ގަތަރުން ދުނިޔެ އަށް މަރުހަބާކީ ގުރުއާނުން ދަލީލުން ދައްކަމުން
ގަތަރުން ދުނިޔެ އަށް މަރުހަބާކީ ގުރުއާނުން ދަލީލުން ދައްކަމުން

ރޭ ގަތަރުގައި ފެށި ފީފާ ވޯލްޑް ކަޕަކީ ވަރަށް ގިނަ ގޮތްގޮތުން ހާއްސަ މުބާރާތެކެވެ. މިއީ މުސްލިމް ގައުމެއްގެ ފުރަތަމަ ވޯލްޑް ކަޕެވެ. އަރަބި ގައުމެއްގެ ފުރަތަމަ ވޯލްޑް ކަޕް ވެސް މެ އެވެ. މި މުބާރާތް ފެށުމުގެ ކުރިން ވެސް އެންމެ ބޮޑަށް ފާހަގަކުރެވުނީ ގަތަރުން، މުބާރާތުގެ ތެރެއިން އިސްލާމީ ރިވެތި އުސޫލުތައް ނަގައްޓަން ކުރި މަސައްކަތްތެކެވެ.

ރޭ އޮތް މުބާރާތުގެ ހުޅުވުމުގެ ރަސްމިއްޔާތުން ވެސް އެކަން ފާހަގަކުރެވުނެވެ. މުބާރާތް ފެށުމުގެ ރަސްމިއްޔާތުގައި އެހެން އަހަރުތަކާ ހިލާފަށް ކީރިތި ގުރުއާނުގެ މޫރިތި އާޔަތްތައް ކިޔެވި އެވެ. ގަތަރުގެ އަމީރު ޝައިޚް ތަމީމް ބިން ހަމަދު އަލް ޘާނީގެ ވާހަކަފުޅު ވެސް ފެށީ ބިސްމިނުގެ ބަރަކާތުންނެވެ.

މުބާރާތް ފެށުމުގެ ކުރިން ގަތަރަށް އެތައް ފާޑުކިޔުންތަކެއް އަމާޒު ވިއެވެ. ހުޅަނގުގެ ގިނަ ބަޔަކު ގަތަރަށް ފާޑުކީ އެއްޖިންސުން ގުޅުން ހިންގުން މަނާކުރާތީ އާއި އެކަމުގެ ޝިޔާރުތައް ފާޅުކުރުން ވެސް މަނާކުރުމުންނެވެ. އަދި ސްޓޭޑިއަމްތަކުގެ ބޭރުން ބަނގުރާ ނުލިބޭތީ ވެސް ފާޑުކިޔުން އަމާޒުވި އެވެ.

އެކަމާ ގުޅިގެން ވަރަށް ގިނަ ފަންނާނުން ވަނީ ހުޅުވުމުގެ ރަސްމިއްޔާތުގައި ޕާފޯމްނުކުރަން ނިންމައިފަ އެވެ. އެކަމަކު އޭގެން އެއްވެސް ކަމެއްގެ ހިޔަނި ހުޅުވުމުގެ ރަސްމިއްޔާތަކަށް ނޭޅުނެވެ. އެއަށް ވުރެ އެ ރަސްމިއްޔާތު މާ ފުރިހަމަ އެވެ.

ފެށުމުގެ ރަސްމިއްޔާތުގެ ތަރިންނަށް ވީ ހާއްސަ އެހީއަށް ބޭނުންވާ ޒުވާނެއް ކަމަށްވާ އުމުރުން 20 އަހަރުގެ ޣާނިމް އަލް މުފްތާ އާއި ދުނިޔޭގެ މަޝްހޫރު ފިލްމީ ތަރި މޯގަން ފްރީމަން އެވެ. ރަސްމިއްޔާތުގައި ފްރީމަން ވަނީ އޭނާ އަށް އެ ގައުމުން މަރުހަބާ ކިޔާނެތޯ ޣާނިމްއާ ސުވާލުކޮށްފަ އެވެ. ޖަވާބުގައި ޣާނިމް ކިޔައިދިނީ ގުރުއާނުގެ އާޔަތެކެވެ.

