21 ނޮވެމްބަރ 2022 - 15:46

ވޯލްޑް ކަޕުގެ މެޗުތައް ކުޅޭ ސްޓޭޑިއަމްތައް ކައިރިން ބިޔަރު ނުވިއްކަން ގަތަރުން ނިންމުމުން، ވޯލްޑް ކަޕުގެ ސްޕޮންސާ ނަގާފައިވާ ބިޔަރު ކުންފުނި ބައިޑްވައިޒާ އިން ބަދަލު ހޯދަން ވިސްނަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ގަތަރުން އެންމެ ފުރަތަމަ ނިންމާފައި އޮތީ ސްޓޭޑިއަމް ބޭރުގައި ބިޔަރު ވިއްކާ ގޮތަށެވެ. އެކަމަކު އެ ނިންމުން ބަދަލުކުރީ މުބާރާތް ފެށެން ދެ ދުވަހަށް ވެފައިވަނިކޮށެވެ.
އެމެރިކާގެ ކުންފުންޏެއް ކަމަށްވާ ބަޑްވައިޒާ އަކީ 1986 ވަނަ އަހަރުން ފެށިގެން ފީފާ ވޯލްޑް ކަޕްގެ ސްޕޮންސަރެކެވެ. ކޮންމެ މެޗެއްގެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ވެސް ސްޕޮންސާ ކޮށްފައި ވަނީ އެ ކުންފުނިންނެވެ.
ރިޕޯޓްތައް ބުނާގޮތުން އެ ކުންފުނިން ކޮންމެ ހަތަރު އަހަރުން އެއް ފަހަރު ކޮންމެ ވޯލްޑް ކަޕަކަށް ފީފާ އަށް ގާތްގަނޑަކަށް 75 މިލިއަން ޑޮލަރު ސްޕޮންސާގެ ގޮތުގައި ދެ އެވެ.
އަދި 2026 ވަނަ އަހަރު ކެނެޑާ، މެކްސިކޯ، އެމެރިކާ ގައި ބާއްވާ ވޯލްޑް ކަޕަށް 115 ވަރަކަށް މިލިއަން ޑޮލަރުގެ ސްޕޮންސާޝިޕެއް އެ ކުންފުނިން ހަމަޖައްސާފައި ވާކަމަށް ވެ އެވެ.
އެހެން ނަމަވެސް ގަތަރުގައި ބިޔަރު ވިއްކުން މަނާ ވުމާ ގުޅިގެން، ކުރިއަށް އޮތް ވޯލްޑް ކަޕަށް ކަނޑައަޅާފައިވާ އަދަދުން ގާތްގަނޑަކަށް 50 މިލިއަން ޑޮލަރު އުނިކުރަން އެ ކުންފުނިން ނިންމާފައި ވާކަމަށް އިނގިރޭސި މީޑިއާ ތަކުން ހާމަކޮށްފައި ވެއެވެ.
ސްޓޭޑިއަމް ތަކުގައި ބިޔަރު ވިއްކުން މަނާ ވިއަސް، ބޭރު ގައުމުތަކުން ވޯލްޑް ކަޕް ބަލަން ޒިޔާރަތް ކުރާ ސަޕޯޓަރުންނަށް، ދޯހާގެ ސިޓީ ސެންޓަރުގައި ގާއިމް ކޮށްފައިވާ ވޯލްޑް ކަޕްގެ އޮފިޝަލް ފޭން ފެސްޓިވަލް ގައި ބިޔަރު ވިއްކާނެ އެވެ.
ބިޔަރަށް ވުރެ އަގު ހެޔޮކޮށް، ބަޑްވައިޒާ އިން ސްޓޭޑިއަމްތަކުގައި ވިއްކަނީ، އެ ކުންފުނިން އުފައްދާ އަލްކޮހޯލް ފްރީ 'ބަޑް ޒީރޯ' އެވެ.
ގަތަރުގެ މި ނިންމުމާ ގުޅިގެން ބައެއް ގައުމީ ޓީމުތަކާއި ގައުމުތަކުގެ ސަޕޯޓަރުން ވެސް ވަނީ ނުރުހުން ފާޅު ކޮށްފަ އެވެ. ނަމަވެސް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވަނީ ޔޫރަޕުގެ މަޝްހޫރު ލީގުތަކުން މިސާލު ނަގައިގެން، ގަތަރުގެ ނިންމުން ދިފާއުކޮށް، ވާހަކަ ދައްކައިފަ އެވެ. އޭނާ ވިދާޅުވީ ތިން ގަޑިއިރު ބިޔަރު ނުބޮއެ ތިއްބަސް މަރުނުވާނެ ކަމަށެވެ.
"ފްރާންސާއި ސްޕެއިން، ޕޯޗްގަލް އަދި ސްކޮޓްލެންޑްގައި ވެސް ހަމަ މި ގަވާއިދަށް އަމަލު ކުރޭ. އެ ގައުމުތަކުގައި ވެސް ސްޓޭޑިއަމް އަށް ބިޔަރު ހިފައިގެން ނުވަދެވޭ. މިތާންގައި އެކަން ކުރާތީ ބޮޑު ކަމަކަށް ހަދައިލައިގެން އުޅެނީ މުސްލިމް ގައުމަކަށް ވީމަ. އަހަންނަކަށް ނޭނގެ ކީއްވެގެން ކަމެއް މިތަނަށް ވީމަ އެހެން ވާން ޖެހޭނީކީ،" ފީފާގެ ރައީސް އިންފަންޓީނޯ ވިދާޅުވި އެވެ.