11 ޖެނުއަރީ 2017 - 16:54

ރާއްޖެ އަށް ވަގަށް އެތެރެ ކުރި ގިނަ އަދަދެއްގެ މަސް މަރާ ބަޑި ކަސްޓަމްސް އިން ރޭ އަތުލައިގެންފި އެވެ.
ކަސްޓަމްސް ބިލްޑިންގްގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، އެތަނުގެ ޗީފް ސުޕްރިންޓެންޑެންޓް އިސްމާއީލް ހަމްދޫން ވިދާޅުވީ މިދިޔަ ޑިސެމްބަރު 31 ގައި ރާއްޖެ އައި ދުބާއީގެ މުދާ އުފުލާ ބޯޓަކުން މަސް މަރާ 21 ބަޑި ރޭ އަތުލައިގެންފައިވާ ކަމަށެވެ.
ވަކި ހާއްސަ ހުއްދައެއްގެ ދަށުން ނޫނީ އެ ފަދަ ބަޑި ރާއްޖެ އެތެރެ ކުރުމަކީ ގާނޫނީ ގޮތުން މަނާ ކަމެކެވެ.
ކަސްޓަމްސް އިން ހިންގި އެ އޮޕަރޭޝަނުގެ ތަފްސީލު ދެއްވަމުން ސުޕްރިންޓެންޑެންޓް އަހުމަދު ފަހީމް ވިދާޅުވީ އިންޓެލިޖެންސް މައުލޫމާތަކުގެ އަލީގައި، ކަސްޓަމްސްގެ ހާއްސަ އޮފިސަރުންތަކެއް އެތަކެތި ބަޑިތައް ހޯދީ، ބޯޓުން އެތެރެ ކުރި އަންނައުނު ކޮންޓޭނަރުތަކެއްގެ ތެރެއިން ކަމަށެވެ.
ފަހީމް ވިދާޅުވި ގޮތުގައި ބަޑިތައް ފެނުނީ، އާއްމުކޮށް އިލެކްޓްރޯނިކް ސާމާނު އެތެރެކުރާ އެ ބޯޓުން ގާމެންޓްސް ޝިޕްމެންޓުތަކެއް ޑިކްލެއާ ކުރުމުންނެވެ.
މިތަކެތި އެތެރެ ކުރީ ދިވެހި ކުންފުންޏަކުން ނަމަވެސް މި މައްސަލައާ ގުޅިގެން އަދި މީހަކު ހައްޔަރެއް ނުކުރެ އެވެ.
މި މައްސަލަ މިހާރު އަންނަނީ ފުލުހުންނާ ގުޅިގެން އިތުރަށް ތަހުގީގު ކުރަމުންނެވެ.