ޓިއުނީޝިއާ އިން ޑެންމާކު ހުއްޓުވައިފި
ޓިއުނީޝިއާ އިން ޑެންމާކު ހުއްޓުވައިފި

އަލް ރައްޔާން (ނޮވެމްބަރު 22) - ޓިއުނީޝިއާ އިން ޑެންމާކާ ދެކޮޅަށް ކުޅުނު ފޯރިގަދަ މެޗް ލަނޑެއް ނުޖެހި އެއްވަރު ވެގެން ނިމިއްޖެ އެވެ.

ފުރަތަމަ ފަހަރަށް މުސްލިމް ގައުމެއްގައި ބާއްވާ ފީފާ ވޯލްޑް ކަޕްގައި މިރޭ ކުޅެން އޮތް ހަތަރު މެޗުގެ ތެރެއިން ފުރަތަމަ ދެ މެޗުގައި މުސްލިމް ދެ ގައުމެއް ކުޅުނެވެ. ފުރަތަމަ މެޗުގައި ސައުދީ އަރަބިއްޔާ އިން މުބާރާތުގެ އެއް ފޭވަރިޓުން ކަމަށްވާ އާޖެންޓީނާ ފަހަތުން އަރައި ބަލިކުރި އިރު، ޓިއުނީޝިއާ އިން މިވަނީ ޑެންމާކާ ދެކޮޅަށް ކުޅެ ޕޮއިންޓެއް ހޯދައިފަ އެވެ.

ފުރަތަމަ ހާފުގައި ވެސް ޓިއުނީޝިއާ އިން ވަނީ މޮޅަށް ކުޅެފަ އެވެ. ބޮޑަށް ޕްރެސް ކޮށްގެން ކުޅުނު އިރު ޑިފެންސުގައި ވެސް މޮޅަށް ކުޅެފައި ވެއެވެ. އެޓީމަށް ގޯލު ޖަހަން އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ ފޯވާޑް އިސާމް ޖިބާލީ އަށެވެ. ނަމަވެސް ޑެންމާކް ކީޕަރު ކެސްޕާ ޝްމައިކަލް ބޯ މަތިން ފޮނުވާލަން ޖެހި ބޯޅަ އޭނާ ދިފާއު ކުރި އެވެ.

ދެވަނަ ހާފުގައި ވެސް ޖެބާލީ އަށް މުޅިން ހުސްކޮށް ބޯޅަ ހިފައިގެން ކުރިއަށް އަރައި ގޯލު ޖަހަން ފުރުސަތު ލިބުނެވެ. ނަމަވެސް އޭނާގެ ދުވެލި މަޑު ވުމުން ފުރުސަތުގެ ބޭނުމެއް ނުކުރެވުނެވެ.

ފަހު ހާފުގައި ޑެންމާކު ކުޅުނީ ފުރަތަމަ ހާފަށް ވުރެ ބޮޑަށް ކުރިއަށް ޖެހިގެންނެވެ. އެޓީމުން މެޗުގެ 56 ވަނަ މިނިޓުގައި ގޯލެއް ޖަހައި ލީޑު ހޯދި ކަމަށް ބެލެވުނެވެ. އެކަމަކު އަންޑްރެއަސް ސްކޯވް އޮލްސެން ޖެހި ގޯލު ބަލައި ނުގަތީ އޮފްސައިޑް ވެގެންނެވެ.

އޭގެ ފަހުން ކްރިސްޓިއަން އެރިކްސަން ފޮނުވާލި ބާރު ހަމަލާ ދިފާއު ކުރީ ޓިއުނީޝިއާގެ ގޯލްކީޕަރު އައިމަން ދާމެން އެވެ. ކީޕަރު އެ ބޯޅަ ދިފާއު ކުރުމުން ލިބުނު ކޯނަރުން އެރިކްސަން ނެގި ބޯޅަ އަންޑްރެއަސް ކްރިސްޓެންސެން ބޮލުން ހުރަސްކޮށްލި ބޯޅަ އަންޑްރެއަސް ކޯނޭލިއަސް ގޯލާ ދިމާއަށް ފޮނުވާލުމުން އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށެވެ.

މެޗުގެ ފަހު ވަގުތު ޑެންމާކުން ލަނޑެއް ޖަހަން ވަރަށް ބޮޑަށް މަސައްކަތް ކުރި އެވެ. ޖެސްޕާ ލިންޑްސްޓްރޯމް ދުރުން ފޮނުވާލި ހަމަލާއެއް ކީޕަރު ދާމެން ކޯނަރަކަށް ބޭރު ކުރި އެވެ. ނަމަވެސް ކޯނަރުގެ ކުރިން ރެފްރީ ވަނީ ޑެންމާކުން އޭގެ ކުރިން ނެގި ކޯނަރެއްގައި ޓިއުނީޝިއާ ކުޅުންތެރިއެއް އަތުގައި ބޯޅަ ޖެހުނު ކަމަށް ބަލައި ރެފްރީ ވީއޭއާރު ރިވިއު ކުރަން ނިންމި އެވެ. ނަމަވެސް ރިވިއު އަށް ފަހު ރެފްރީ ނިންމީ އޭގައި ޕެނަލްޓީއެއް ދޭވަރު ކަމެއް ހިނގާފައި ނުވާކަމަށެވެ.