ގަތަރު ބަލިވާން ފެށުމުން ބައެއް ސަޕޯޓަރުން އެނބުރި ގެޔަށް
ގަތަރު ބަލިވާން ފެށުމުން ބައެއް ސަޕޯޓަރުން އެނބުރި ގެޔަށް

ވޯލްޑް ކަޕުގައި ރޭ އިކުއެޑޯއާ ދެކޮޅަށް ގަތަރު ކުޅުނު މެޗަކީ، އެ ގައުމުގެ ރައްޔިތުންގެ 12 އަހަރުވީ އިންތިޒާރުގެ ނިމުމެވެ. ކޮލިފައިވެގެން ގަތަރަށް ވޯލްޑް ކަޕުގައި ކުޅުމުގެ ފުރުސަތު ލިބިފައެއް ނުވެ އެވެ. އެހެންވެ 2010 ވަނަ އަހަރު އެ ގައުމުގައި ވޯލްޑް ކަޕް ބޭއްވުމުގެ ފުރުސަތު ލިބުމަކީ، ގައުމީ ޓީމު ދުނިޔޭގެ އެންމެ ބޮޑު މުބާރާތުގައި ކުޅޭތަން ދެކިލަން އެ ގައުމުގެ ރައްޔިތުންނަށް ލިބުނު ފުރުސަތެއް ވެސް މެ އެވެ.

މުބާރާތުގައި ރަނގަޅު ނަތީޖާއެއް ހޯދުމަށްޓަކައި ގަތަރުން ވަރަށް ފުރިހަމައަށް ތައްޔާރުވި އެވެ. ސްޕެއިން ކޯޗެއްގެ އިރުޝާދުގެ ދަށުން، ދިގު ރާސްތާ ޕްލޭނަކާ އެކު ވަރަށް ދިގު މުއްދަތެއްގައި އެކުގައި ޕްރެކްޓިސްކުރި އެވެ. އަދި ޔޫރަޕުގެ ވަރުގަދަ ޓީމުތަކާ އެކު ތަމްރީން މެޗުތައް ވެސް ކުޅުނެވެ.

އެހެންވެ ގަތަރު ރައްޔިތުން އުއްމީދުކޮށްގެން ތިބީ އަމިއްލަ ގައުމުގައި ކުޅޭ ވޯލްޑް ކަޕުގައި، ގައުމީ ޓީމުގެ ފަރާތުން ރަނގަޅު ނަތީޖާއެއް ނެރޭނެ ކަމަށެވެ. އެކަމަކު ކަންވީ އެހެނެއް ނޫނެވެ. އިކުއެޑޯ އަތުން 2-0 އިން ބަލިވިއިރު އެދެވޭ ކުޅުމެއް ވެސް ނުދެއްކުނެވެ. މުޅި މެޗުގައި ވެސް ގަތަރުގެ ފޯވާޑް ލައިނަށް އިކުއެޑޯ ޑިފެންސް ހާސްކޮށްލެވުނީ އެންމެ ދެ ފަހަރު އެވެ.

އެ މާޔޫސްކަން ދަނޑަށް ވަދެ ތިބި ގަތަރު ސަޕޯޓަރުންގެ ފަރާތުން ފެނުނެވެ. މެޗުގެ 31 ވަނަ މިނެޓުގައި އިކުއެޑޯގެ ދެ ވަނަ ގޯލް އެ ޓީމުގެ ކެޕްޓަން އެނާ ވެލެންސިއާ ޖެހުމާ އެކު ސަޕޯޓަރުންގެ ފަރާތުން ހިތްހަމަނުޖެހުންތައް ފެންނަން ފެށި އެވެ. އެއާ އެކު އިންޓޯލަށް ފަހު މެޗު ފެށިއިރު ބައެއް ސަޕޯޓަރުން ދަނޑު ދޫކޮށް ދިޔަ އެވެ. އަދި ދެ ވަނަ ހާފުގެ ވަކި ހިސާބަކުން ގިނަ އަދަދެއްގެ ސަޕޯޓަރުން ދަނޑުން ނުކުމެގެން ދިޔަ އެވެ.

މެޗުގެ ކުރިން މީޑިއާއާ ވާހަކަދެއްކި ގަތަރުގެ ސަޕޯޓަރުންގެ އުއްމީދުތައް ހުރީ މަތީގަ އެވެ. އެގޮތުން އިކުއެޑޯ އާއި ސެނެގާލް ބަލިކޮށް ގަތަރު ގްރޫޕުގެ ދެ ވަނަ ހޯދައި ދެ ވަނަ ބުރަށް ދާނެ ކަމަށް އުއްމީދުކުރި އެވެ. ދެ ވަނަ ހޯދައިގެން ގަތަރު ދެ ވަނަ ބުރަށް ގޮސްފި ނަމަ އެ ބުރުގައި ވާދަކުރުމުގެ ފުރުސަތު ބޮޑީ ގްރޫޕް ބީ ގެ އެއް ވަނަ ހޯދާނެ ކަމަށް ލަފާ ކުރެވޭ އިންގްލެންޑާ އެވެ.

ދުނިޔޭގެ ބައެއް ފުޓްބޯޅަ ލެޖެންޑުން ވެސް ވަނީ ގަތަރުން، ދެ ވަނަ ބުރުގައި އިންގްލެންޑުގެ މައްޗަށް ކުރި ހޯދާނެ ކަމަށް ލަފާކޮށްފަ އެވެ. އެކަމަކު ރޭގެ ނަތީޖާއާ އެކު ގަތަރާ މެދު ކުރެވޭ އުއްމީދު ވަނީ ފަނޑުވެފަ އެވެ. ގަތަރު ވެފައިވަނީ ވޯލްޑް ކަޕުގެ ފުރަތަމަ މެޗުން ބަލިވި ހޯސްޓް ފުރަތަމަ ގައުމަށެވެ.

މީގެ ކުރިން ވެސް ފުޓްބޯޅައިގެ އާދައިގެ ބައެއް ގައުމުތަކުން ވޯލްޑް ކަޕް ބާއްވާފައިވެ އެވެ. އެކަމަކު އެ މުބާރާތްތަކުން އެފަދަ ޓީމުތަކުން އެދެވޭ ނަތީޖާތަކެއް ނެރުނެވެ. ދެކުނު ކޮރެއާ އާއި ޖަޕާނުން 2002 ގައި އަދި ދެކުނު އެފްރިކާ އިން 2010 ގައި ގްރޫޕް ސްޓޭޖް ފަހަނައަޅައި ދިޔަ އެވެ. އަދި މީގެ ތެރެއިން ކޮރެއާ އިން 2002 ގެ މުބާރާތުގެ ސެމީ ފައިނަލާ ހަމައަށް ދަތުރުކުރި އެވެ.