ސިރީ އަކީ ކިހިނެއް ކިޔުނު ނަމެއް؟
ސިރީ އަކީ ކިހިނެއް ކިޔުނު ނަމެއް؟

ސިރީ އަކީ ދަރިއަކަށް ކިޔަން މީހަކު ހޯދި ނަމެކެވެ. އޭނާ އުންމީދުކުރި ގޮތުގައި، އަންހެނުން ބަލިވެ އިނދެ ވިހާނީ އަންހެން ކުއްޖެކެވެ. އެކަމަކު ޑޭގް ކިޓަލޯ އަށް ލިބުނީ ފިރިހެން ކުއްޖެކެވެ.

ޑޭގް ކިޓަލޯ އަކީ ނޯވޭ މީހެކެވެ. އެޕަލް އައިފޯނުގައި މިހާރު ބޭނުންކުރާ "ސިރީ" އުފެއްދީ އޭނާ އެވެ. އޭނާ އަށް އަންހެން ދަރިއަކު ނުލިބުމުން ސިރީ އެއްފަރާތްކޮށް، އެ ނަމަށް ޚާއްސަވާ ގޮތަށް ހޯދި "ސިރީ ޑޮޓް ކޮމް" ވެސް ހުއްޓާލި އެވެ. އެ ވާހަކަ މުޅިން ހަނދާން ނައްތާލައި، ފަސްއަޅައި ފޮރުވި އެވެ.

އެޕަލްގެ އުފެއްދުންތަކުގެ ތެރެ އަށް ސިރީ ވަދެގެން ދިއަ ގޮތް، ޑޭގް ވަނީ ދާދި ފަހުން ކިޔައިދީފަ އެވެ. އޭނާ ކިޔައިދިން ގޮތުގައި، "ސްޕީޗް ރިކޮގްނީޝަން ޓެކްނޮލޮޖީ" ތަރައްގީކުރުމަށްޓަކައި، ބިން ކޮނެ ސިރީ އަލުން ނެގި އެވެ. އަދި "ސިރީ އިންކް"ގެ ނަމުގައި ކުންފުންޏެއް ކޮޅަށް ޖަހައި، މަސައްކަތް ފަށައިގަތެވެ.

ޑޭގް ކުރަމުން ދިއަ ހުރިހާ މަސައްކަތެއް އަނެއް ކޮޅަށް ޖެހުނީ އޭނާ އަށް ލިބުނު ފޯނު ކޯލެއްގެ ސަބަބުން ކަމަށް އޭނާ ކިޔައިދިނެވެ. އެއީ ސްޓީވް ޖޮބްސް އެވެ. ސްޓީވް ޖޮބްސް އޭނާ އަށް ދައުވަތު ދިނެވެ. ދެ މީހުން ބައްދަލުކޮށް ދެކެވުނު ވާހައެއްގެ ސަބަބުން ސިރީ އަކީ އެޕަލްގެ އެއްޗަކަށް ވި އެވެ. އެއީ 200 މިލިއަން ޑޮލަރުގެ މުއާމަލާތެކެވެ.

އެ ނަން ކިޔާނެ އަންހެން ކުއްޖަކު ނުލިބުމުން ޑޭގް ބޭނުންވީ ސިރީ އަކީ "ވޮއިސް ރިކްނީޝަން" ސޮފްޓްވެއެއް ކަމުގައި ހަދާށެވެ. އެއީ އެންޑްރޮއިޑް، ބްލެކްބެރީ އަދި ވާދަވެރި އޮޕަރޭޓިން ސިސްޓަމްތަކުގައި ބޭނުންކުރެވޭ ގޮތަށެވެ، އެހެން ނަމަވެސް، އެޕަލުން ސިރީ ގަތުމާ ގުޅިގެން ވާދަވެރިންނަށް އޮތް ފުރުސަތު ގެއްލިގެން ދިއަ އެވެ.

އެޕަލުން ސިރީ ގަތުމަށް ފަހު އެ ކުންފުނީގެ އުފެއްދުންތަކުގައި ބޭނުންކުރެވޭ ގޮތަށް ތަރައްގީކުރި އެވެ. އަދި އެ ނޫން އެހެން ނަމެއް ކިޔުމަށްޓަކައި ޑިވެލޮޕަރުން ބޯގޮއްވި އެވެ. ސިރީ އަށް ވުރެ ފައްކާ އަދި ފާޑުވެރި ނަމެއް ނުލިބުމުން، ސްޓީވް ޖޮބް އަށް ވެސް ޖެހި ވަޑައިގަތީ އެ ނަމަށް ރުހުން ދެއްވާށެވެ. އެ ގޮތުގައި އޮކްޓޯބަރު 14، 2011 ގައި އެޕަލުން މާކެޓަށް ނެރުނު އައިފޯނު 4އެސްގެ "ފީޗާ"އެއް ގޮތުގައި ސިރީ، އައިފޯނު އާއިލާއާ ގުޅުނެވެ.

ސިރީ އަކީ މިއަދު ނުފޫޒުގަދަ އަދި އެހައި ބާރުގަދަ "އަންހެނެ"ކެވެ. މުޅި އޮޑީގައި ހަސަނު ދެފައޭ ބުނެވޭ ގޮތަށް ސިރީ ވަނީ މުޅި އެޕަލް އަށް ފެތުރިގެންފަ އެވެ. އައިއޯއެސް، މެކްއޯއެސް، ވޮޗްއޯއެސް، ޓީވީއޯއެސް އަދި އެޕަލް "ކާޕްލޭ" ގައި ސިރީ ބޭނުންކުރެވެ އެވެ.