ފަހު ވޯލްޑް ކަޕަށް އަހަރެން މިހުރީ ވަރަށް ފޯމުގައި: މެސީ
ފަހު ވޯލްޑް ކަޕަށް އަހަރެން މިހުރީ ވަރަށް ފޯމުގައި: މެސީ

ލުސެއިލް (ނޮވެމްބަރު 22) - އޭނާގެ އެންމެ ފަހު ވޯލްޑް ކަޕާ ކުރިމަތިލާއިރު ހުރީ ރަނގަޅު ފޯމެއްގައި ކަމަށް ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް ފުޓްބޯޅަ ކުޅުންތެރިޔާ އާޖެންޓީނާގެ ލިއޮނަލް މެސީ ބުނެފި އެވެ.

އާޖެންޓީނާގެ ފުރަތަމަ މެޗުގައި މިއަދު މެންދުރުފަހު 3 ޖަހާއިރު ބައްދަލުކުރާނީ ސައުދީ އަރަބިއާއާ އެވެ.

މެސީ ބުނީ މުބާރާތަށް ވަކި ހާއްސަ ތައްޔާރީއެއް ނުވާ ކަމަށާއި ނަމަވެސް އޭނާ ހުރީ މުބާރާތަށް މުޅިން ފިޓުކޮށް ކަމަށެވެ. އަދި މި ފަހުން އާޖެންޓީނާގެ ޕްރެކްޓިސް ސެޝަނެއްގައި ބައިވެރި ނުވުމުން އޭނާ އަށް އަނިޔާވެ ވޯލްޑް ކަޕްގައި ނުކުޅެވިދާނެ ކަމަށް ދެކެވޭ ވާހަކަތައް ވެސް އޭނާ ދޮގު ކުރި އެވެ.

"މިއީ އަހަރެންގެ ފަހު ވޯލްޑް ކަޕް. އަހަރެންގެ ހުވަފެން ހަގީގަތަކަށް ހަދަން ލިބޭ އެންމެ ފަހު ފުރުސަތު މިއީ. ފިޒިކަލީ ވަރަށް ރަނގަޅު ހާލަތެއްގައި މިހުރީ. އަހަރެން މުބާރާތަށް އައިސް މިހުރީ ޕާސަނަލީ އަދި ފިޒިކަލީ ވެސް ވަރަށް ރަނގަޅު ފޯމެއްގައި ކަމަށް ގަބޫލު ކުރެވޭ. އެއްވެސް މައްސަލައެއް ނެތް،" އާޖެންޓީނާގެ ކެޕްޓަން މެސީ ބުންޏެވެ.

"އަހަރެން އަޑު އެހިން ޓްރެއިނިންގެ ބައެއް ގެއްލިގެން އަހަރެން ޓީމާ ދުރުގައި ހުރެ ތަފާތު ފަރިތަކުރުންތަކެއް ކުރި ވާހަކަ، އެއީ ކުޑަވަރެއްގެ ތަދެއް އަރައިގެން، އާދަޔާހިލާފު އަނިޔާއެއް ނުވޭ. އެއީ ހަމަ ރައްކާތެރިވާން އެޅި ފިޔަވަޅެއް."

މިއީ އުމުރުން 35 އަހަރުގެ މެސީ ކުޅޭ ފަސްވަނަ ފީފާ ވޯލްޑް ކަޕެވެ. އޭނާ އަށް ކާމިޔާބު ނުވެ އޮތް ހަމައެކަނި މުބާރާތަކީ ވެސް މިއީ އެވެ. ނަމަވެސް ހަތް ފަހަރު ބެލޮންޑިއޯ ކާމިޔާބު ކޮށްފައިވާ މެސީ 2014 ވަނަ އަހަރު ވަނީ އޭނާގެ ކެޕްޓަން ކަމުގައި އާޖެންޓީނާ ގޮވައިގެން ވޯލްޑް ކަޕް ފައިނަލް ގައި ކުޅެފަ އެވެ.

އެންމެ ފުރަތަމަ މެސީ ކުޅުނީ 2006 ވަނަ އަހަރުގެ ވޯލްޑް ކަޕްގަ އެވެ. އަދި އެ އަހަރު އޭނާ ވޯލްޑް ކަޕް ގައި ފުރަތަމަ ލަނޑު ވެސް ޖެހި އެވެ.

ބާސެލޯނާ އާއި ޕީއެސްޖީ ގައި މެސީ ވަނީ ގިނަ ކާމިޔާބީތަކެއް ހޯދައިފަ އެވެ. ނަމަވެސް އާޖެންޓީނާގެ ސީނިއާ ޓީމާ އެކު އޭނާގެ ފުރަތަމަ ތަށި އުފުލާލީ މިދިޔަ އަހަރު އެވެ. އޭނާގެ ކެޕްޓަންގައި މިދިޔަ އަހަރު އާޖެންޓީނާ ވަނީ ބްރެޒިލް ބަލިކޮށް ކޮޕާ އެމެރިކާ މުބާރާތް ކާމިޔާބު ކޮށްފަ އެވެ.

"އާޖެންޓީނާ ނޫން މީހުންވެސް މިހަފަރު ބޭނުންވޭ އާޖެންޓީނާ ވޯލްޑް ކަޕް ކާމިޔާބުކުރަން، އޭގެ އެންމެ ބޮޑު އެއް ސަބަބަކީ އަހަރެން، މިއީ ވަރަށް އުފާވެރި އިހުސާސެއް ކުރުވާ ކަމެއް. ދުނިޔޭގެ އެކި ކަންކޮޅުތަކުން އަހަރެންގެ މުޅި ކެރިއަރުގައި ލިބުނު ލޯތްބާއި ސަޕޯޓަށް އަހަރެން ޝުކުރުވެރިވަން. އޭގެ މިސާލެއް ގަތަރުގައި ލިބެމުން މިދާ ސަޕޯޓަކީ ވެސް،" މެސީ ބުންޏެވެ.