެއާ އެކު އެ ޓީމަށް ދެން ތިބި ވަރުގަދަ ޓީމުތަކާ ވާދަކޮށް މުބާރާތުގެ ތަށި ހޯދިދާނެތޯ އެއް ބަޔަކު އަންނަނީ ސުވާލުކުރަމުންނެވެ. އެކަމަކު ތާރީހު ބުނަނީ ފުރަތަމަ މެޗުން ބަލިވުމަކީ ތަށި ނުލިބެންވީ ސަބަބެއް ނޫން ކަމަށެވެ. ނުވަތަ އެއީ މުބާރާތުގައި ރަނގަޅު ހިސާބަކަށް ނުދެވެންވީ ސަބަބެއް ނޫން ކަމަށެވެ.
އާޖެންޓީނާ ވެސް ވަނީ މިފަދަ ތަޖުރިބާއެއް ކުރިން ކޮށްފަ އެވެ. ޑިއެގޯ މަރަޑޯނާގެ މޮޅު ކުޅުމާ އެކު 1986 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކުރުމަށް ފަހު އެ ޓީމުން ޖެހިގެން އައި 1990 ވަނަ އަހަރުގެ މުބާރާތާ ކުރިމަތިލީ ފޭވަރިޓުންގެ ގޮތުގަ އެވެ. އެކަމަކު އެ ފަހަރު ފުރަތަމަ މެޗުން ކެމަރޫން އަތުން 1-0 އިން ބަލިވީ އެވެ. އެއީ އެހާތަނަށް ވޯލްޑް ކަޕުގައި ނުކުތް އެންމެ ހައިރާންކުރުވަނިވި ނަތީޖާ އެވެ.
އާޖެންޓީނާ ދެ ވަނަ މެޗުން ސޯވިއެޓް ޔޫނިއަން އަތުން 2-0 އިން މޮޅުވި ނަމަވެސް ގްރޫޕް ސްޓޭޖުގެ ފަހު މެޗުން ރޫމޭނިއާއާ 1-1 އިން އެއްވަރުވީ އެވެ. އެ ފަހަރު އާޖެންޓީނާ ދެ ވަނަ ބުރަށް ދިޔައީ ގްރޫޕުގެ ތިން ވަނަ ޓީމުގެ ގޮތުގައި ކިރިޔަ ކިރިޔާ އެވެ. އޭރު އޮންނަ ގޮތުން ހަތަރު ޓީމު ވާދަކުރާ ކޮންމެ ގްރޫޕަކުން ތިން ޓީމު ދެ ވަނަ ބުރަށް ދަތުރުކުރެ އެވެ.
އާޖެންޓީނާ ދެ ވަނަ ބުރުން ފެށިގެން ފެނުނީ ވަރުގަދަކޮށެވެ. އެގޮތުން ދެ ވަނަ ބުރުގައި ބްރެޒިލް 1-0 އިން ބަލިކުރި އެވެ. ކުއާޓާ ފައިނަލުގައި ޕެނަލްޓީ ޖަހައިގެން 3-2 އިން ޔޫގޮސްލާވިއާ ބަލިކުރި އެވެ. އަދި ސެމީ ފައިނަލުގައި މުބާރާތުގެ ހޯސްޓް ގައުމު، އިޓަލީ ޕެނަލްޓީން 4-3 އިން ބަލިކޮށް ފައިނަލަށް ދިޔަ އެވެ. އެކަމަކު ފައިނަލުގައި ހުޅަނގު ޖަރުމަން އަތުން 1-0 އިން ބަލިވީ އެވެ.
އޭގެ ކުރިއަށް ޖެހިލާއިރު 1982 ވަނަ އަހަރު އިޓަލީ ތަށި ހޯދީ ގްރޫޕް ސްޓޭޖުގައި ކުޅުނު އެއްވެސް މެޗަކުން މޮޅުނުވެ އޮއްވަ އެވެ. އެ ފަހަރު ގްރޫޕް ސްޓޭޖުގައި ޕޮލެންޑާއި ޕެރޫ އާއި ކެމަރޫންއާ ވެސް އިޓަލީ އެއްވަރުވީ އެވެ. ދެ ވަނަ ބުރަށް ދިޔައީ ކެމަރޫންއާ ޕޮއިންޓުގެ ގޮތުންނާއި ގޯލް ތަފާތުން ވެސް އެއްވަރުވެ، ޖެހި ގޯލް ގިނަވުމުންނެވެ.
އެކަމަކު އިޓަލީ ވަނީ ދެ ވަނަ ގްރޫޕް ސްޓޭޖުގައި އާޖެންޓީނާ 2-1 އިން އަދި ބްރެޒިލް 3-2 އިން ބަލިކޮށް ސެމީ ފައިނަލަށް ދަތުރުކޮށްފަ އެވެ. ސެމީގައި ޕޮލެންޑް 2-0 އިން ބަލިކޮށް ފައިނަލަށް ގޮސް ތަށި ހޯދީ ހުޅަނގު ޖަރުމަން 3-1 އިން ބަލިކޮށްގެންނެވެ.
ފަހުގެ ތާރީހަށް ބަލާއިރު 2010 ވަނަ އަހަރުގެ މުބާރާތުގެ ޗެމްޕިއަން ސްޕެއިން ވެސް ވަނީ ފުރަތަމަ މެޗުން ބަލިވެފަ އެވެ. ޔޫރަޕުގެ ޗެމްޕިއަނުންގެ ގޮތުގައި އެ ފަހަރު ސްޕެއިން މުބާރާތާ ކުރިމަތިލީ ހޫނު ފޭވަރިޓުންގެ ގޮތުގަ އެވެ. އެކަމަކު ފުރަތަމަ މެޗުން ސްވިޒަލެންޑް އަތުން 1-0 އިން ބަލިވުމުން އެ ޓީމަށް މުބާރާތުގައި ކާމިޔާބު ހޯދިދާނެ ކަމާ މެދު ސުވާލު އުފެދުނެވެ. އެހެންވިޔަސް ސްޕެއިން ވަނީ އަނެއް ދެ މެޗުގައި ހޮންޑޫރަސް 2-0 އިން އަދި ޗިލީ 2-1 އިން ބަލިކޮށް ދެ ވަނަ ބުރަށް ދަތުރުކޮށްފަ އެވެ. ދެ ވަނަ ބުރުން މޮޅުވީ ޕޯޗުގަލް އަތުން 1-0 އިންނެވެ. ކުއާޓާ ފައިނަލުން މޮޅުވީ ޕެރެގުއޭ އަތުން 1-0 އިންނެވެ. އަދި ސެމީ ފައިނަލުން ޖަރުމަން 1-0 އިން ބަލިކޮށް ފައިނަލަށް ގޮސް ތަށި ހޯދީ ނެދަލެންޑްސް 1-0 އިން ބަލިކޮށްފަ އެވެ.
އެހެންކަމުން ތާރީހު ބުނަނީ އާޖެންޓީނާ ސަޕޯޓަރުން މާޔޫސްނުވުމަށެވެ.