ލެވަންޑޮސްކީގެ ޕެނަލްޓީ މަތަކޮށް އޮޗޮއާ ތަފާތު ދައްކައިފި
ލެވަންޑޮސްކީގެ ޕެނަލްޓީ މަތަކޮށް އޮޗޮއާ ތަފާތު ދައްކައިފި

ދޯހާ (ނޮވެމްބަރު 22) - ފާއިތުވި ދެ އަހަރު ވެސް ފީފާ އިން ހޮވި އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި ޕޮލެންޑްގެ ރޮބާޓް ލެވަންޑޯސްކީ ޖެހި ޕެނަލްޓީ މަތަކޮށް، މެކްސިކޯގެ ތަޖުރިބާކާރު ގޯލްކީޕަރު ގިލާމޯ އޮޗޮއާ ތަފާތު ދައްކައިފި އެވެ.

ވޯލްޑް ކަޕްގެ ގުރޫޕް ސީ ގެ ދެ ވަނަ މެޗުގައި މިރޭ ޕޮލެންޑާއި މެކްސިކޯ ބައްދަލުކުރި މެޗު ނިމުނީ ލަނޑެއް ނުޖެހި 0-0 އިން އެއްވަރު ވެގެންނެވެ. މި ގުރޫޕްގެ އެއްވަނައިގައި އޮތީ ފުރަތަމަ މެޗުގައި ވަރުގަދަ އާޖެންޓީނާ 2-1 އިން ބަލިކުރި ސައުދީ އަރަބިއްޔާ އެވެ.

ފުރަތަމަ ހާފުގައި މެކްސިކޯ އިން ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނު އިރު ފަހު ވަގުތު ޑިފެންޑަރު ޖޯޖް ސަންޗޭޒް ފޮނުވާލި ހަމަލާއެއް ޕޮލެންޑްގެ ކީޕަރު ވޮއިޒެކް ޝެޒްނީ ވަނީ ދިފާއު ކޮށްފަ އެވެ.

ދެވަނަ ހާފުގައި މެކްސިކޯގެ ޑިފެންޑަރު ހެކްޓާ މޮރޭނޯ ލެވަންޑޯސްކީގެ ޖޯޒީގައި ހިފެހެއްޓުމުގެ ސަބަބުން ރެފްރީ ވަނީ ވީއޭއާރު ބަލައި، ޕޮލެންޑަށް ޕެނަލްޓީއެއް ދީފަ އެވެ. ނަމަވެސް 55 ވަނަ މިނިޓުގައި ލެވަންޑޯސްކީ ފޮނުވާލި ޕެނަލްޓީ، އުމުރުން 37 އަހަރުގެ ގޯލްކީޕަރު އޮޗޮއާ ވަނީ ދިފާއު ކޮށްފަ އެވެ.

މިއީ ގޯލްކީޕަރު އޮޗޮއާ މެކްސިކޯއާ އެކު ކުޅޭ ހަތަރު ވަނަ ވޯލްޑް ކަޕެވެ. ކްލަބް ލެވެލްގައި މާ ބޮޑު ކާމިޔާބެއް އޭނާ އަށް ހޯދިފައި ނުވި ނަމަވެސް، ވޯލްޑް ކަޕް ގައި އޭނާ އަކީ އަބަދުވެސް ތަފާތު ފޯމެއްގައި ކުޅޭ ކީޕަރެކެވެ.

މެކްސިކޯގެ ކެޕްޓަން އަންޑްރެސް ގުއަޑާޑޯ މިރޭގެ މެޗުގައި ނުކުޅެ އެވެ. އެހެންވެ ޕޮލެންޑާ ދެކޮޅަށް މެޗުގައި މެކްސިކޯގެ ޓީމު ލީޑު ކުރީ ވައިސް ކެޕްޓަން އޮޗޮއާ އެވެ.

ޕެނަލްޓީ ދިފާއު ކުރުމަށް ފަހު މެކްސިކޯ އިން ވަނީ ގޯލެއް ޖަހަން ނުރައްކާތެރި ހަމަލާއެއް ފޮނުވާލައިފަ އެވެ. ނަމަވެސް ފޯވާޑް ހެންރީ މާޓިން ފޮނުވާލި ހަމަލާ ކީޕަރު ޝެޒްނީ މަތަކުރި އެވެ.

ގުރޫޕް ސްޓޭޖުގައި މެކްސިކޯ ދެން ނުކުންނާނީ އާޖެންޓީނާއާ ދެކޮޅަށެވެ. އަދި ޕޮލެންޑްގެ ދެ ވަނަ މެޗުގައި ކުޅޭނީ ސައުދީ އަރަބިއްޔާއާ ދެކޮޅަށެވެ.