23 ނޮވެމްބަރ 2022 - 02:38

އަލް ވަކްރާ، ގަތަރު (ނޮވެމްބަރު 23) - އެންމެ ފަހުގެ ޗެމްޕިއަން ފްރާންސުން މި އަހަރުގެ ވޯލްޑް ކަޕްގެ ފުރަތަމަ މެޗުގައި އޮސްޓްރޭލިއާ އަތުން 4-1 އިން މޮޅުވި މެޗުގައި ދެ ގޯލު ޖަހައިގެން ފޯވާޑް އޮލިވިއޭ ޖިރޫ، ފްރާންސް ޓީމަށް އެންމެ ގިނަ ލަނޑު ޖަހައިދީފައިވާ ތިއެރީ އޮންރީގެ ރެކޯޑާ ހަމަކޮށްފި އެވެ.
ފްރާންސުން ވަރުގަދައަށް މެޗު ފެށި ނަމަވެސް ވަރަށް ކުރީކޮޅު އޮސްޓްރޭލިއާ އިން ވަނީ ލަނޑެއް ޖަހައި ލީޑު ހޯދައިފަ އެވެ. ނުވަ ވަނަ މިނިޓުގައި މި ލަނޑު އޮސްޓްރޭލިއާ އަށް ޖަހައިދިނީ ފޯވާޑް ކްރެއިގް ގުޑްވިން އެވެ.
އެހެން ނަމަވެސް ރަނގަޅު ފޯމެއްގައި ކުޅެމުން ދިޔަ ޗެމްޕިއަން ފްރާންސުން ނަތީޖާ އެއްވަރުކުރީ 27 ވަނަ މިނިޓުގައި ތެއޯ ހެނާންޑޭޒް ނެގި ހުރަހެއް ބޮލުން ޖަހައި އާރޮން ރަބިއޯ ކާމިޔާބު ކޮށްދިން ގޯލުންނެވެ. އަދި އޭގެ ފަސް މިނިޓު ފަހުން ފްރާންސަށް މެޗުގައި ލީޑު ހޯދައިދިން ލަނޑު ޖިރޫ ކާމިޔާބު ކުރީ ރަބިއޯ ގެ އެހީތެރިކަމާ އެކު އެވެ.
ފްރާންސްގެ ތިން ވަނަ ލަނޑު 68 ވަނަ މިނިޓުގައި އޮސްމާން ޑެމްބެލޭ ދިން ޕާހަކުން ޖެހީ ކިލިއަން އެމްބާޕޭ އެވެ. ތިން ވަނަ ލަނޑު ޖެހިތާ ތިން މިނިޓު ތެރޭ އެމްބާޕޭ ދިން ބޯލައެއް ގޯލަށް ފޮނުވާލައިގެން ލީޑު އިތުރަށް ފުޅާ ކޮށްދިނީ ޖިރޫ އެވެ.
ޖިރޫގެ މި ލަނޑާ އެކު ގައުމީ ޓީމަށް އޭނާ ޖެހި ގޯލުގެ އަދަދު ވަނީ 51 އަށް އަރައިފަ އެވެ. އޭނާ މި އަދަދަށް ގޯލު ހަމަކުރީ 115 މެޗު ކުޅެގެންނެވެ. ކުރީގެ ފޯވާޑް އޮންރީ 51 ލަނޑު ޖެހީ 123 މެޗު ކުޅެގެންނެވެ.
ޖިރޫ ވަނީ ފުރަތަމަ ހާފުގައި ރީތި އޯވާހެޑް ކިކެއް ވެސް ފޮނުވާލައިފަ އެވެ. ނަމަވެސް އެ ބޯޅަ ދިޔައީ ގޯލު ދަނޑި ކައިރިން ބޭރަށެވެ. އެމްބާޕޭ އަށް ވެސް ވަނީ މެޗުގައި ގޯލު ޖަހަން ރަނގަޅު ގިނަ ފުރުސަތުތަކެއް ލިބި ބޭކާރު ވެފަ އެވެ.
ފްރާންސާއި އޮސްޓްރޭލިއާ އާއެކު ގުރޫޕް ޑީ ގައި ހިމެނޭ ޑެންމާކާއި ޓިއުނީޝިއާ ބައްދަލުކުރި މެޗު ނިމުނީ ލަނޑެއް ނުޖެހި އެއްވަރު ވެގެންނެވެ.
ގުރޫޕް ސްޓޭޖުގައި ފްރާންސްގެ ދެ ވަނަ މެޗުގައި އެޓީމު ނުކުންނާނީ ޑެންމާކާ ދެކޮޅަށެވެ.