އެރިކްސަން އަކީ ޓީމުގެ ހިތުގެ ވިންދު: ޑެންމާކް ކޯޗު
އެރިކްސަން އަކީ ޓީމުގެ ހިތުގެ ވިންދު: ޑެންމާކް ކޯޗު

އަލް ރައްޔާން (ނޮވެމްބަރު 22) - މިދިޔަ އަހަރުގެ ޔޫރޯ ފުޓުބޯޅަ މުބާރާތުގައި ޑެންމާކް ކުޅުނު ފުރަތަމަ މެޗުގައި ހިތް ހުއްޓިގެން، ފަރުވާ ހޯދުމަށް ފަހު އެނބުރި އަށް މަސް ތެރޭ ފުޓުބޯޅަ ކުޅެން ފެށި މިޑްފީލްޑަރު ކްރިސްޓިއަން އެރިކްސަން އަކީ، ޑެންމާކް ޓީމުގެ ހިތުގެ ވިންދު ކަމަށް ޓީމުގެ ކޯޗު ކެސްޕާ ހިއުލްމަންޑް ބުނެފި އެވެ.

އެރިކްސަން އަކީ ޓީމުގެ ހިތުގެ ވިންދު: ޑެންމާކް ކޯޗު
އެރިކްސަން އަކީ ޓީމުގެ ހިތުގެ ވިންދު: ޑެންމާކް ކޯޗު

ޑެންމާކު ޓީމުގައި އެރިކްސަން ހިމެނުމަކީ ކިހާވަރެއްގެ ކަމެއްތޯ އެހުމުން ކޯޗު ހިއުލްމަންޑް ބުނީ، އޭނާއަކީ "ޓީމުގެ ހިތުގެ ވިންދު" ކަމަށާއި، ކުޅުމާއި ކުޅުމުން ބޭރުގައި ވެސް އޭނާއަކީ ނަމޫނާއެއް ކަމަށެވެ.

އެރިކްސަން އަކީ ޓީމުގެ ހިތުގެ ވިންދު: ޑެންމާކް ކޯޗު
އެރިކްސަން އަކީ ޓީމުގެ ހިތުގެ ވިންދު: ޑެންމާކް ކޯޗު

ޔޫރޯ މުބާރާތުގައި ފުރަތަމަ މެޗުގައި އެރިކްސަން ބަދަލު ކުރުމަށް ފަހު އެ މެޗު އިތުރަށް ކުރިއަށް ގެންގޮސް ހަނި ތަފާތަކުން ފިންލެންޑް އަތުން ބަލިވި އިރު، ޖެހިގެން އައި މެޗުގައި އޭރު ދުނިޔޭގެ އެއްވަނައިގައި އޮތް ބެލްޖިއަމް ކައިރިން ލީޑު ނެގި ނަމަވެސް ހަނި ތަފާތަކުން ބަލިވީ އެވެ. އެކަމަކު ފަހު މެޗުގައި ތަފާތު ބޮޑުކޮށް ރަޝިއާ ބަލިކޮށް ދެ ވަނަ ބުރުން ޖާގަ ހޯދި އެވެ.

ގަދަ 16 ގައި ވޭލްސް އަތުން ވެސް ތަފާތު ބޮޑު މޮޅަކާ އެކު ކުއާޓާގައި ވަނީ ޗެކް ރިޕަބްލިކް ބަލި ކޮށްފަ އެވެ. ނަމަވެސް ސެމީ ގައި އިންގްލެންޑް އަތުން ބަލިވީ އިތުރު ވަގުތު ކުޅެގެންނެވެ. ފުރަތަމަ މެޗުގައި އެޓީމުގެ ސްޓާ ޕްލޭޔަރަށް މުބާރާތް ގެއްލުމާ އެކު ވެސް ޓީމުން ދެއްކި ހިތްވަރުގެ ސަބަބުން ޓީމު އެނބުރި ގައުމަށް ދިޔައީ ބަތަލުންގެ ގޮތުގަ އެވެ.

