ދަތުރުވެރި ޒުވާނާ މިކުރާ ސަޅިކަމެއް ބަލާބަލަ!
ދަތުރުވެރި ޒުވާނާ މިކުރާ ސަޅިކަމެއް ބަލާބަލަ!

ސްކޫލް ބަންދުގައި ޝާން އިބްރާހިމްގެ ހުރިހާ ރައްޓެހިންހެން ރަށުން ބޭރަށް ދަތުރުކުރެ އެވެ. ނަމަވެސް، އާއިލާގެ ހާލަތު އޭރު ހުރިގޮތުން، ފުވައްމުލަކަށް އުފަން ޝާންއަށް އެ ފުރުސަތެއް ނުލިބުނެވެ. ރަށުގައި އުޅެ ބޮޑުވީ، ރަށުން ބޭރަށް ދަތުރުކޮށްލާނެ ފުރުސަތެއް ނުލިބި އެވެ. ފުވައްމުލަކު ކައިރީގައި އިތުރު ރަށެއް ނޯންނާތީއާ ވެސް އެކު، އެހެން ރަށްރަށުގެ މީހުން ދިރިއުޅޭގޮތް ދެކިލުމުގެ ނަސީބެއް ނުލިބުނެވެ.

ދަތުރުވެރި ޒުވާނާ މިކުރާ ސަޅިކަމެއް ބަލާބަލަ!
ދަތުރުވެރި ޒުވާނާ މިކުރާ ސަޅިކަމެއް ބަލާބަލަ!

އެހެންވެ، އޭނާ ބޮޑުވަމުން އައިއިރު، އެންމެ ބޭނުންވީ، އަމިއްލަ ފައިމައްޗަށް ތެދުވެވުނު ދުވަހަކުން ރާއްޖޭގެ އެކި ރަށްތަކަށް ދަތުރުކޮށް، އެ ތަންތަނުގައި މީހުން ދިރިއުޅޭ ގޮތް ބަލައިލުމަށެވެ. އެ މީހުންނާ ގުޅޭ ވާހަކަތައް ހޯދާށެވެ. އޭގެ ފަހުން މިހާރު ވަރަށް ގިނަ ރަށްރަށަށް އޭނާއަށް ދެވިއްޖެ އެވެ.

ދަތުރުވެރި ޒުވާނާ މިކުރާ ސަޅިކަމެއް ބަލާބަލަ!
ދަތުރުވެރި ޒުވާނާ މިކުރާ ސަޅިކަމެއް ބަލާބަލަ!

އޭނާ ދާ ރަށްރަށުން ފެންނަ މަންޒަރުތައް ސޯޝަލް މީޑިއާގައި ހިއްސާކުރަން ފެށި އެވެ. އެކަމަކު ވަކި ހިސާބަކުން ހަމައެކަނި ފޮޓޯ އާއި ވީޑިއޯ އެޅުމުގެ ބަދަލުގައި، އެ ރަށްރަށުން ކުރެވުނު ތަޖުރިބާތަކާއި މީހުން ދިރިއުޅުން ހުންނަގޮތާ އަދި އެނޫން ވެސް އެ ރަށަކާ ގުޅޭ ވާހަކަތައް ލިޔެ ފޭސްބުކްގައި ހިއްސާކުރަން ފެށި އެވެ. އެއާ އެކު "ދަތުރުވެރި ޒުވާނާ"ގެ ނަމުގައި މީހުންނަށް އޭނާ އެނގެން ފެށި އެވެ. އެއީ ސޯޝަލް މީޑިއާގައި އޭނާ ބޭނުންކުރާ ނަމެވެ.

ދަތުރުވެރި ޒުވާނާ މިކުރާ ސަޅިކަމެއް ބަލާބަލަ!
ދަތުރުވެރި ޒުވާނާ މިކުރާ ސަޅިކަމެއް ބަލާބަލަ!

އުމުރުން 28 އަހަރުގެ ޝާން ބުނިގޮތުގައި، މި އަހަރު އެކަނި ވެސް އޭނާ 45 ރަށަކަށް ހިނގައްޖެ އެވެ.

