22 ނޮވެމްބަރ 2022 - 12:04

އިއާދަކުރަނިވި ހަކަތަ އަށް ބަރޯސާނުވެ، މޫސުމީ ބަދަލުތަކުގެ ނުރައްކާތަކުން ދުނިޔެ ސަލާމަތް ކުރެވެން ނެތް ކަމަށް ސައެންސްވެރިންނަށް އެއްބަސްވެވެ އެވެ. ވަޔާއި އޮއިވަރާއި އަތްވަކީ އިއާދަކުރަނިވި ހަކަތައިގެ އެންމެ މުންސަނދި ވަސީލަތްތަކެވެ.

އޭގެ ތެރެއިން ވެސް އެންމެ ފަސޭހައިން ކަރަންޓު އުފެއްދެން އޮތް އަދި އެންމެ އިތުބާރު ހުރި ވަސީލަތަކީ އިރުން ލިބޭ އަތްވެވެ. ނަމަވެސް އަވިން ކަރަންޓު ހޯދުމުގައި ވެސް ގިނަ ގޮންޖެހުންތަކެއް އެބަހުރިކަން ސައެންސްވެރިން ފާހަގަކުރެ އެވެ. އެއް ކަމަކީ، އުޑުމަތީގައި ވިލާ ބޯވުމައި ދުވަހުގެ ދެ ބައިކުޅަ އެއްބައި (ރޭގަނޑު) އަވި ލިބޭނެ ގޮތެއް ނެތުމެވެ.

މިކަމަށް ވެސް ސައެންސްވެރިންގެ ސިކުނޑީގައި ހައްލުތަކެއް އެބަހުއްޓެވެ. އެއީ ޖައްވުގެ ތެރޭގައި ސޯލާ ޕެނަލްގެ ބޮޑު ދަނޑެއް ގާއިމުކުރުމެވެ. ނަމަވެސް، ޖައްވުގައި ގާއިމުކުރާ ސޯލާ ދަނޑުން މި ބިމަށް ކަރަންޓު ފޮނުވާނީ ކިހިނެއްތޯ ސުވާލު އުފައްދަ އެވެ. މިއީ ޚަރަދު ބޮޑު ކަމަކަށް ވިޔަސް، ދިގު މުއްދަތަށް އޭގެ ނަތީޖާ މާ ރަނގަޅެވެ.
ސައެންސްވެރިންގެ ވިސްނުމަކީ ޖައްވުގައި ގާއިމުކުރާ ސޯލާ ދަނޑުން އުފައްދާ ކަރަންޓު، ވަޔަލެސްކޮށް މި ބިމަށް ފޮނުވުމެވެ. އެ ޓެކްނޮލޮޖީ މިހާރު އޮތީ އީޖާދު ކުރެވިފަ އެވެ. ދެން ކުރިއަށް އޮތީ އަމަލީ ގޮތުން އެކަން ކުރުމަށްޓަކައި ބޭނުންވާ ދިރާސާތަކަށް ދޮރު ހުޅުވައިލުމެވެ.
ޖައްވުގައި ގާއިމުކުރާ ބިޔަ ސޯލާ އިންޖީނުގެތަކުގައި އަވިން ކަރަންޓު އުފައްދައިގެން، ވަޔަލެސްކޮށް ބިމަށް އެ ކަރަންޓު ފޮނުވުމާ ބެހޭ ގޮތުން ދިރާސާކުރުމަށް، ޖައްވީ ދިރާސާތަކާ ބެހޭ ސައެންސްވެރިންތަކެއް މިހާރު ތައްޔާރުކޮށްފައިވާ ހުށަހެޅުމާ މެދު، ޔޫރަޕިއަން ސްޕޭސް އޭޖެންސީ (އީއެސްއޭ) އިން މިއަދު ގޮތެއް ނިންމާނެ ކަމަށް ބެލެވެ އެވެ. ޖައްވަށް ފޮނުވާ ބިޔަ ސެޓެލައިޓްތަކެއްގައި ހަރުކޮށްފައި ހުންނަ ގިނަ އަދަދެއްގެ ސޯލާ ޕެނަލްތަކުގެ ޒަރީއާއިން ކަރަންޓު އުފައްދައި، އެ ކަރަންޓު ވަޔަލެސްކޮށް މި ބިމަށް ފޯރުކޮށްދެވޭނެ ގޮތެއް ހޯދުމަށް ކުރާ މި ދިރާސާތައް ތިން އަހަރުގެ މުއްދަތަށް ކުރިއަށް ގެންދާނެ އެވެ.
