ރެއިންބޯ ޓީޝާޓް ލައިގެން ހުރުމުން އެމެރިކާ ނޫސްވެރިޔާ ދަނޑަށް ވަނަނުދީ ހިފަހައްޓައިފި
ރެއިންބޯ ޓީޝާޓް ލައިގެން ހުރުމުން އެމެރިކާ ނޫސްވެރިޔާ ދަނޑަށް ވަނަނުދީ ހިފަހައްޓައިފި

ގަތަރުގައި ކުރިއަށްދާ ވޯލްޑް ކަޕުގައި ރޭ އެމެރިކާ އާއި ވޭލްސް ކުޅުނު މެޗު ބަލަން، އެއްޖިންސުން ގުޅުން ހިންގުން ރަމްޒުކޮށްދޭ ރެއިންބޯ ޓީޝާޓެއް ލައިގެން އެމެރިކާގެ މަޝްހޫރު ފުޓްބޯޅަ ނޫސްވެރިޔާ ގްރާންޓް ވާލް ވަންނަން އުޅުމުން ސެކިއުރިޓީން އޭނާ ދަނޑަށް ވަނަނުދީ ހިފަހައްޓައިފި އެވެ.

ގަތަރުގައި އެއް ޖިންސުން ގުޅުން ހިންގުމާއި އެކަމާ ގުޅޭ ޝިޔާރުތައް ފާޅުކުރުން މަނަލެވެ. އެހެންވެ ފީފާ އިން ވަނީ، އެކަން ރަމްޒުކޮށްދޭ ކެޕްޓަން ބޭންޑް އެޅުން މަނާކޮށްފަ އެވެ. އަދި ސްޓޭޑިއަމުގައި ވެސް އެފަދަ ޝިޔާރެއް ފާޅުކުރުން މަނަލެވެ.

ވާލް ރޭ މެޗު ބަލަން އަހުމަދު ބިން އަލީ ސްޓޭޑިއަމަށް ވަންނަން ދިޔައީ ރެއިންބޯ ކުލަތައް ފެންނަން ހުރި ކަޅު ޓީޝާޓެއް ލައިގެންނެވެ. ވާލް ބުނި ގޮތުގައި ސްޓޭޑިއަމް ބޭރުގައި ހުރި ސެކިއުރިޓީ އޮފިސަރު ވަނީ އެ ޓީޝާޓް ނުލެވޭނެކަން އަންގައި، އަދި އެ ވާހަކަ އޭނާ ޓްވީޓްކުރަން އުޅުމުން ފޯނު ވެސް ގަދަކަމުން އަތުލާފައި ކަމަށެވެ.

އޭނާ 25 މިނެޓު ވަންދެން ހިފެހެއްޓި ކަމަށާއި އަދި ޓީޝާޓް ބޭލުމަށް އެންގި ކަމަށް ވާލް ބުންޏެވެ. އަދި ސްޓޭޑިއަމަށް ވަންނަން ދިޔަ ނިއުޔޯކް ޓައިމްސްގެ ނޫސްވެރިއެއް ގާތު އެ ވާހަކަ ބުނުމުން ސެކިއުރިޓީން އެ ނޫސްވެރިޔާ ވެސް ހިފެހެއްޓި ކަމަށާއި. ނަމަވެސް އެ ނޫސްވެރިޔާ އިރުކޮޅެއް ފަހުން ދޫކޮށްލި ކަމަށް ވާލް ބުންޏެވެ.

ފަހުން ސެކިއުރިޓީންގެ އިސް މީހަކު އައިސް ވާލް ދޫކޮށްލައި އޭނާގެ ކިބައިން މައާފަށް އެދުނެވެ.

"އަހަރެމެން ސަލާމްކޮށްލިން. ސެކިއުރިޓީ ގާޑަކު އަހަރެން ގާތު ބުނި އެ މީހުން މަސައްކަތްކުރީ، އެ ޓީޝާޓް ލައިގެން ދަނޑަށް ވަދެފި ނަމަ އެތެރޭގައި ތިބި ސަޕޯޓަރުން އޭނާ އަށް ދީފާނެ ގެއްލުމަކުން ސަލާމަތްކުރަން ކަމަށް،" ވާލް ބުންޏެވެ.

އެއް ޖިންސުން ގުޅުން ހިންގުން ޕްރޮމޯޓްކުރުން ގަތަރުން މަނާކޮށްފައި ވަނިކޮށް ވާލް މިކަން ކުރީ ސަމާލުކަން ހޯދަން ކަމަށް ބުނެ އޭނާ އަށް އަންނަނީ ފާޑުކިއުން އަމާޒުވަމުންނެވެ.

ވާލް މަޝްހޫރުވީ 2011 ވަނަ އަހަރު ފީފާގެ ރައީސް ކަމަށް ކުރިމަތިލާން ނިންމި ހިސާބުންނެވެ. ނަމަވެސް އެކަށީގެންވާ ސަޕޯޓް ނުލިބުމުން، އޭނާ އެކަމެއް ނުކުރެ އެވެ.

ވޯލްޑް ކަޕް ކޮލިފައިން މެޗެއް ކަވަރުކުރަން އުޅެނިކޮށް 2009 ވަނަ ހޮންޑޫރާސް ގައި ރޯމާ ދުވާލު ބަޑި ހިފައިގެން ތިބި ބަޔަކު ވަނީ ވާލްގެ ފޯނާއި ވޮލެޓު ފޭރިގެންފަ އެވެ.