22 ނޮވެމްބަރ 2022 - 12:22

އޮގަސްޓް 21، 1953 ގައި މުހައްމަދު އަމީން ކޮޅުނބުގައި ހުންނަވަނިކޮށް އެމަނިކުފާނުގެ ވެރިކަން މާލޭގައި އިންގިލާބުކޮށްލި އެވެ. މާލޭގައި ހަމަނުޖެހުމެއް ހިނގައިގެން އުޅޭ ކަމަށާއި އަވަހަށް ވަޑައިގަތުމަށް އަމީނަށް، ޓެލެގްރަމެއް މެދުވެރިކޮށް ދެންނެވީ، އެމަނިކުފާނުގެ ނާއިބް ރައީސް އަދި އިންގިލާބުގެ ލީޑަރު ވެލާނާގޭ އިބްރާހީމް މުހައްމަދު ދީދީ އެވެ.

ކޮޅުނބުގެ ފެހިގޭގައި އަމީން ހުންނަވަނިކޮށް، އެ ޓެލެގްރަމް އެމަނިކުފާނުގެ އަތްޕުޅަށް ގެނެސްދެއްވީ، އޭރު އުމުރުން 23 އަހަރުގެ ޒުވާނެއް ކަމަށްވާ އަންނަބީލާ ހަބީބާ ހުސެއިން ހަބީބެވެ. އެ މެސެޖް ލިބުމާ އެކު، ފެހިގޭގައި އަމީނާއި އެމަނިކުފާނުގެ ގާތް އެކުވެރިޔާ އައިމިނަތު ހުސެއިންއާ ދެމެދު ދެކެވުނު އަސަރުން ފުރިގެންވާ ވާހަކަތައް އިވިވަޑައިގެންނެވި ބޭފުޅަކީ ހަބީބާ އެވެ.

އައިމިނަތު ހުސެއިން އެދިވަޑައިގަތީ، އެ މެސެޖަށް އިތުބާރުކޮށް އަމީން މާލެ ވަޑައިނުގަތުމަށެވެ. އެކަމަނާ ލަފާކުރެއްވީ އެކަމުގެ ފަހަތުގައި ގޯހެއް އުޅޭ ކަމަށެވެ.

"އަޅުގަނޑަކީ ފިލައިގެން އުޅޭ މީހަކީމެއް ނޫނެވެ. އަޅުގަނޑަކީ ގައުމުގެ ވެރިޔާއެވެ. މާލެ ދިއުމުގެ ނަތީޖާއަކީ މަރުކަމަށް ވިޔަސް އަޅުގަނޑު ބޭނުން ވަނީ އެނބުރި ގައުމަށް ދާށެވެ!" އަމީން ޖަވާބުދެއްވި އެވެ.
ކަންވީ އެހެންނެވެ. އަމީން މާލެ ވަޑައިގަތުމުން ދޫނިދޫގައި ހައްޔަރުކުރެވުނީ އެވެ. އަދި އަލުން ވެރިކަން ހޯދަން މާލެ ވަޑައިގެން އުޅުއްވަނިކޮށް ރައްޔިތުން އެއްވެ ލާއިންސާނީ އަނިޔާދިނެވެ. އެމަނިކުފާނު އަވަހާރަވީ، އެ އަނިޔާތަކުގެ ތަދާއި ވޭން ތަހައްމަލުކުރައްވަމުން ގެންދަވަނިކޮށް ޖެހިގެން އައި އަހަރުގެ ޖެނުއަރީ 19 ވަނަ ދުވަހެވެ.