ކަރަންޓު އުފެއްދުމަށް ޖައްވަށް ފޮނުވާ ކޮންމެ ސެޓެލައިޓެއްގައި ހުންނަ ސޯލާ ޕެނަލްތަކަކީ، ބޮޑު އިންޖީނުގެއަކުން އުފައްދާ މިންވަރަށް ކަރަންޓު އުފައްދައިދޭނެ ސޯލާ ޕެނަލްތަކަކަށް ހަދަން ސައެންސްވެރިން ބޭނުންވެ އެވެ. ސައެންސްވެރިންގެ މި ހުށަހެޅުމާ އެއްގޮތަށް ދިރާސާ ކުރިއަށް ގެންދިއުމާ މެދު ގޮތެއް ނިންމުމަށް، އީއެސްއޭގެ ގަވަނިންގް ކައުންސިލްގެ ބައްދަލުވުމެއް މިއަދު ބާއްވާނެ އެވެ.
ސައެންސްވެރިންގެ މި ހުށަހެޅުމަށް، ޖައްވީ ދިރާސާތަކާ ބެހޭ އިދާރާތަކުންނާއި، އިއާދަކުރަނިވި ހަކަތަ އަށް އިސްކަން ދިނުމަށް ގޮވައިލާ އަމިއްލަ ޖަމިއްޔާތަކުން ވަރަށް ބޮޑަށް ތާއީދުކުރެ އެވެ. އީއެސްއޭގެ ޑިރެކްޓަ ޖެނެރަލް ޖޯސެފް އަޝްބާ ވިދާޅުވި ގޮތުގައި ކުރިމަގުގައި ހަކަތަ ހޯދުމަށް ދިމާވެދާނެ ދަތިތައް ހައްލުކުރުމަށް ކުރަމުންދާ މަސައްކަތަށް، ޖައްވުގައި އަވިން އުފައްދާ ކަރަންޓުގެ ދިރާސާތަކުން މަގު ފަހިވެގެންދާނެ އެވެ.
މިއީ ކުރެވިދާނެ ކަމެއްކަން، އަމަލީ ގޮތުން ވެސް މިހާރު ވަނީ ތަޖުރިބާކޮށްފަ އެވެ. އަޖުމަބެލުމުގެ އެ މަސައްކަތް ކުރިއަށް ގެންދިޔައީ، ޖަރުމަން ވިލާތުގެ މިޔުނިކްގައި ހުންނަ އެއާބަސް ކުންފުނީގެ އެކްސް-ވޯކްސް އިނޮވޭޓިވް ފެކްޓަރީގަ އެވެ. ސޯލާ ޕެނަލްތަކަކުން އުފެއްދި ކަރަންޓު، މައިކްރޯވް ވޭވް ދޯދިތަކެއްގެ ޒަރީއާއިން ފޮނުވައިގެން، އެ ސޯލާ ޕެނަލްތަކާ 36 މީޓަރު ދުރުގައި ހުރި ބޮކިތަކެއް ދިއްލައި، އައިސް އަލަމާރިއެއްގައި ހުރި ފުޅިތަކެއް ފިނިކުރި އެވެ.
