23 ނޮވެމްބަރ 2022 - 09:47

މެންޗެސްޓާ (ނޮވެމްބަރު 23) - މެންޗެސްޓާ ޔުނައިޓެޑް ވިއްކާލަން އެ ކްލަބް މިހާރު ހިންގާ އެމެރިކާގެ ގްލޭޒާ އާއިލާ އިން ނިންމައިފި އެވެ.
ޔުނައިޓެޑް ހިންގުމުގައި އެ އާއިލާއިން ވަނީ 17 އަހަރު ހޭދަ ކޮށްފަ އެވެ. އެކަމަކު މިދިޔަ 10 އަހަރަކީ ނާކާމިޔާބު އަހަރުތަކެކެވެ. ތަފާތު އެކި ކޯޗުންނާއި އެކި ކުޅުންތެރިން ޔުނައިޓެޑަށް ގެނެސްގެން ވެސް ކާމިޔާބު "ސްޕޯޓިން ޕްރޮޖެކްޓެއް" ކްލަބްގައި މިދިޔަ 10 އަހަރު އެކަށައެޅޭނެ ގޮތެއް ނުވި އެވެ.
ޔުނައިޓެޑް ވިއްކާލަން، ގްލޭޒާގެ އާއިލާއިން އިއުލާން ކުރީ، އެ ކްލަބްގެ ލެޖެންޑް ކްރިސްޓިއާނޯ ރޮނާލްޑޯ އާއެކު ހަދައިފައިވާ ކޮންޓްރެކްޓް ދެފަރާތް އެއްބަސްވެގެން އުވާލަން ނިންމިކަން އިއުލާން ކުރި ދުވަހު އެވެ.
"މެންޗެސްޓާ ޔުނައިޓެޑްގެ ވަރުގަދަކަން ބިނާވެފައިވަނީ 1.1 ބިލިއަން ސަޕޯޓަރުންގެ ވަފާތެރި ކަމަށް. ކްލަބުގެ ކާމިޔާބީގެ ތާރީހުގެ މައްޗަށް އަލުން ކްލަބް ބިނާ ކުރުމުގެ މަސައްކަތް ކުރިއަށްދާއިރު ކްލަބް ހަރުދަނާ ކުރުމަށް އެހެން ގޮތަކަށް ބަދަލު ކުރުމުގެ ހުއްދަ ކްލަބްގެ ބޯޑުން ވަނީ ދީފަ،" އެގްޒެކެޓިވް ކޯ ޗެއާމަން އަވްރަމް ގްލޭޒާ އާއި ޑިރެކްޓަރު ޖޮއެލް ގްލޭޒާ ފަރާތުން ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ.
މިފަހުން ހާމަކޮށްފައިވާ ބައެއް ހިސާބުތައް ދައްކާގޮތުން ޔުނައިޓެޑްގެ އަގަކީ 3.75 ބިލިއަން ޑޮލަރެވެ. އެކަމަކު ކްލަބް ގަންނަ ފަރާތަކުން އެއަށް ވުރެ ބޮޑު ހޭދައެއް ކުރަން ޖެހޭނެ އެވެ. ޗެލްސީ ގަތް އެމެރިކާގެ ވިޔަފާރި ވެރިޔާ ޓޮޑް ބޮއެލީ އެ ކްލަބް ގަންނަން 4.25 ބިލިއަން ޑޮލަރު ހޭދަ ކުރި އެވެ.
އިނގިރޭސި ވިލާތުގެ އެންމެ މުއްސަނދި މަހުޖަނު ޖިމް ރެޓްކްލިފް ވަނީ ޔުނައިޓެޑް ގަތުމަށް އޯގަސްޓް މަހު ޝައގުވެރިކަން ފާޅުކޮށްފަ އެވެ.
"ކްލަބް ވިއްކަން ނެރޭނަމަ ޖިމް އެ ކްލަބް ގަންނާނެ ކަމަށް ވަރަށް ބޮޑަށް ބެލެވޭ،" ރެޓްކްލިފްގެ ތަރުޖަމާން އޭރު ބުނެފައި ވެއެވެ.
ޔުނައިޓެޑް ވިއްކާލަން ގްލޭޒާގެ އާއިލާއިން ނިންމީ، އެ އާއިލާ އާ ދެކޮޅަށް އެ ކްލަބްގެ ބައެއް ސަޕޯޓަރުން އެތައް ކެމްޕޭނެއް ހިންގި ފަހުންނެވެ.