މުސްލިމް ގައުމެއްގައި ވޯލްޑް ކަޕް ބާއްވާތީ އުފާކުރަން: ރައީސް
މުސްލިމް ގައުމެއްގައި ވޯލްޑް ކަޕް ބާއްވާތީ އުފާކުރަން: ރައީސް

މުސްލިމް ގައުމެއްގައި ވޯލްޑް ކަޕް ބާއްވާތީ އުފާކުރައްވާ ކަމަށާއި އަދި އެ މުބާރާތް ބޭއްވުމުގައި ގަތަރަށް ކުރިމަތިވި ގޮންޖެހުންތަކާ ހިކުމަތްތެރިކަމާ އެކު ކުރިމަތިލީތަން ފެނުމުން ހިތްވަރު ލިބޭ ކަމަށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރޭ ގަތަރުގައި ފެށި ވޯލްޑް ކަޕަކީ، މުސްލިމް ގައުމެއްގައި ބާއްވާ ދުނިޔޭގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތެވެ. އަދި މިއީ އަރަބި ގައުމެއްގައި ބާއްވާ ފުރަތަމަ ވޯލްޑް ކަޕް ވެސް މެ އެވެ.

ރައީސް ވަނީ މުބާރާތް ފެށުމުގެ މުނާސަބަތުގައި ގަތަރުގެ އަމީރު ޝެއިހް ތަމީމް ބިން ހަމަދު އައްޘާނީއަށް ތަހުނިޔާ އާއި ހެޔޮއެދުންތައް ފޮނުއްވައިފަ އެވެ.

ޝެއިހް ތަމީމް އަށް ރައީސް ފޮނުއްވި ސިޓީގައި ވިދާޅުވީ ވޯލްޑް ކަޕަށް ތައްޔާރުވުމުގެ ތެރޭގައި ގަތަރުގެ ސަރުކާރަށް ކުރިމަތިވި އެކި ކަހަލަ ގޮންޖެހުންތަކާ ހިކްމަތްތެރިކަމާއެކީ ކުރިމަތިލާތަން ފެނުމަކީ އެކަމުން ހިތްވަރުލިބޭކަމެއް ކަމަށެވެ.

ރައީސް ވިދާޅުވީ ކުރިއަށް އޮތް އަހަރުތަކުގައި ފުޓްބޯޅަ ސަޕޯޓަރުންގެ ހަނދާނުގައި މި މުބާރާތް ދެމިއޮންނާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމުގައި ވިދާޅުވެފަ އެވެ. އަދި ކުރިއަށް އޮތް ދުވަސްތަކު ތެރޭގައި ކުޅިވަރުގެ ރީތި ނަމޫނާއެއް ފެނިގެންދާނެކަމަށް އުންމީދުކުރައްވާކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.

ރާއްޖޭގައި މުވާސަލާތީ ހިދުމަތްދޭ ގަތަރުގެ އުރީދޫ އިން ވަނީ ވޯލްޑް ކަޕުގެ މެޗެއް ބައްލާލެއްވުމަށް ގަތަރަށް ވަޑައިގަތުމަށް ރައީސް އަށް ދައުވަތު ދެއްވައިފަ އެވެ. ނަމަވެސް އެމަނިކުފާނު ވަޑައިގަންނަވާނެ ކަމަށް އަދި ނޭގެ އެވެ.

ގަތަރުގައި ވޯލްޑް ކަޕް ބާއްވަން ފީފާގެ އެގްޒެކެޓިވް ކޮމިޓީގެ މެމްބަރުން 2010 ވަނަ އަހަރު ވޯޓު ދިނީ ފައިސާގެ ބަދަލުގައި ކަަމަށް ތުހުމަތުކުރެވެ އެވެ. ގަތަރަކީ ފުޓްބޯޅައިގެ ސަގާފަތެއް ނެތް އަދި ވަސީލަތްތަކުގެ ގޮތުން ބަލާއިރު ވޯލްޑް ކަޕް ބޭއްވޭ ވަރަށް ވުރެ ކުޑަ ގައުމެއް ކަމަށް ބުނެ އެ ގައުމަށް އަންނަނީ ފާޑުކިޔުން އަމާޒުވަމުންނެވެ. ނަމަވެސް ގަތަރުން ވަނީ ބިލިއަނުން ހަރަދުކޮށް މުބާރާތަށް ފުރިހަމައަށް ތައްޔާރުވެފަ އެވެ.