ޣާނިމް ކިޔައިދިން ސޫރަތުލް ޙުޖުރާތު ގެ 13 ވަނަ އާޔަތުގެ މާނައިގައި ވަނީ، "އޭ މީސްތަކުންނޭވެ! ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ތިޔަބައިމީހުން ހެއްދެވީ، ފިރިހެނަކާއި، އަންހެނެއްގެ ކިބައިންނެވެ. (އެބަހީ: އާދަމްގެފާނާއި، ޙައްވާގެފާނުގެ ކިބައިންނެވެ.) އަދި ތިމަންރަސްކަލާނގެ ތިޔަބައިމީހުން ތަފާތު ގައުމު ތަކަށާއި، ގަބީލާ ތަކަށް ލެއްވީ، ތިޔަބައިމީހުން އެއްބަޔަކު އަނެއްބަޔަކަށް ތަޢާރަފް ވުމަށްޓަކައެވެ. ހަމަކަށަވަރުން، ﷲ ގެ ޙަޒްރަތުގައި ގައި ތިޔަބައިމީހުންކުރެ އެންމެ މާތްކަންބޮޑީ، ތިޔަބައިމީހުންކުރެ އެންމެ ތަގުވާވެރި މީހާއެވެ."

ބަދަވީންގެ ފޭލިގެ ރަމްޒުކޮށްދޭ "އަލް ބަޔަތު ސްޓޭޑިއަމް" އަށް ހާޒިރުވެ ތިބި 60،000 އެއްހާ ސަޕޯޓަރުންނަށް އިޝާރާތް ކޮށް، ޣާނިމް ބުނީ، މިއީ ދުޅި ދުނިޔެއަށް ވެސް ދޭ ދައުވަތެއް ކަމަށެވެ.

އޭގެ ފަހުން ސަޕޯޓަރުންނާ މުހާތަބުކޮށް ފްރީމަން ބުނީ، ފުޓުބޯޅަ އިން ގައުމުތައް އެއްބައިވަންތަ ކުރުވާ ކަމަށާއި މި ރީތި ކުޅިވަރުގެ ޒަރީޔާ އިން ތަފާތު ޖަމާއަތްތަކަށް ވެސް އެއްބައިވަންތަކަން ގެނުވައިދޭ ކަމަށެވެ.

ޣާނިމް އާއި ފްރީމަންގެ ވާހަކައަށް ފަހު، ގަތަރުގެ އެކިއެކި ސަގާފަތްތައް ދައްކުވައިދޭ ތަފާތު ހުށަހެޅުންތައް ކުރިއަށް ދިޔަ އެވެ. އޭގެ ތެރޭގައި މީގެ ކުރިން ވޯލްޑް ކަޕް ތަކުގައި ބޭނުންކުރި މެސްކޮޓް ތަކާއި މަޝްހޫރުކަން ލިބުނު ލަވަތައް ހިމެނޭ ހުށަހެޅުންތައް ވެސް ހިމެނުނެވެ. މި އަހަރުގެ ވޯލްޑް ކަޕް ގެ މެސްކޮޓް 'ލައީބް' ވެސް އެ ހުށަހެޅުން ތެރެއިން ދައްކާލި އެވެ.

ގަތަރުގެ ޕޮޕް ލަވަކިޔުންތެރިޔާ ޑާނާ އަލް ފަރްދާން ވަނީ ހުށަހެޅުންތަކުގައި ބައިވެރި ވެފަ އެވެ. ރަސްމިއްޔާތުގައި އޭނާ ހުރީ ގަތަރުގެ ސަގާފީ ސްޓައިލަށް އަބާޔާ އާއެކު މޫނު ބުރުގާ ވެސް އަޅައިގެންނެވެ. މީގެ އިތުރުން ދެކުނު ކޮރެއާގެ ބީޓީއެސް ލަވަކިޔުންތެރިޔާ ޖަންގް ކުކް ވަނީ މި ރަސްމިއްޔާތުގައި މި އަހަރުގެ ވޯލްޑް ކަޕް ލަވަ "ޑްރީމާސް" ހުށަހަޅައިދީފަ އެވެ.