21 ނޮވެމްބަރ 2022 - 16:33

ވ. އާރަށް މައްސަލާގައި ދައުލަތުން އާ ހެކިތަކެއް ހުށަހެޅީ އުފައްދައިގެން ކަމަށް ތުހުމަތުކޮށް، އަދި އެ ހެކިތައް ބަލައިނުގަނެވޭނެ ކަމަށް ޔާމީންގެ ވަކީލުން ކްރިމިނަލް ކޯޓުގައި މިއަދު ބުނެފި އެވެ.

އާރަށް މައްސަލާގައި ޔާމީންގެ މައްޗަށް ދައުވާކުރަނީ އެ ރަށް ކުއްޔަށް ދޫކޮށްގެން ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ގަބޫލު ކުރައްވައި އަދި އެ ފައިސާ ލޯންޑާ ކުރި ކަމަށް ބުނެ އެވެ. ޔާމީނަށް ރިޝްވަތު ދިންކަމުގެ ދައުވާ ދައުލަތުން ކުރަނީ ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމްގެ މައްޗަށެވެ. އެކަމަކު އެ ބޭފުޅުން ވިދާޅުވާ ގޮތުން އެއީ ޑޮލަރު ވިއްކުމުގެ މުއާމަލާތެކެވެ.
އެކަން ދޮގުކުރަން ޔާމީންގެ ފަރާތުން ދިފާއީ ހެކިތަކެއް ހުށަހަޅާފައި ވަނިކޮށް، ދިފާއި ހެކިންގެ ހެކިބަސް ދޮގުކުރަން ދައުލަތުން އާ ހެކިތަކެއް ހުށަހެޅި އެވެ. އެ ހެކިތައް ކޯޓުން މިހާރު ވަނީ ބަލައިގެންފަ އެވެ.
ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި، ޔާމީންގެ ވަކީލުން މިއަދު ވިދާޅުވީ އާ ހެކި ހުށަހެޅެނީ އެއީ ކުރިން ލިބިފައިނުވާ ހެއްކެއް ކަމަށް ވާނަމަ ކަމަށާއި އެކަމަކު ދައުލަތުން ހުށަހެޅީ ކުރިން ހުށަހެޅުމުގެ ފުރުސަތު ލިބިފައި ހުރި ހެކިތަކެއް ކަމަށެވެ. އެހެންވެ، އާ ހެކިތަކަކީ ބަލައިނުގަނެވޭނެ ކަމަށް ވަކީލުން ވިދާޅުވި އެވެ.
ވަކީލުން ވިދާޅުވި ގޮތުގައި ދައުލަތުން އާ ހެކިތަކެއް ހުށަހެޅީ ގޯސްތަކެއް ހެދިއްޖެނަމަ އަމިއްލައަށް ގަބޫލު ކުރެވިގެން އެކަންކަން ފޫބެއްދުމަށެވެ. އެކަމަކު އެގޮތަށް އާ ހެކި ހުށަހެޅުމުގެ ފުރުސަތު ނުދެވޭނެ ކަމަށް ވަކީލުން ވިދާޅުވި އެވެ. އަދި މިހާރު ހެކިތައް ހުށަހަޅަނީ އުފައްދައިގެން ކަމަށް ވަކީލުން ވިދާޅުވި އެވެ.
ޔާމީންގެ ދިފާއުއަކީ ޔޫސުފް ނައީމް ދިން ފައިސާއަކީ ޑޮލަރު ވިއްކުމުގެ މުއާމަލާތެއް ކަމަށެވެ.
ޑޮލަރު ވިއްކި ކަމާއި އަދި އާރަށް ކުއްޔަށް ދޫކުރުމުގައި ޔާމީންގެ ނުފޫޒެއް ނެތްކަން ސާބިތުކުރަން ޔާމީންގެ ފަރާތުން ހުށަހެޅި މާލޭ ސިޓީގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝާއި ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި ކުރީގެ ޔޫތު މިނިސްޓަރު އަހުމަދު ޒުހޫރެވެ.
ނަރީޝް ހެކިބަސް ދިނީ ޔާމީންގެ ގެކޮޅުގައި ހުރެގެން އެއް މިލިއަން ޑޮލަރަށްވާ 15 މިލިއަން ރުފިޔާ އަތުން ގުނުމަށްފަހު އެ ފައިސާ ޔޫސުފް ނައީމާ ހަވާލުކުރި ކަމަށް ބުނެ އެވެ. އެކަން ދޮގުކުރަން ފަހުން ހުށަހެޅީ އެދުވަސްވަރު ނަރީޝް ސިފައިންގެ ވަޒީފާގައި އުޅުނުއިރު އޭނާގެ ހާޒިރީގެ ރިޕޯޓެވެ.
އެ ރިޕޯޓާ ގުޅިގެން ޔާމީންގެ ވަކީލުން ވިދާޅުވީ އެ ރިޕޯޓް ހުށަހެޅީ ނަރީޝްގެ ހެކިބަސް ދޮގުކުރަން ކަމަށް ބުނެ ކަމަށް ވިޔަސް، އެ ރިޕޯޓަކުން އޭނާގެ ބަސް ދޮގު ނުކުރެވޭ ކަމަށެވެ. އޭނާ އެދުވަސްވަރު ސިފައިންގެ ޑިއުޓީއަށް ހާޒިރުވިކަން އެނގުނަސް، ޔާމީންގެ ގެކޮޅަށް އޭނާ ނުދާކަން އެ ރިޕޯޓުން ނޭނގޭނެ ކަމަށް ވަކީލުން ވިދާޅުވި އެވެ.
ސަބަބަކީ އޭނާގެ ހެކިބަހުގައި ޔާމީންގެ ގެކޮޅަށް ދިޔަ ވަކި ސީދާ ތާރީޚެއް ބުނެފައި ނުވާތީ ކަމަށް ވަކީލުން ވިދާޅުވި އެވެ. އަދި ނަރީޝް ވަކިކުރީ ސިޔާސީ މީހުންނާ ގާތް ގުޅުމެއް ބާއްވާ ކަމަށް ތުހުމަތުކޮށް ކަމަށްވާތީ އެއީ ވެސް ޔާމީންގެ ގެކޮޅަށް އޭނާ ދިޔަކަމަށް ލިބޭ އިތުރު ބާރެއް ކަމަށް ވަކީލުން ވިދާޅުވި އެވެ.
އެ މައްސަލާގައި އަދިވެސް ކުރިއަށް ދަނީ ހެކިތަކާ ބެހޭގޮތުން ވާހަކަ ދެއްކުމެވެ. އިއްޔެ އާއި މިއަދު ވެސް ކުރިއަށް ދިޔައީ ޔާމީންގެ ފަރާތުން ހެއްކާބެހޭ ގޮތުން ވާހަކަ ދެއްކުމެވެ. އޭގެފަހުގައި އޮންނާނީ ޚުލާސާ ބަޔާން ހުށަހެޅުމެވެ.