23 ނޮވެމްބަރ 2022 - 11:19

ގަތަރުގައި މިހާރު ކުރިއަށްދާ ފީފާ ވޯލްޑް ކަޕްގެ ގުރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުތައް އަދި ނުނިމެ އެވެ. ނަމަވެސް އާދިއްތަ ދުވަހުގެ ރޭ ފެށި މި ތާރީހީ މުބާރާތް ވަނީ ސަޕޯޓަރުން ހައިރާން ކުރުވަނިވި އާދަޔާ ހިލާފު ނަތީޖާތަކަކާ އެކު ފޯރި ގަދަ ވެފަ އެވެ.
ވޯލްޑް ކަޕް ގައި ވާދަކުރާ ޓީމުތަކުގެ ތެރެއިން އެންމެ ފަހުން ސަރަހައްދީ ޗެމްޕިއަންކަން ހޯދި ހަތަރު ގައުމެއް މުބާރާތުގައި ވާދަ ކުރެ އެވެ. އެއީ ދެކުނު އެމެރިކާގެ ޗެމްޕިއަން އާޖެންޓީނާ އާއި އުތުރު އެމެރިކާ ސަރަހައްދުގެ ތަށި ހޯދި އެމެރިކާގެ އިތުރުން އެފްރިކާގެ ޗެމްޕިއަން ސެނެގާލާއި މުބާރާތް ބާއްވާ ގައުމު ކަމަށްވާ އޭޝިއާގެ ޗެމްޕިއަން ގަތަރެވެ.
އެހެން ނަމަވެސް ރާއްޖޭގައި ބޮޑު މަގުބޫލު ކަމެއް ލިބިފައިވާ ޔޫރަޕްގެ ސަރަހައްދީ މުބާރާތް، ޔޫރޯ ގެ ޗެމްޕިއަން އިޓަލީ މިއަހަރުގެ ވޯލްޑް ކަޕަށް ކޮލިފައި ވެސް ނުވި އެވެ.
ރަޝިއާގައި 2018 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕަށް ވެސް އިޓަލީ ކޮލިފައި އެއް ނުވެ އެވެ. ނަމަވެސް މިދިޔަ އަހަރު އޮތް ޔޫރޯ މުބާރާތް ކާމިޔާބުކޮށް ރަގަޅު ފޯމެއްގައި އޮތް އިޓަލީ މިއަހަރުގެ ވޯލްޑް ކަޕް ގައި ފެންނާނެ ކަމަށް ގިނަ ބަޔަކު ކުރި އުންމީދުތައް ފެނަށް ދުއްވާލީ މިހާތަނަށް ދުވަހަކު ވޯލްޑް ކަޕް ކުޅެފައި ނުވާ ނޯތު މެސެޑޯނިއާ އިންނެވެ.
ވޯލްޑް ކަޕްގެ ކުރިން ގަތަރު އޭޝިއާގެ ޗެމްޕިއަންކަން ހޯދީ މުޅިން އަލަށެވެ. ވޯލްޑް ކަޕް ހުޅުވަން ކުޅުނު މެޗުގައި، ހޯސްޓުގެ ހައިސިއްޔަތުން މިއަހަރު އަލަށް ކުޅޭ ގަތަރު ނުކުތީ، ދެކުނު އެމެރިކާގެ ގައުމެއް ކަމަށްވާ އިކުއެޑޯއާ ދެކޮޅަށެވެ.
ފީފާ ރޭންކިންގައި ދެ ޓީމުގެ ދެމެދުގައި މާ ބޮޑު ފަރަގެއް ނެތް ނަމަވެސް ކުޅުންތެރިންގެ މެދުގައި ތަޖުރިބާގެ ތަފާތު ފެނިގެން ދިޔަ މެޗު 2-0 އިން ކާމިޔާބު ކުރީ އިކުއެޑޯ އެވެ.
މިއާ އެކު ގަތަރު ވެގެން ދިޔައީ ވޯލްޑް ކަޕްގެ ތާރީހުގައި ވެސް ފުރަތަމަ މެޗުން ބަލިވި ފުރަތަމަ ހޯސްޓް ގައުމަށެވެ.
ގަތަރާއި އިކުއެޑޯ އާއެކު އެފްރިކާގެ ޗެމްޕިއަން ސެނެގާލް ވެސް ހިމެނެނީ އެއް ގުރޫޕެއްގަ އެވެ. މުބާރާތަށް ކުޑަތަން ވެފައި ވަނިކޮށް އެޓީމުގެ ކެޕްޓަން އަދި ސްޓާ ޕްލޭޔާ ސަޑިއޯ މާނޭ އަށް އަނިޔާ ވުމަކީ އެޓީމަށް ދިމާވި ފޫ ނުބެއްދޭ ވަރުގެ ބޮޑު ގެއްލުމެކެވެ.
