22 ނޮވެމްބަރ 2022 - 09:55

ލުސެއިލް (ނޮވެމްބަރު 22) - ސައުދީ އަރަބިއްޔާ އަށް މި އަހަރުގެ ވޯލްޑް ކަޕް ގައި ގުރޫޕް ސްޓޭޖް ފަހަނަ އަޅައި ދެ ވަނަ ބުރަށް ދެވިދާނެ ކަމަށް ގަބޫލުނުކުރާ ކަމަށް އެޓީމުގެ ކޯޗު ހާވޭ ރެނާޑް ބުނެފި އެވެ.
އެހެންވިޔަސް އާޖެންޓީނާ، ޕޮލެންޑް އަދި މެކްސިކޯއާ ދެކޮޅަށް އެ ޓީމު ނުކުންނާނީ ރަނގަޅު ފައިޓެއް ދީ، ސަޕްރައިޒިން ނަތީޖާތަކެއް ނެރުމުގެ އުއްމީދުގައި ކަމަށް، 2018 ވަނަ އަހަރުގެ ވޯލްޑް ކަޕުގައި މޮރޮކޯ ގޮވައިގެން ނުކުތް ކޯޗު ބުންޏެވެ.
"އެމީހުން އަހަރެމެންގެ މަތިން ހަނދާން ނެތިއްޖެ ނަމަ (މާ ބޮޑު ސަމާލުކަމެއް ނުދޭ ނަމަ) އެއީ ވަރަށް އުފާވާނެ ކަމެއް. އަހަރެމެންނަކީ އެންމެ ކުޑަ ޓީމު ގޮތުގައި ދެކިދާނެ، އެކަމާ އަހަރެމެންގެ އެއްވެސް ފަރުވާލެއް ނެތް، ފީފާ ރޭންކިންއަށް ބަލައިލިޔަސް އެކަން ގަބޫލު ކުރެވޭނެ،" ފްރާންސަށް އުފަން ކޯޗު ބުންޏެވެ.
"އަހަރެމެން ދެ ވަނަ ބުރަށް ގޮސްދާނެ ކަމަށް ގަބޫލެއް ނުކުރަން، އެކަމަކު އަހަރެމެން މިތިބީ ލަފާކުރުންތަކާ ދެކޮޅަށް ހަނގުރާމައެއް ކުރަން. ވޯލްޑް ކަޕް ގައި ހީނުކުރާ ފަދަ ބައިވަރު ސަޕްރައިޒްތަކެއް ފެނޭ، އަހަރެމެން މިތިބީ އެ މެންޓާލިޓީގައި."
ރެނާޑް އިތުރަށް ބުނީ، ސައުދީ އަރަބިއްޔާ އަށް އޮތް އެންމެ ބޮޑު އެއް ގޮންޖެހުމަކީ، ގައުމުން ބޭރު ލީގުތަކުގައި ކުޅޭ ކުޅުންތެރިން ނެތުން ކަމަށެވެ. ނަމަވެސް ކުރިއަށް އޮތް ތަނުގައި ސައުދީގެ ކުޅުންތެރިން ގައުމުން ބޭރުގައި ބޮޑެތި ލީގުގައި ކުޅެ ގިނަ ތަޖުރިބާ ހޯދައިގެން އޭގެ ފައިދާ ގައުމީ ޓީމަށް ކުރާތަން ދެކެން ބޭނުންވާ ކަމަށް އޭނާ ބުންޏެވެ.
"އުއްމީދު ކުރަން ކޮންމެވެސް ދުވަހަކުން ސައުދީގެ ކުޅުންތެރިން ގައުމުން ބޭރުގައި ބޮޑެތި ލީގުތަކުގައި ކުޅެ، މިކަހަލަ ބޮޑެތި މެޗުތަކަށް ތަޖުރިބާ ހޯދާނެ ކަމަށް. މިސްރު ޓީމުން ވެސް މިހާރު އޭގެ ތަފާތު ފެނޭ، ޖަޕާނުން ވެސް. ކުރިން ގައުމުން ބޭރުގައި ނުކުޅުނަސް، މިހާރު ބައިވަރު ކުޅުންތެރިން ބޮޑެތި ލީގުތަކުގައި އެބަ ކުޅޭ. ސައުދީ ކުޅުންތެރިން ވެސް ގައުމުން ބޭރުގައި ގިނަ ތަޖުރިބާ ހޯދާނެ ކަމަށް އުންމީދު ކުރަން،" އޭނާ ބުންޏޭވެ.