އިއްޔެ އުމުރުފުޅުން 92 އަހަރުގައި އަވަހާރަވި، މއ. މާންދޫ ވިލާ ހަބީބާ އަކީ އަމީނުގެ ވެރިކަން އިންގިލާބު ކޮށްލި އެ އަނިޔާވެރި، ކަޅު މާޒީގެ މަންޒަރުތައް ހަމަލޮލުން ދެކެވަޑައިގެންނެވި ބޭފުޅުންގެ ތެރެއިން ދުނިޔޭގައި ތިއްބެވި މަދު ބޭފުޅުންގެ ތެރެއިން އެކެކެވެ. އެކަމަކު އެއަށް ވުރެ ބޮޑަށް ހަބީބާ ފާހަގަކުރެވެނީ، އަމީން ރާއްޖޭގައި ވެރިކަން ކުރެއްވި މަދު ދުވަސްކޮޅުގެ ތެރޭގައި ދިވެހި އަންހެނުންނަށް ހައްގު މަގާމް ހޯދައިދެއްވުމަށް ކުރެއްވި އަގުހުރި މަސައްކަތްޕުޅުގެ ތެރެއިން، ހިތްވަރު ލިބިވަޑައިގެން ކުރީ ސަފަށް ނުކުންނެވި ނަމޫނާ އަންހެނެއްގެ ގޮތުގަ އެވެ.
ފަހުގެ ތާރީހުގައި ރާއްޖޭގައި އެންމެ ވަރުގަދަ ރަސްކަމެއް ކުރެއްވި އަދި އެތައް ދިވެހިންގެ ލޯބި ހޯއްދެވި އައްސުލްތާން މުހައްމަދު ޝަމްސުއްދީނުގެ ޝަހީމާ ޝަމްސުއްދީން (ތުއްތުގޮމަފުޅު)ގެ ދަރިކަނބަލުން ހަބީބާ އަކީ ރާއްޖޭން ބޭރުން ތައުލީމު ހާސިލްކުރެއްވި އެންމެ ފުރަތަމަ ދިވެހި އަންހެނުންގެ ތެރެއިން އެކެކެވެ. ހަބީބާގެ ބައްޕާފުޅު އަންނަބީލު ހުސެއިން ހަބީބް އިންޑިއާގެ ހައިދަރުއާބާދުގައި ހުންނެވިއިރު، އެކަމަނާ ވަނީ އެތަނުން އުރުދޫ މީޑިއަމުން މެޓްރިކިއުލޭޝަން އިމްތިހާނު ފުރިހަމަކުރައްވައިފަ އެވެ. އޭގެ ފަހުން ލަންކާ އިން އިނގިރޭސި މީޑިއަމަށް ވެސް ކިޔަވާވިދާޅުވި އެވެ. އެކަމަނާ އަކީ އިނގިރޭސި ބަސް މޮޅަށް ދެނެވަޑައިގަންނަވާ އަދި އުރުދޫ ބަސް ފެންނަ ފަދަ ބޭފުޅެވެ.
ތައުލީމީ ހަޔާތަށް ފަހު ހަބީބާ ދައުލަތަށް ހިދުމަތްކުރައްވަން ފެށްޓެވީ ތައުލީމީ ދާއިރާގަ އެވެ. އެގޮތުން 1955 އިން ފެށިގެން މަޖީދިއްޔާ ސްކޫލާއި އަމީނިއްޔާ ސްކޫލުގައި ކިޔަވައިދެއްވަން ފެށްޓެވި އެވެ. ކިޔަވައިދެއްވި މާއްދާތަކުގެ ތެރޭގައި، އެކަމަނާ އެންމެ ޝައުގުވެރިވެވަޑައިގެންނެވި ދާއިރާ ކަމަށްވާ ތާރީހު ހިމެނެ އެވެ. ހަބީބާ ވަނީ ދަރިވަރުންނަށް ތާރީހު ދަސްކޮށްދެއްވުމަށް "ދިވެހި ތާރީހަށް އަވަސް ކަޅިއެއް" މިނަމުގައި ފޮތެއް ވެސް ލިޔުއްވައިފަ އެވެ. އަދި ރޭޑިއޯ މެދުވެރިކުރައްވައި ދަރިވަރުންނަށް ތާރީހާ ބެހޭ މައުލޫމާތު ފޯރުކޮށްދެއްވި އެވެ.
