21 ނޮވެމްބަރ 2022 - 09:35

މިއަހަރުގެ ފީފާ ވޯލްޑް ކަޕް ގެ ފުރަތަމަ މެޗަކީ އިކުއެޑޯ އިން ތާރީހާ ދެކޮޅަށް ކުރި ހަނގުރާމައެއް ކަމަށް އެ ގައުމުގެ ކޯޗު ގުސްތާވޯ އަލްފާރޯ ބުނެފި އެވެ.
މުބާރާތް ބާއްވާ ގައުމު ކަމަށްވާ ގަތަރާ ދެކޮޅަށް ފުރަތަމަ މެޗުގައި ކުޅެ، އިކުއެޑޯ މޮޅުވީ 2-0 އިންނެވެ. މިއީ ވޯލްޑް ކަޕް މުބާރާތް ހޯސްޓު ކުރި ގައުމެއް، މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން ބަލިވި ފުރަތަމަ ފަހަރެވެ.
"މިއީ ވޯލްޑް ކަޕް ގައި އަހަރެމެންގެ އެންމެ މުހިއްމު މެޗު. މުބާރާތް ބާއްވާ ގައުމާ ދެކޮޅަށް އަހަރެމެން ކުޅެލީއެއް ނޫން، އަހަރެމެންނަށް ޖެހުނީ ތާރީހާ ދެކޮޅަށް ހަނގުރާމައެއް ކުރަން، މިފަދަ ކަންކަމުގައި ބައެއް ފަހަރު ތިމާއަށް ފައިދާ ވާނެ، އަނެއްބައި ފަހަރު ތިމާއާ އިދިކޮޅަށް ކަންކަން ދާނީ ވަކި ކަންކަމަކަށް ބަލާފައި. އެކަމަކު މި ކުޅުންތެރިން ތިބީ ވަރަށް މަތީގައި. އެމީހުން ވަރަށް ބޮޑަށް މެޗަށް ސަމާލުކަން ދީގެން ތިބީމައި މެޗުން މޮޅު ވެވުނީ،" އަލްފާރޯ ބުންޏެވެ.
ފުރަތަމަ މެޗުގައި ގަތަރާ ދެކޮޅަށް ހޯދި މޮޅާ އެކު ވޯލްޑް ކަޕްގެ ތާރީހު ބަދަލު ކޮށްލި ކޯޗު އިތުރަށް ބުނީ މިއީ ފެށުމެއް ކަމަށާއި، ކުރިއަށް އޮތް މެޗުތަކުގައި ވެސް ކާމިޔާބީ ތަކުރާރު ކުރެވޭނެ ކަން ސާބިތު ކޮށްދޭން ޖެހޭ ކަމަށެވެ. އަދި ކުޅުންތެރިންނަށް ވަރަށް ބޮޑަށް އޭނާ ތައުރީފް ކުރި އެވެ.
"އަހަރެން ޖެހޭނެ ޓީމަށް ކްރެޑިޓް ދޭން. އެޓިޓިއުޑާއި ކޮމިޓްމެންޓަށް. ކުޅުނު ގޮތާއި ކުރި މަސައްކަތަށް، ހާއްސަކޮށް އޮފްސައިޑް ވެގެން ފުރަތަމަ ގޯލު ބަލައި ނުގަތް ހިސާބުން (ކުރި މަސައްކަތަށް). އޭގެ ފަހުން ވެސް ހިތްވަރު އެލުވާ ނުލައި މަސައްކަތް ކުރީ. މިއީ ހައްގު މޮޅެއް. އުއްމީދު ކުރަނީ މިއީ ބޮޑު ކަމެއްގެ ފެށުން ކަމަށް،" އަލްފާރޯ މެޗަށް ފަހު ބުނެފައި ވެއެވެ.
ގަތަރާއި އިކުއެޑޯއާ އެކު ގުރޫޕް އޭ ގައި ދެން ހިމެނެނީ ސެނެގާލާއި ނެދަލެންޑްސް އެވެ.
ބަލިވުމުން ގަތަރުގެ ކޯޗު ފީލިކްސް ސަންޗޭޒް ބުނީ، ނަތީޖާ އަނބުރާ ނުލެވުނީ، މެޗުގެ ވަރަށް ކުރީކޮޅު ހެދުނު ގޯސްތަކުން ޓީމަށް އަރައި ނުގަނެވިގެން ކަމަށެވެ.
"އަހަރެމެން ބޭނުންވި ގޮތަކަށް ނޫން ފެށީ. އަހަރެންނަށް ހީވާ ގޮތުގައި މުނާސަބަތާ [ގައުމުގެ ވޯލްޑް ކަޕް ފޯރި] އާ ގުޅިގެން ހެން، އަދި އެއިން މެޗުގެ ނަތީޖާ ފައިނަލް ވީ ވެސް. އަހަރެމެންގެ އިތުބާރު ދަށްވެ، ވަރަށް ކުރީކޮޅު ގޯލުތައް ވަނީ، އަދި އަހަރެމެންނަށް ވުރެ މޮޅަށް ކުޅޭ ބަޔަކާ ދެކޮޅަށް އެކަމުން އަރައިގަތުން ވީ އުނދަގޫ ކަމަކަށް. ކޮންމެ ދިމާލަކުން ވެސް އެމީހުން ކުޅުނީ އަހަރެމެންނަށް ވުރެ މާ މޮޅަށް،" ގަތަރުގެ ކޯޗު ބުންޏެވެ.
އިކުއެޑޯ އަށް މެޗުގައި ދެ ގޯލު ވެސް ޖަހައިދިނީ ކެޕްޓަން އެނާ ވެލެންސިއާ އެވެ. މިހާރު ތުރުކީ ލީގުގެ ފެނަބާޗޭ އަށް ކުޅޭ ފޯވާޑް ވަނީ ރޭގެ މެޗުގައި ޖެހި ދެ ގޯލާ އެކު، ވޯލްޑް ކަޕް މުބާރާތުގައި މިހާތަނަށް ފަސް ގޯލު ހަމަކޮށްފަ އެވެ. އޭނާ ވަނީ 2014 ވަނަ އަހަރުގެ ވޯލްޑް ކަޕް ގައި އިކުއެޑޯ އަށް ތިން ގޯލު ޖަހައިފަ އެވެ.
ފްރާންސްގެ ކުރީގެ ތަރި ޒައިނުއްދީން ޒިދާން އާއި އިންގްލެންޑަށް 1966 ވަނަ އަހަރު ވޯލްޑް ކަޕް ހޯދައިދޭން ފައިނަލް ގައި ހެޓްރިކް ހެދި ގެއޯފް ހާސްޓް އަށް ވެސް ވޯލްޑް ކަޕް މުބާރާތުގައި ޖެހިފައި ވަނީ ފަސް ގޯލެވެ.