މި ޓެކްނޮލޮޖީ ބޭނުންކޮށްގެން، ޖައްވުގައި ހުންނަ ސޯލާ އިންޖީނުގެއިން މި ބިމަށް ކަރަންޓު ފޯރުކޮށްދިނުމަކީ ނުކުރެވޭ ވަރުގެ ކަމެއް ނޫން ކަމަށް ސައެންސްވެރިން ބުނެ އެވެ. އެކަން ކުރެވޭ ގޮތް ވެއްޖެ ނަމަ، އެއްވެސް މެދުކެނޑުމެއް ނެތި، 24 ގަޑިއިރު އިރުގެ އަވިން ކަރަންޓު އުފައްދައި މިބިމަށް ފޯރުކޮށްދެވޭނެ އެވެ.
ޖައްވުގައި ގާއިމުކުރާ ސޯލާ ޕެނަލްތަކަށް އަބަދާ އަބަދު އިރުގެ އަވި ހުންނާނީ ލިބިލިބި އެވެ. ސޯލާ ޕެނަލްތަކާއި އިރާ ދެމެދަށް ހުރަސްވާނެ ވިލައެއް ނުހުންނާނެ އެވެ. އެހެންކަމުން ވިއްސާރަވުމާއި އަވި ނިވައިލުން ފަދަ ކަމެއް މެދުވެރިވެގެން ކަރަންޓު އުފެއްދުމަށް ހުރަހެއް ނޭޅޭނެ އެވެ. އަދި އެކަށީގެންވާ ޖާގައިގެ ތަނަވަސްކަން ވެސް ޖައްވުގެ ތެރެއިން ލިބޭނެ އެވެ.
ނިއުކްލިއާ ޓެކްނޮލޮޖީން ހަކަތަ އުފެއްދުމުގެ ގާބިލުކަން ލިބިފައިވާ ގައުމުތަކުގައި ކަރަންޓު އުފެއްދުމަށް މިހާރު ބޭނުންކުރާ އާދައިގެ ނިއުކްލިއާ އިންޖީނުގެއަކުން އުފައްދާ މިންވަރަށް ކަރަންޓު އުފެއްދުމަށްޓަކައި، ޖައްވުގެ ތެރޭގައި އެތައް ކިލޯމީޓަރެއްގެ ބޮޑު ސަރަހައްދެއްގައި ސޯލާ ޕެނަލްތައް ގާއިމުކުރަންޖެހޭނެ އެވެ.
ޖައްވުގައި ގާއިމުކުރާ ސޯލާ ދަނޑުން ނުވަތަ ސޯލާ އިންޖީނުގެއިން އުފައްދާ ކަރަންޓު، ވަޔަލެސްކޮށް މި ބިމަށް ފޮނުވުމުގައި ބޭނުންކުރާނީ މައިކްރޯވޭވް ޓެކްނޮލޮޖީ އެވެ. ޖައްވުން ބިމަށް ކަރަންޓު ފޮނުވުމަށް ބޭނުންކުރާ މައިކްރޯވޭވްއަކީ، މިބިންމަތީގައި އުޅޭ އިންސާނުންނާއި ޖަނަވާރުގެ އިތުރުން އެންމެހައި ދިރުންތަކަށް ގެއްލުމެއް ނުލިބޭ ފަދަ ޓެކްނޮލޮޖީއަކަށް ވާންޖެހެ އެވެ.
ހަމައެފަދައިން މިބިމުގެ ވައިގެ ފަށަލައިގެ ތެރޭގައި ދަތުރުކުރާ ވައިގެ އުޅަނދުތަކާއި ޖައްވުގެ ތެރޭގައި މި ބިމުގެ ވަށައިގެން ދަތުރުކުރާ ސެޓެލައިޓްތަކަށް ވެސް ގެއްލުމެއް ނުލިބޭ ފަދަ ޓެކްނޮލޮޖީއަކަށް ވާންޖެހޭނެ އެވެ. ޔޫރަޕިއަން ސްޕޭސް އޭޖެންސީ ފަށާ ސޮލާރިސް މަޝްރޫއުގެ ދިރާސާތައް ނިމުމުން، ފެހި ހަކަތައަށް ހިޖްރަ ކުރުމުގެ ދޮރު ހުޅުވިގެންދާނެ ކަމަށް އުންމީދު ކުރެވެ އެވެ.