މި ޒަމާނުގައި ދިވެހި ތާރީހަށް ލިބުނު އެންމެ ބޮޑު އަލިކަން ކަމަށްވާ ދިވެހި ބަހާއި ތާރީހަށް ހިދުމަތްކުރާ ގައުމީ މަރުކަޒުން ނެރުނު ވަރުގަދަ ތާރީހު ފޮތް "ގަރުނު ފޮތް" ލިޔުއްވުމުގައި ވެސް، އެ މަރުކަޒުގެ ތާރީހު ކޮމިޓީގެ މެމްބަރު ހަބީބާ އިސް ދައުރެއް އަދާކުރެއްވި އެވެ.
ހަބީބާގެ އެންމެ ހާއްސަ ހިދުމަތަކީ ކުރިން ތާރީހުގެ ވަކި ބައެއްގެ ގޮތުގައި ރާއްޖޭގައި ބަލަމުން އައި ފޯކްލޯރު ވަކި އިލްމެއްގެ ގޮތުގައި ރާއްޖޭގައި ކިޔަވައިދެއްވަން ފެއްޓެވުމެވެ. އެމެރިކާ އިން ފޯކްލޯރާ ބެހޭ ކޯހެއް ވެސް ހެއްދެވި ހަބީބާ އެ ދާއިރާ އިން ލިޔުނު ފޮތެއް ގައުމީ ޔުނިވާސިޓީގައި މިހާރު ވެސް ޓެކްސްޓް ފޮތެއްގެ ގޮތުގައި ބޭނުންކުރެ އެވެ.
"ފޯކްލޯރާ ގޫޅޭ ގޮތުން ކުރިން ލިޔެވެމުންއައީ ވަކި ދާއިރާއެއްގެ ގޮތުގަ ނޫން. ތާރީހާ ސަގާފަތުގެ ވަކި އިލްމެއްގެ ގޮތުގަ ފޯކްލޯރު ދިރާސީ ގޮތެއްގައި ލިޔުއްވަން ފެއްޓެވީ ހަބީބާ،" ދިވެހި ތާރީހު ދިރާސާކުރައްވާ ޝައްމޫން ޖަލީލް (ލޫކަސް) ވިދާޅުވި އެވެ.
ހައިދަރުއާބާދުގައި އުޅުއްވިއިރު އުރުދޫ މަޖައްލާތަކުން ވިދާޅުވި ލިޔުންތަކަށް ހިތް ޖެހި ލިޔުންތެރިކަމަށް ޝައުގުވެރިކަން އުފެދުނު ހަބީބާ ބޮޑުފުޅުވީ، އަމީނުގެ އަދަބީ ޖަށްވުގައި ކަމަށްވާތީ އެ ފަންނުގައި ކުރިއަރައިގެންދާކަށް ލަހެއް ފަހެއް ނުވި އެވެ. އެގޮތުން ވަރަށް ޒުވާން އުމުރުފުޅަކުން ފެށިގެން ނޫސް މަޖައްލާތަކަށް ލިޔުއްވަން ފެށްޓެވި އެވެ. އޭގެ ތެރޭގައި "މުންނާރު" އަދި "ވިޔަފާރި މިއަދު" ނޫހާއި "އަދަބީ ޝުއޫރޫ،" ޖިންސުއްލަތީފް"، "ހުވަނދު"، "މޫންލައިޓް"، "އަމާޒު" ފަދަ މަޖައްލާތައް ހިމެނެ އެވެ. ހަބީބާ ވަނީ 1980 އިން ފެށިގެން "ފަތްތޫރަ" މަޖައްލާ އަށް ވެސް ގަވާއިދުން ލިޔުއްވައިފަ އެވެ.