އޭނާ އެކަނި ކުރާ މި ދަތުރުތަކުގައި، އާންމުކޮށް ކޮންމެ ރަށެއްގައި ވެސް އެއް ދުވަހު މަޑުކުރެ އެވެ. ބޮޑު ރަށެއް ނަމަ ބައެއް ފަހަރު ދެ ދުވަހު ވެސް މަޑުކުރެ އެވެ.

"އެންމެފަހުން ދިޔައީ ހއ. ފިއްލަދުއަށް. އެ ރަށާ ގުޅިފައި އޮވޭތާ ދައްޕަރު. އެއް ދުވަހުން އެ ރަށުގެ މަންޒަރުތައް ނަގައި ކަންކަން ނުކުރެވޭނެތީ ދެ ދުވަހު މަޑުކުރީ،" އޭނާ ބުންޏެވެ.

"ދައްޕަރުގައި އޮވޭ ވަރަށް ރީތި ކުޅިއަކާ އެއްޗެހި. އެހެންވެ، އެތަން ވެސް ބެލޭނެ ގޮތަށް ވިސްނައިގެން ދެ ދުވަހަށް ދިޔައީ."

ހއ. އަތޮޅުގެ އެންމެ ބޮޑު އެއް ރަށް ކަމަށްވާ ފިއްލަދުއާ ބެހޭގޮތުން ޝާން ފޭސްބުކްގައި ކުރި ޕޯސްޓުގައި ބުނީ، އެއީ އޭނާ މިހާތަނަށް ދިޔަ ރަށްތަކުގެ ތެރެއިން އެންމެ ތަފާތު ތަޖުރިބާއެއް ކުރެވުނު ރަށް ކަމަށެވެ.

ފިއްލަދުއާ ގުޅިފައިވާ ދައްޕަރަކީ ވެސް ރީތި ވިލަކާއި ހިތްގައިމު ކުޅިއެއް އޮތް ގުދުރަތީ ރީތިކަމެއް ލިބިފައިވާ ރަށެއް ކަމަށް އޭނާ ބުންޏެވެ.

"ރަށުގައި ދެ ކެފޭ ހުއްޓެއްކަމަކު ކެއުމުގެ ހިދުމަތް ނުލިބޭތީ ދެ ދުވަސް ހޭދަކުރަން ޖެހުނީ ހެނދުނާއި ހަވީރު ހެދިކާ އާއި ސައި އަދި އެހެން ވަގުތުތަކުގައި ފިހާރައަކުން ޕެކެޓް ދަޅަކުން ގޮތެއް ހަދާލައިގެން،" އޭނާ ބުންޏެވެ.

"ތަފާތު ރަށްތަކަށް ޒިޔާރަތްކުރުމަކީ މިކަހަލަ ތަފާތު ހާލަތްތަކާ ކުރިމަތިވާނެ ކަމެއްކަން މާ ކުރިން ވެސް ގަބޫލުކޮށްގެން ހުރުމުގެ ސަބަބުން އެކަންތައް މާ ބޮޑު ކަމަކަށް ނުވި."

އެ ދަތުރުގައި އޭނާ ދެން ދިޔައީ އެ އަތޮޅު އުލިގަމަށެވެ. ޔޮޓްފަހަރު ބަނދަރުކުރާ ރަށެއްގެ ގޮތުގައި މަޝްހޫރު އުލިގަމުން އޭނާ ތަފާތު ކަމަކަށް ފާހަގަކުރެވުނީ ރަށަށް ބޭނުންވާ ކަރަންޓު އުފައްދާ ގޮތެވެ.

"ރާއްޖޭގެ އެހެން ރަށްތަކާ ހިލާފަށް އުލިގަމަކީ ތިމާވެއްޓާ ރައްޓެހި ގޮތަކަށް ކަރަންޓް އުފައްދާ ފޯރުކޮށްދެމުން އަންނަ ރަށެއް. އެގޮތުން ވައިން ކަރަންޓް އުފެއްދުމަށް 24 ބުރަފަތި ރަށުގެ އުތުރުގެ ސަރަހައްދެއްގައި ހަރުކޮށްފައިވޭ،" އޭނާ ބުންޏެވެ.