ސެނެގާލް ފުރަތަމަ މެޗުގައި ބައްދަލުކުރީ ނެދަލެންޑްސް އާ ދެކޮޅަށެވެ. އެއް މުބާރާތެއްގެ މެދުކެނޑުމަކަށް ފަހު ނަމަވެސް ބަލިނުވުމުގެ ރެކޯޑަކާ އެކު، ރަނގަޅު ފޯމެއްގައި ވޯލްޑް ކަޕާ ކުރިމަތިލި ނެދަލެންޑްސް އަށް ސެނެގާލްގެ ގޯލު ފޫއަޅުވާލަން މެޗުގައި އުނދަގޫތަކަކާ ކުރިމަތިވި އެވެ. އެހެން ނަމަވެސް ނެދަލެންޑްސް އިން 2-0 އިން މެޗު ކާމިޔާބު ކުރީ އެންމެ ފަހު ވަގުތު ކާމިޔާބުކުރި ގޯލުތަކުންނެވެ.
އެންމެ ހައިރާންކުރުވީ މުބާރާތުގެ ފޭވަރިޓުންގެ ތެރޭގައި ހިމެނޭ އާޖެންޓީނާ އަށް ކުރިމަތިވި ނާކާމިޔާބުންނެވެ. އާޖެންޓީނާ ވޯލްޑް ކަޕަށް އައީ ބަލި ނުމުވުގެ 36 މެޗުގެ ރެކޯޑަކާ އެކު އެވެ. ނަމަވެސް ސައުދީ އިން ވަނީ ފުރަތަމަ މެޗުގައި މި ރެކޯޑަށް ނިމުން ގެނެސްފަ އެވެ.
ދުނިޔޭގެ އެންމެ މޮޅު އެއް ކުޅުންތެރިޔާ ލިއޮނެލް މެސީ ގޯލު ޖަހައި ލީޑު ނަގައިދީފައި ވަނިކޮށް ސައުދީ އިން މެޗު ކާމިޔާބު ކުރީ ފަހަތުން އަރައި 2-1 އިންނެވެ. މިއީ 2009 ގެ ފަހުން މެސީ ލަނޑު ޖެހި މެޗަކުން އާޖެންޓީނާ ބަލިވި ފުރަތަމަ ފަހަރު ވެސް މެ އެވެ.
ސައުދީގެ މި ބޮޑު ކާމިޔާބީ ފާހަގަކޮށް، އެ ގައުމުގައި ވަނީ މިއަދަކީ ގައުމުގެ ހުރިހާ ރައްޔިތުންނަށް ޗުއްޓީ ދުވަހެއްގެ ގޮތުގައިކަނޑައަޅައިފަ އެވެ.
އާޖެންޓީނާ ހިމެނޭ ގުރޫޕް ސީ ގައި ޕޮލެންޑާއި މެކްސިކޯ ވެސް ހިމެނެ އެވެ.
ސަރަހައްދީ ޗެމްޕިއަނުންގެ ތެރެއިން ބަލި ނުވެ ސަލާމަތްވީ، އުތުރު އެމެރިކާގެ ޗެމްޕިއަން އެމެރިކާ އެކަންޏެވެ. ވޯލްޑް ކަޕް ގައި 64 އަހަރު ފަހުން ކުޅޭ ވޭލްސް އާ ދެކޮޅަށް އެމެރިކާ ކުޅުނު ގުރޫޕް ބީގެ މެޗް ނިމުނީ 1-1 އިން އެއްވަރު ވެގެންނެވެ.
ލައިބީރިއާގެ ރައީސް އަދި އެ ގައުމުގެ ކުރީގެ ފުޓްބޯޅަ ކުޅުންތެރިޔާ ޖޯޖް ވިއާގެ ދަރިފުޅު ޓިމޮތީ ވިއާ ފުރަތަމަ ހާފުގައި ޖެހި ހަމައެކަނި ލަނޑުން އެމެރިކާ މޮޅުވާން ދަނިކޮށް ނަތީޖާ އެއްވަރުވީ، އެންމެ ފަހު 10 މިނިޓެ ތެރޭ ވޭލްސް އަށް ލިބުނު ޕެނަލްޓީއަކާ އެކު އެވެ.
އެމެރިކާ އަށް މި ގުރޫޕުގައި ކުރިއަށް އޮތީ އިންގްލެންޑާ ދެކޮޅަށް ކުޅޭ މެޗެވެ. އަދި ގުރޫޕްގެ ފަހު މެޗުގައި ބައްދަލުކުރާނީ އީރާނާ ދެކޮޅަށެވެ.