މުސާރަ ނުދެވި އޮތީ މިނިސްޓްރީގެ އިހުމާލަކުން ނޫން: އިސްލާމިކް މިނިސްޓްރީ
މުސާރަ ނުދެވި އޮތީ މިނިސްޓްރީގެ އިހުމާލަކުން ނޫން: އިސްލާމިކް މިނިސްޓްރީ

ފުވައްމުލަކުގެ ހަތަރު މިސްކިތުގެ މުވައްޒަފުންނަށް މުސާރަ ނުދެވި އޮތީ މިނިސްޓްރީގެ އިހުމާލުން ނޫން ކަމަށާއި މުވައްޒަފުންގެ މުސާރައިން ކައުންސިލުން ކޮށްފައިވަނީ އެހެނިހެން ހަރަދުތަކެއް ކަމަށް އިސްލާމިކް މިނިސްޓްރީން މިއަދު ބުނެފި އެވެ.

އެ ރަށުގެ މާދަޑު އަވަށުން ބަލަހައްޓަމުން އަންނަ ހަތަރު މިސްކިތުގެ މުވައްޒަފުންނަށް މިދިޔަ މަހުގެ މުސާރަ އަދިވެސް ނުލިބޭތީ އެ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ފުވައްމުލަކު އަތޮޅު ކައުންސިލުން އިއްޔެ ވާހަކަ ދެއްކި މެމްބަރަކު ވިދާޅުވީ މާދަޑު އަވަށުގެ ހަތަރު މިސްކިތެއްގެ 11 މުވައްޒަފަކަށް މިދިޔަ މަހުގެ މުސާރަ އަދި ވެސް ނުދެވޭ ކަމަށެވެ. މުސާރަ ނުދެވުމުގެ ސަބަބުން، ދަރިން ސްކޫލަށް ގެންދަންޖެހޭ ތަކެތި ނުގަނެވުމާއި ކަރަންޓު ބިލް ނުދެއްކިގެން ބައެއް މީހުންގެ ގެއަށް ރަތް ބިލް ވެސް ފޮނުވާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އިސްލާމިކް މިނިސްޓްރީގެ މީޑިއާ ކޯޑިނޭޓަރު މުހައްމަދު އަހުސަން ވިދާޅުވީ މިސްކިތްތަކުގެ މުވައްޒަފުންނަށް މުސާރަ ދިނުމަށް މިދިޔަ އަހަރުގެ ތެރޭގައި ކައުންސިލަށް ފޮނުވި ބަޖެޓުން، މިދިޔަ މަހުގެ މުސާރަ ވެސް ހަމަޖެހޭނެކަން މިނިސްޓްރީގެ ލިޔެކިޔުންތަކުން ދައްކާ ކަމަށެވެ. ނަމަވެސް އެހެނިހެން ހަރަދުތައް ކޮށްފައިވާތީ މިދިޔަ މަހުގެ މުސާރަ ދެވިފައިނުވާކަމަށް އޭނާ ވިދާޅުވި އެވެ.

"މިނިސްޓްރީގެ ލިޔެކިޔުންތަކުން ދައްކަނީ މިދިޔަ މަހުގެ މުސާރަ ވެސް ދެއްކޭނެކަމަށް އެ ބަޖެޓުން. އެހެންވީމަ މިނިސްޓްރީން ނުފޮނުވާނެ ދެއްތޯ މުސާރަ ދޭން ފައިސާއެއް،" އަހުސަން ވިދާޅުވި އެވެ.

އަހުސަން ވިދާޅުވީ މުސާރަ ދިނުމަށް ފޮނުވާ ބަޖެޓުން، އިތުރު ހަރަދެއް ނުކުރަން ކައުންސިލްތަކަށް އަންގާފައިވާނެ ކަމަށެވެ. ނަމަވެސް ފުވައްމުލަކު ކައުންސިލުން އެ ހަރަދުތައް ކޮށްފައިވަނީ މިނިސްޓްރީގެ ހުއްދަ ނުނަގާ އަދި އެންގުމެއް ވެސް ނެތި ކަން އަހުސަން ފާހަގަކުރެއްވި އެވެ.

އޭނާ ވިދާޅުވީ ފުވައްމުލަކު މިސްކިތުގެ މުވައްޒަފުންގެ މުސާރަ، އެ ކައުންސިލްގެ އެކައުންޓަށް ޖަމާކުރަން ނިންމާފައިވާ ކަމަށެވެ.

ގދ. ތިނަދޫ މިސްކިތްތަކުގެ މުވައްޒަފުންގެ މުސާރަ އަށް ވާ ފައިސާ އިސްލާމިކް މިނިސްޓްރީން ނުފޮނުވާ ކަމަށް ބުނެ އެ ރަށު ކައުންސިލުން ވަނީ، އެ ރަށުގެ މިސްކިތްތައް ބެލެހެއްޓުމަށް އިސްލާމިކް މިނިސްޓްރީއާ އެކު ހެދި އެއްބަސްވުން މިދިޔަ ނޮވެމްބަރު މަހު ބާތިލްކޮށްފަ އެވެ. އަދި މިސްކިތްތަކުގެ މުވައްޒަފުން ވަނީ އެ ރަށުގައި ހުންނަ ފެނަކަ ކޯޕަރޭޝަންގެ ދަށަށް ބަދަލުކޮށްފަ އެވެ.