ޝާން ރަށްރަށް ދަނީ، އެ ރަށްރަށުގެ ހިތްގައިމު މަންޒަރުތަކުގެ ފޮޓޯ އާއި ވީޑިއޯ ވެސް ނަގަން ތައްޔާރުވެގެންނެވެ. އޭނާ ގެންގުޅޭ ފޯނާއި ކެމެރާ އާއި ޑްރޯން އިން ވެސް މަންޒަރުތައް ނަގަ އެވެ. އަދި އެ ރަށްރަށާ ގުޅޭ މައުލޫމާތުތައް ހޯދައި، ނޯޓުކުރެ އެވެ.

މި އަހަރު އޭނާ ދެން ދިޔައީ ހދ، ނ، ބ، ޅ، ލ، ގދ. އަދި އައްޑޫގެ ރަށްތަކަށެވެ.

އެންމެ ހިތްހަމަޖެހޭ ރަށަކަށް މި އަހަރު ދެވުނީ ހއ. ތުރާކުނަށް ކަމަށް އޭނާ ބުންޏެވެ.

"އެ ރަށުގެ ކޮންމެ މީހެއްގެ ވެސް މެހުމާންދާރީ ވަރަށް ރަނގަޅު. ދިމާވާ ކޮންމެ މީހަކު ވެސް ހާލު ބަލައި، ކޮންތާކުން އައި މީހެއްތޯ ސުވާލުކޮށް، އެގޮތަށް ވަރަށް ފްރެންޑްލީ މާހައުލެއް. އެންމެވެސް ވަރަށް ހެޔޮ،" އޭނާ ބުންޏެވެ.

ހދ. ކުޅުދުއްފުޓަށް އޭނާ ކުރި ދަތުރަކީ ވެސް ވަރަށް ހަނދާނީ ދަތުރެއް ކަމަށް ބުންޏެވެ. އެ ރަށަށް ދާން ޕްލޭން ހެދިއިރުގައި، އެންމެ އުއްމީދުކުރި ކަމަކީ، ނޮވެމްބަރު 3، 1988ގެ ޓެރަރިސްޓް ހަމަލާގައި ނިޔާވި ޝަހީދު ހުސެއިން އާދަމްގެ މައިންބަފައިންނާ ބަދަލުކޮށްލުން ކަމަށް ބުންޏެވެ.

"އެ އުއްމީދު ހާސިލުކޮށްގެން ރަށުން ފޭބީ،" އޭނާ ބުންޏެވެ.

ޝާން މިހާރު މަސައްކަތް ކުރަނީ ނިޔާމަ ޕްރައިވެޓް އައިލެންޑް ރިސޯޓުގެ ބޮޓިކް ބައިގަ އެވެ. ރިސޯޓުން ދޭ އޮފު ދުވަސްތަކާއި އަހަރު ޗުއްޓީތައް އެއްކޮށްލައިގެން، އަހަރުގެ އެކި ދުވަސްވަރު ޗުއްޓީ ނަގައިގެން އޭނާ ރަށްރަށަށް ދަތުރުކުރެ އެވެ.

އެ ދަތުރުތަކަށް މާ ބޮޑު ހަރަދެއް ވެސް ނުހިނގާ ކަމަށް އޭނާ ބުންޏެވެ.

"ވަރަށް ބަޖެޓުކޮށް އަސްލު ދަތުރުކުރަނީ. އާންމުކޮށް އެންމެ ބޮޑު އެއްޗެއް ދަނީ ޓިކެޓަށް. ރަށްރަށުގައި ކެއިންބުއިމަށް މާ ބޮޑު ހަރަދެއް ނުހިނގާ،" ޝާން ބުންޏެވެ.

މިހާރު އޭނާ ޕްލޭން ކުރަމުން އަންނަނީ ނުދެވި ހުރި ރަށްތަކަށް އަންނަ އަހަރު ދިއުމަށެވެ. އެއީ ރިސޯޓުތަކުގެ ޕީކް ސީޒަން ފެށޭތީ މި އަހަރު ދެން ޗުއްޓީއެއް ލިބޭނެހެން ހީނުވާތީ އެވެ.