ޔޫރޯގެ ހާދިސާއަށް ފަހު އެރިކްސަން އެނބުރި ކުޅުމުގެ ތެރެއަށް އައީ އިމްޕްލާންޓެބަލް ކާޑިއޮވަޓަރ ޑިފިބްރިލޭޓަރ (އައިސީޑީ) އެއް ލައްވައިގެންނެވެ. އޭރު އިންޓަ މިލާނަށް ކުޅެމުން އައި ނަމަވެސް، އައިސީޑީ ލައްވައިގެން އިޓަލީގައި ނުކުޅެވޭތީވެ އިންޓަ އަށް އޭނާ ދޫކޮށްލަން މަޖުބޫރުވީ އެވެ. އިންޓަ އިން ދޫކޮށްލުމުން އޭނާ ވަނީ އިންގްލެންޑްގެ ބްރެންޓްފޯޑަށް ހަ މަސްދުވަހުގެ އެއްބަސްވުމެއްގެ ދަށުން ކުޅެފަ އެވެ. އަދި މި ސީޒަންގައި މެންޗެސްޓާ ޔުނައިޓެޑަށް ބަދަލުވެ، އޭނާ އަކީ އެޓީމުގެ ފުރަތަމަ 11 ގައި ވެސް މުހިއްމު ކުޅުންތެރިއެކެވެ.

އަނިޔާއިން ރަނގަޅު ވުމަށް ފަހު ވެސް އެރިކްސަން ވަނީ އޭނާ މި އަހަރުގެ ވޯލްޑް ކަޕް ގައި ކުޅެން ބޭނުންވާކަން ހާމަކޮށްފަ އެވެ. މި ފަހަރުގެ މުބާރާތަކީ އުމުރުން 30 އަހަރުގެ އެރިކްސަން ކުޅޭނެ ތިން ވަނަ ވޯލްޑް ކަޕެވެ.

"ޑެންމާކް ވޯލްޑް ކަޕަށް ކޮލިފައިވީ އިރު އަހަރެން ހުރީ ކުޅުމާ ދުރުގައި، މޮޅަށް ކުޅެގެން ވޯލްޑް ކަޕްގެ ޖާގަ ޔަގީން ކުރީ އަހަރެންނާ ނުލައި. އެކަމަކު ވޯލްޑް ކަޕް ގައި ޓީމުގެ ހިއްސާއެއްގެ ގޮތުގައި ގައުމަށް އެހީއެއް ވެދެވުމަކީ ވަރަށް ހާއްސަ ކަމަކަށް ވާނެ،" ވޯލްޑް ކަޕް ސްކޮޑުން ޖާގަ ލިބުމުން އެރިކްސަން މީގެ ކުރިން މެންޗެސްޓާ ޔުނައިޓެޑްގެ އިންޓަވިއު އެއްގައި ބުނެފައި ވެއެވެ.

ޑެންމާކުން މިއަހަރުގެ ވޯލްޑް ކަޕްގެ ފުރަތަމަ މެޗުގައި މިއަދު ހަވީރު 6 ޖަހާއިރު ނުކުންނާނީ ޓިއުނީޝިއާއާ ދެކޮޅަށެވެ.

މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ކޯޗު ހިއުލްމަންޑްގެ އިތުރުން ޓީމުގެ ކެޕްޓަން ސިމޯން ކެއާ ވެސް ވަނީ އެރިކްސަން ޓީމުގައި ހުރުމަކީ މުޅި ޓީމުވެސް އެކަމަކަށް ޝުކުރުވެރިވާ ކަމެއް ކަމެއް ކަމުގައި ބުނެ ތައުރީފް ކޮށްފަ އެވެ.

"ފުޓުބޯޅަ ކުޅުންތެރިއެއް، ކޮލިޓީގެ ގޮތުން ބަލާއިރު އެއީ އަހަރެންނަށް ފެނުނު އެންމެ މޮޅު އެއް ކުޅުންތެރިޔާ. ވަރަށް ފުޓުބޯޅައަށް ލޯބިކުރާނެ، އަބަދުވެސް ޒުވާން ކުޅުންތެރިންނާއެކު އުޅޭނެ، އަހަރެމެންނަށް ވުރެ ބޮޑަށް އޭނާގެ ކުޅުން އަގުވަޒަން ކުރެވޭ،" އެރިކްސަން އަށް ޔޫރޯ ގައި ދިމާވި ހާދިސާއާ ގުޅިގެން އެންމެ ފުރަތަމަ އެހީއަށް އަވަސްވެގަތް ކެޕްޓަން ކެއާ ބުންޏެވެ.

