22 ނޮވެމްބަރ 2022 - 09:18

ޖަޕާން ރައްޔިތުން މަޝްހޫރުވެފައިވާ ސާފު ތާހިރުކަމަށް ލޯބިކުރާ ބައެއްގެ ގޮތުގަ އެވެ. ކުޅިވަރުގެ ތެރެއިން އެކަން ދުނިޔެ އަށް އެނގިގެން ދިޔައީ 2018 ވަނަ އަހަރުގެ ވޯލްޑް ކަޕުގައި ޖަޕާން ކުޅުނު މެޗުތަކަށް އެ ޓީމުގެ ކުޅުންތެރިން ޗޭންޖިން ރޫމު ސާފުކުރުމުންނެވެ. އަދި އެ ޓީމުގެ މެޗުތަކަށް ފަހު ސަޕޯޓަރުން ސްޓޭޑިއަމް ދޫކޮށްދިޔައީ، ތިބި ސަރަހައްދުން ކުނި ނަގައި ސާފުކޮށްފަ އެވެ.
ގަތަރުގައި މިހާރު ކުރިއަށްދާ މި އަހަރުގެ ވޯލްޑް ކަޕުގައި ވެސް ޖަޕާނުން މިވަނީ ނަމޫނާ ދައްކައިފަ އެވެ. މި ފަހަރު ޖަޕާން ސަޕޯޓަރުން ސްޓޭޑިއަމް ސާފުކުރީ އެ ޓީމު ނުވެސް ކުޅޭ މެޗެއްގަ އެވެ. މުބާރާތް ހުޅުވަން ގަތަރާއި އިކުއެޑޯ ކުޅުނު މެޗު ބަލަން ވަދެ ތިބި ޖަޕާން ސަޕޯޓަރުން ވަނީ މެޗަށް ފަހު އެތަނަށް އެޅިފައި ހުރި ހުސްކުރި ފުޅި އާއި ދަޅާއި ކާނާ ބަންދުކުރި ޕާރުސަލްތައް ނަގައި ސާފުކޮށްފަ އެވެ.
މިކަން އެނގިގެން ދިޔައީ ބަހުރޭނުގެ ސޯޝަލް މީޑިއާ އިންފްލުއެންސާ އޮމަރު އަލް-ފާރޫގް އެ މަންޒަރު ވީޑިއޯކޮށް ސޯޝަލް މީޑިއާއަށް ލުމުންނެވެ.
"އަހަރެމެންނަކީ ޖަޕާނު މީހުން. އަހަރެމެން ތިބި ތަނެއް ދޫކޮށްފައި ނުދާނަން ކުނިތައް ބަހައްޓާފައި،" އޮމަރުއާ ވާހަކަދައްކަމުން ޖަޕާން ސަޕޯޓަރަކު ބުންޏެވެ.
ޖަޕާން ސަޕޯޓަރުން ވަނީ ބިން މައްޗަށް އެއްލާލާފައި ހުރި ގަތަރާއި އިކުއެޑޯގެ ދިދަތައް ވެސް ނަގައިފަ އެވެ.
އެންމެ ފަހުގެ ވޯލްޑް ކަޕުގެ ދެ ވަނަ ބުރުން ބެލްޖިއަމް އަތުން 3-2 އިން ޖަޕާން ބަލިވުމުން ހިތާމަ ފާޅުކުރަން ތިބުމުގެ ބަދަލުގައި ޖަޕާން ސަޕޯޓަރުން އަވަސްވީ ދަނޑު ސާފުކުރުމަށެވެ.