ޝާން ބުނިގޮތުގައި، މި ދަތުރުތަކުގައި ތަފާތު މީހުންނާ ދިމާވެ، އެމީހުންނާ އެކު އުޅެލައި، އެމީހުންގެ ވާހަކަތައް އަޑުއަހާލުމަކީ އޭނާއަށް ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ. ރަށްރަށުގެ ގުދުރަތީ މާހައުލުން އެ ލިބޭ ހިތްހަމަޖެހުމަކީ އޭނާއަށް ބުނެދޭން ނޭނގޭ އުފާވެރި އިހުސާސްތަކެކެވެ. އޭނާ ބުނިގޮތުގައި، މި ދަތުރުތަކުގައި، ރާއްޖޭގެ އެކި ހިސާބުތަކުގައި މީހުންގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް އަންނަމުންދާ ބަދަލުތައް ވެސް ފާހަގަކުރެވުނެވެ.

"އެކި ހިސާބުތަކުގައި މީހުންގެ ވާހަކަދެއްކުމުގައި ހުރި ތަފާތުތައް، ރާގުގެ ތަފާތުތައް ފާހަގަކުރެވުނު. ކައްކާ، ކައި އުޅޭ އެއްޗެހީގެ ރަހައިގެ ތަފާތުތައް ވެސް ތަޖުރިބާކުރެވުނު،" އޭނާ ބުންޏެވެ.

"ދެން މިސާލަކަށް ބ. އަތޮޅުގެ ރަށްތަކަށް ބަލަންޏާ މިހާރު ވަރަށް ބޮޑަށް ގެސްޓް ހައުސްތަކަށް މި އޮންނަނީ އެ ރަށްތައް ބަރޯސާވެފައި. އެހެންވީމަ، އަހަރެމެން މިހެން އެކަނި އެ ރަށްރަށަށް ދިޔަސް، މީހުންގެ މާ ބޮޑު ސަމާލުކަމެއް ދިވެހިންގެ ފަރާތުން ނުލިބޭ.

"އެކަމަކު އެއާ ހިލާފަށް ލޯކަލް ޓޫރިޒަމް ނެތް ރަށްރަށުގައި، ރަށުން ބޭރު މީހުން މާ ގިނައިން ގޮސް ނުޅޭ ރަށްތަކުގައި ވަރަށް ބޮޑު ސަމާލުކަމެއް ލިބޭ، މީހުން ވާހަކަދައްކާ ހަދާ. އެއީ ވަރަށް ބޮޑު ބަދަލެއްކަން ފާހަގަވި،" އޭނާ ބުންޏެވެ.

އެކަނި ރަށްތަކަށް ދަތުރުކޮށް، އެ ތަންތަން ޑޮކިއުމެންޓްކޮށްލުމަކީ އޭނާއަށް ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ. އަދި ހާއްސަކޮށް އެ މައުލޫމާތު ސޯޝަލް މީޑިއާގައި އާންމުކުރުމުން މީހުންގެ ފަރާތުން ލިބޭ ސަމާލުކަމަކީ ލިބޭ ބޮޑު އުފަލެއް ކަމަށް ބުންޏެވެ.

"ވަރަށް ބައިވަރު ދިވެހިން އަސްލު ތިބޭ ދޯ ރަށްރަށް ބަލައިލަން ދާން ބޭނުންވާ. އެކަމަކު ފެމެލީ އާއި ބަޖެޓާ މި ކަހަލަ ބައިވަރު ކަންތަކަށް ޑިޕެންޑުވެގެން އެ މީހުންނަށް ވެސް ތިބެވެނީ ޓްރެވެލް ނުކުރެވިފައި. އެ ކަހަލަ މީސްމީހުންނަށް ދައްކާލަން ބޭނުންވަނީ ރާއްޖެ. ރާއްޖޭގެ އެކި ރަށްތަކަކީ ހަމަ ވަރަށް ސަޅި، ހިތްހަމަޖެހޭ މާހުލުތަކެއްކަން،" އޭނާ ބުންޏެވެ.