އިލްމީ މަޒުމޫނުތަކާއި ތާރީހީ ލިޔުންތަކުގެ އިތުރުން ހަބީބާ ވަނީ ވަރަށް ގިނަ ވާހަކަ ވެސް ލިޔުއްވައިފަ އެވެ. އަދި އުރުދޫ ވާހަކަތަކާއި އިނގިރޭސި ވާހަކަތައް ދިވެހި ބަހަށް ތަރުޖަމާކުރެއްވި އެވެ. އޭގެ ތެރޭގައި މުޅި ރާއްޖެ އަށް މަޝްހޫރުވި "ތަގްދީރުގެ ނިޔާ" އާއި "މައާފަށް ވުރެ" ހިމެނެ އެވެ. އެކަމަނާ ވަނީ ޕޯޗުގީޒުންގެ އަތްދަށުން ރާއްޖެ މިނިވަންކުރެއްވި ބަތަލު މުހައްމަދު ތަކުރުފާނުގެ ހަޔާތްޕުޅާ ބެހޭގޮތުން އިނގިރޭސި ބަހުން "މުހައްމަދު ތަކުރުފާނު ދަ ގްރޭޓް" ނަމުގައި ބައޯގްރަފިކަލް ފޮތެއް ވެސް ލިޔުއްވައިފަ އެވެ.
ހަބީބާ ދިވެހި ދައުލަތަށް ހިދުމަތްކުރެއްވި 49 އަހަރުގެ ތެރެއިން ބޮޑުބައި ހިދުމަތްކުރެއްވީ ފޮތްތެރިކަމާއި ލިޔުންތެރިކަމުގެ ދާއިރާގަ އެވެ. އެގޮތުން އެކަމަނާ ވަނީ ގައުމީ ކުތުބުހާނާ އަށް 29 އަހަރު ހިދުމަތްކުރައްވައިފަ އެވެ. ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގެ ކުރީކޮޅު ކުތުބުހާނާ ތަރައްގީކުރެއްވުމުގެ މަސްއޫލިއްޔަތު ހަބީބާއާ ހަވާލުކުރައްވައި އެ ކުތުބުހާނާގެ ފުރަތަމަ ލައިބްރޭރިއަންގެ މަގާމް އެކަމަނާ އަށް ދެއްވި އެވެ. ކުތުބުހާނާގެ އެންމެ އިސް މަގާމާ ހަމައަށް ހަބީބާ ކުރެއްވި ދަތުރުގައި އެކަމަނާ ވަނީ، ކުތުބުހާނާ އަށް އިންގިލާބީ ބަދަލުތަކެއް ގެންނަވައިފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސުލްޖުމްހޫރިއްޔާގެ މެމްބަރުކަން 1989-1990 އަށް ފުރުއްވި ހަބީބާ އަކީ، ސިޔާސީ އިސްލާހީ ބަދަލުތަކަށް ތަރުހީބު ދެއްވި ބޭފުޅެކެވެ. ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އިބްރާހީމް އިސްމާއީލް (އިބްރާ) ފޭސްބުކުގައި ލިޔުއްވި ގޮތުގައި 2004 ވަނަ އަހަރު ރާއްޖޭގައި ފެށި އިސްލާހީ ހަރަކާތްތަކުގެ ތެރެއިން ހަބީބާ، އޭނާ އަށް ގުޅުއްވައި އެ މަސައްކަތުގައި ކުރިއަށް ވަޑައިގަތުމަށް ހިތްވަރުދެއްވި ކަމަށެވެ.
އިބްރާ ވިދާޅުވި ގޮތުގައި ހަބީބާ ފާހަގަކުރެވެނީ އެ ޖީލުގެ ބޭފުޅަކާ ބަލާއިރު ހުޅުވާލެވިފައިވާ ސިކުނޑިއަކުން ވިސްނެވި ލިބެރަލް ބޭފުޅެއްގެ ގޮތުގައި ކަމަށެވެ.
ކުރީގެ ޖަސްޓިސް މިނިސްޓަރު އަލްއުސްތާޒް މުހައްމަދު މުއިއްޒު އަދުނާން ލިޔުއްވި ގޮތުގައި ހަބީބާމެން ފަދަ ބޭފުޅުންނަކީ ތެދުވެރި އިހްލާސްތެރި އަމިއްލަ އެދުންފުޅެއްނެތް ގައުމުދެކެ ލޯބިފުޅުވާ ގައުމާއި ރައްޔިތުންގެ ހާދިމުން ނުވަތަ ހާދިމާއިންނެވެ.