"އަހަރެމެން ވަރަށް އުފާވޭ ކްރިސްޓިއަން (އެރިކްސަން) އަހަރެމެންނާ އެކު ވީމާ. އޭނާ ޑެންމާކަށް ކުޅޭ ކޮންމެ ވަގުތަކީ ވެސް އަހަރެމެންނަށް ލިބޭ ޕްލަސް ޕޮއިންޓެއް."

މިއަހަރުގެ ވޯލްޑް ކަޕްގެ ފުރަތަމަ މެޗުގެ ކުރިން ޑެންމާކްގެ ކޯޗު ހިއުލްމަންޑް ބުނީ، އެޓީމަކީ މުބާރާތުގެ ފޭވަރިޓުން ނޫން ވިޔަސް، ބޮޑު ކާމިޔާބީއެއް ހޯދުމުގެ ފެންވަރު ޓީމުގައި ހުރި ކަމަށާއި މޮޅުވުމަކީ އެމީހުންގެ ވަރަށް ބޮޑު ހުވަފެނެއް ކަމަށެވެ.

"މި ކުޅުންތެރިންގެ ކިބައިގައި ހުރިހާ ކަމެއް ކާމިޔާބު ކުރުމުގެ ފެންވަރު އެބަހުރި، އެކަމަކު އަހަރެމެންނަކީ ފޭވަރިޓުންތަ؟ ނޫން!" މިދިޔަ އަހަރުގެ ޔޫރޯ މުބާރާތުގެ ސެމީ ފައިނަލަށް ޓީމު ގެންގޮސްދިން ކޯޗު ހިއުލްމަންޑް ބުންޏެވެ.

"ކޮންމެ ބަޔަކާ ވެސް ކުޅެން ޖެހޭ ދުވަހު އެބަޔަކު ބަލިކުރެވޭނެ ކަމަށް އަހަރެމެންގެ އަމިއްލަ ނަފްސަށް ވަރަށް ބޮޑު އިތުބާރެއް އެބަ އޮތް، ކާމިޔާބު ކުރުމަށް އޮތް އެންމެ ރަނގަޅު ގޮތަކީ ކާމިޔާބު ކުރުމުގެ ހުވަފެން ދެކެމުން މުބާރާތަށް ގޮސް މަސައްކަތް ކުރުން.

"އަހަރެމެންނަށް ރަނގަޅު އިހުސާސެއް އެބަކުރެވޭ، އަހަރެމެން މިތިބީ (އިދިކޮޅުން ނުކުންނަ ޓީމުތަކަށް) ހަމަލާ ދޭން ތައްޔާރަށް. ނަމަވެސް އެންމެ މަތީ ޓީމުތަކާ އަހަރެމެންނާ ދެމެދު ފަރަގެއް އެބަ އޮތް، އެކަމަކު އެއީ އަހަރެމެންނަށް އެޓީމުތައް ބަލި ނުކުރެވޭނެ ސަބަބެއް ނޫން."

ޑެންމާކާއި ޓިއުނީޝިއާގެ އިތުރުން އޮސްޓްރޭލިއާ އާއި، އެންމެ ފަހުގެ ޗެމްޕިއަން ފްރާންސް ވެސް ހިމެނެނީ އެއް ގުރޫޕެއްގަ އެވެ.

މި އަހަރުގެ ޔޫއެފާ ނޭޝަންސް ލީގުގައި ވެސް ޑެންމާކް ހިމެނުނީ ފްރާންސާ އެއް ގުރޫޕެއްގަ އެވެ. ޑެންމާކް ވަނީ ފްރާންސާ ދެކޮޅަށް ކުޅުނު ދެ މެޗު ވެސް ކާމިޔާބު ކޮށްފަ އެވެ.