ސައުދީ އަރަބިއްޔާ އެ ޓީމުގެ ފުރަތަމަ މެޗުގައި މިއަދު ނުކުންނާނީ މުބާރާތުގެ އެއް ފޭވަރިޓުން ކަމުގައިވާ އާޖެންޓީނާއާ ދެކޮޅަށެވެ. ރެނާޑް ބުނީ އެއީ އެންމެ މޮޅު ޓީމުތަކުގެ ތެރޭން ޓީމެއް ކަމަށާއި، އެޓީމާ ދެކޮޅަށް ވޯލްޑް ކަޕް ގައި ކުޅުމަކީ ވެސް ލިބޭ ޝަރަފެއް ކަމަށެވެ.
އާޖެންޓީނާގެ ކޯޗަކީ ލިއޮނެލް ސްކަލޯނީ އެވެ. ރެނާޑް ވަނީ 2019 ވަނަ އަހަރު މޮރޮކޯ ގޮވައިގެން ރަހުމަތްތެރިކަމުގެ މެޗެއްގައި ސްކަލޯނީގެ އާޖެންޓީނާއާ ދެކޮޅަށް މޮރޮކޯ ގައި ކުޅެފަ އެވެ. އެ މެޗުން އާޖެންޓީނާ މޮޅުވީ 1-0 އިންނެވެ. ލައުޓޭރޯ މާޓިނޭޒް އާއި ޕައޮލޯ ޑިބާލާ ފަދަ ކުޅުންތެރިން އެ މެޗުގައި ކުޅުނު ނަމަވެސް ލިއޮނެލް މެސީ އެ މެޗުގައި ނުހިމެނެ އެވެ.
ރެނާޑް ބުނީ މެސީ އަކީ ފުޓުބޯޅައިގެ ލެޖެންޑެއް ކަމަށާއި، އުމުރުން 35 އަހަރުގައި ވެސް އޭނާގެ ކުޅުމުގެ ފެންވަރު ހުރީ އެންމެ އުހުގައި ކަމަށެވެ. އެކަން ޕީއެސްޖީ ގައި އޭނާގެ ތަފާސްހިސާބުތަކުން ސާބިތުވާން އެބަހުރި ކަމަށް އޭނާ ބުނެ އެވެ. އަދި މެސީ އާއި ކްރިސްޓިއާނޯ ރޮނާލްޑޯ ފަދަ ލެޖެންޑުންނާ ދެކޮޅަށް ކުޅުމަކީ އަބަދުވެސް އިދިކޮޅުން ނުކުންނަ ޓީމަށް ހިތްވަރު ލިބޭ ކަމެއް ކަމަށް އޭނާ ބުންޏެވެ.
ސައުދީ އަރަބިއްޔާ މިހާތަނަށް ފީފާ ވޯލްޑް ކަޕް ގައި ދެ ވަނަ ބުރަށް ދަތުރުކޮށްފައި ވަނީ އެ ޓީމު އެންމެ ފުރަތަމަ ކުޅުނު އަހަރު ކަމަށްވާ 1994 ގަ އެވެ. އެ އަހަރު އެމެރިކާގައި އޮތް މުބާރާތުގައި އެޓީމު ފުރަތަމަ މެޗުގައި ނެދަލެންޑްސް އަތުންބަލިވި ނަމަވެސް، މޮރޮކޯ އާއި ބެލްޖިއަމް ބަލިކޮށް ގަދަ 16 އިން ޖާގަ ހޯދި އެވެ. ގަދަ 16 އިން ކެޓީ އެ އަހަރުގެ ތިން ވަނަ ހޯދި ސްވިޑެން އަތުން ބަލިވެގެންނެވެ.
ލުސެއިލް ސްޓޭޑިއަމްގައި ސައުދީ އަރަބިއްޔާ އާއި އާޖެންޓީނާ މިއަދު ބައްދަލުކުރާ މެޗު ފަށާނީ މެންދުރުފަހު 3 ޖަހާއިރެވެ. މެޗުގެ ސްކޯ ދިމާ ކުރުމުގެ ފުރުސަތު މެޗު ފެށެންދެން "މިހާރު" ގެ ސްކޯ ޕްރެޑިކްޓާއިން ވަނީ ހުޅުވައިލައިފަ އެވެ.