"(އެއީ) މިޒަމާނުގައި އަމުދުން ނެތް ބައެކޭ ބުނުމަކީ ދޮގަކަށް ނުވާނެ އެވެ. ގައުމަށް ހިދުމަތްކުރަން ނުކުންނަ ފަރާތްތަކުގެ އަޒުމަކަށްވާންވީ އެފަދަ، ތެދުވެރި ހިދުމަތްތެރިންނައް ވެވޭތޯ ބެލުމެވެ،" އޭނާ ލިޔުއްވި އެވެ.
ހަބީބާގެ ހިދުމަތްތަކުގެ އަގުވަޒަންކޮށް ރައީސް މައުމޫންގެ ސަރުކާރުން ވަނީ 1981 ވަނަ އަހަރު ތަރުޖަމާކުރުމުގެ ރޮނގުން ހިތްވަރު ދިނުމުގެ އިނާމު އަދި ދިވެހި އަދަބިއްޔާތަށް ހިދުމަތް ކުރުމުގެ ދާއިރާއިން ދިވެހިބަހުގެ ލިޔުންތެރިކަމުގެ ރޮނގުން ޝަރަފްވެރިކަމުގެ އިނާމު 2007 ވަނަ އަހަރު ދީފަ އެވެ. އަދި 1990 ވަނަ އަހަރު މިނިވަން 25ގެ އިނާމާއި 1993 ވަނަ އަހަރު ނޫސްވެރިކަމުގެ ރަންގަލަން އެކަމަނާ އަށް ސަރުކާރުން ދެއްވި އެވެ.
ރައީސް މުހައްމަދު ނަޝީދު ވަނީ އެކަމަނާ އަށް 2011 ވަނަ އަހަރު ދިވެހި ދައުލަތުގެ އިއްޒަތް ކަމަށްވާ، ނިޝާން ދިޔަމިގިލީ ޝަރަފުގެ އިއްޒަތް އަރުވައިފަ އެވެ. ހަބީބާ އަވަހާރަވުމުގެ ހިތާމައިގައި ނަޝީދު އިއްޔެ ވިދާޅުވީ އެކަމަނާ އަކީ ރާއްޖޭގެ އަންހެނުން ކުރިއަށް ގެންދިއުމާއި ތައުލީމީ ޖީލެއް ބިނާކުރުމުގައި އަގުނުކުރެވޭ ފަދަ ހިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެއް ކަމަށެވެ.
ހުރާ ރަސްދަރިކޮޅަށް ނިސްބަތްވާ މާންދޫ ގަނޑުވަރުގެ ބައެއްގައި ހަދާފައިވާ، އަދި މާލޭގައި މިހާރު ހުރި އެންމެ މުސްކުޅި އެއް ގެ ކަމަށްވާ މާންދޫ ވިލާގައި ދިރިއުޅުއްވި ހަބީބާގެ ފިރިކަލުންނަކީ މަރްހޫމް އަބްދުﷲ ޒުބައިރެވެ. ބޭފުޅުންނަކީ އިބްރާހީމް ޒުބައިރާއި ޝަފީއާ ޒުބައިރާއި ޝާހިދާ ޒުބައިރެވެ.
ދިވެހި ތާރީހު ދިރާސާކުރައްވާ އަހުމަދު އަލާ ދީދީ ވިދާޅުވި ގޮތުގައި ހަބީބާ އަވަހާރަވުމާ އެކު ދިވެހި އިލްމީ އުޑުން ތަރިއެއް އޮއްސުނީ ކަމަށެވެ.
"އަދަބާ ސަގާފަތުގެ އިލްމުވެރިއެކެވެ. ފޯކުލޯރާއި ތާރީހުގެ މުއައްރިހެކެވެ. ދޫކުރެއްވި އިލްމީ ލިޔުންތައް ގިނަގުނަ އެވެ. ދިވެހި އިލްމީ އުޑުން ތަރިއެއް އޮއްސުނީ އެވެ. އަލްއަމީރާ ހަބީބާ ހުސައިން ހަބީބު އަވަހާރަވީ އެވެ."