"ބްލެކް" އަށް ފަހު ރާނީ އެނބުރި އަންނަ ފިލްމުގައި ވެސް ނުކުޅެދޭބައި
"ބްލެކް" އަށް ފަހު ރާނީ އެނބުރި އަންނަ ފިލްމުގައި ވެސް ނުކުޅެދޭބައި

ސަންޖޭ ލީލާ ބާންސާލީ 2005 ގައި އުފެއްދި "ބްލެކް" އަކީ ރާނީ މުކަރުޖީގެ ފިލްމީ ކެރިއަރުގެ އެންމެ މޮޅު ފިލްމުކަމަށް ގިނަބަޔަކު ދެކެ އެވެ. އެ ފިލްމުގައި ލޯ ފަން މީހެއްގެ ބައި ރާނީ ކުޅެފައިވާލެއް މޮޅުކަމުން ގިނަ ބަޔެއްގެ ތައުރީފު އޭނާއަށް ލިބުނެވެ.

ކައިވެންޏަށްފަހު ދަރިއަކު ލިބުމުން ފިލްމީ ދުނިޔެއާ ދުރުގައި ރާނީ ހުންނަތާ އެތައް އަހަރެއް ފަހުން އަލުން ފިލްމު ކުޅެން ރާނީ ގަސްތުކުރާ ކަމަށް ބޮލީވުޑް ޚަބަރުތައް ބުނެ އެވެ. މިފަހަރު ވެސް ވަރަށް ޚާއްސަ ކެރެކްޓާއެއް ރާނީ ވަނީ ކުޅެން ހަމަޖެހިފަ އެވެ.

ރާނީގެ ފިރިމީހާ އަދިތިޔާ ޗޯޕްރާގެ ފިލްމު ކުންފުނި ޔާޝްރާޖް ފިލްމްސް އިން އުފައްދާ މި ފިލްމުގައި ވެސް ރާނީ ކުޅޭނީ ކޮންމެވެސް ކަހަލަ ނުކުޅެންތެރިކަމެއް ހުރި މީހެއްގެ ރޯލެވެ.

އެންމެ ކުރިން މި ފިލްމު ޕްރޮޑިއުސްކުރާ ގޮތަށް އޮތީ އެކްޓަރު އިމްރާން ހާޝިމީ އެވެ. އަދި އޭރު ހަމަޖެހިފައި އޮތީ އިމްރާން މި ފިލްމުގެ ބަތަލުގެ ބައި ވެސް ކުޅޭ ގޮތަށެވެ. ނަމަވެސް ފަހުން އިމްރާން މި ފިލްމު ދޫކޮށްލައި އެހެން ފިލްމެއް ޕްރޮޑިއުސްކުރަން ނިންމި އެވެ. ފަހުން ވެސް ގިނަ އެކްޓަރުންނަށް މި ފިލްމު ހުށަހެޅުނު ނަމަވެސް އެކަކުވެސް މާ ބޮޑު ޝައުގުވެރިކަމެއް މި ފިލްމަކަށް ނުދިނެވެ.

އަދިތުޔާ އާއި ރާނީ އަށް މި ސްކްރިޕްޓް ވަރަށް ކަމުދިޔަ އެވެ. އެހެންވެ ޔާޝްރާޖް އިން ޕްރޮޑިއުސްކޮށް ރާނީ ލީޑް ރޯލު ކުޅެން އެއްބަސްވީ އެވެ. ނަމަވެސް ޝަރުތަކާ އެކުގަ އެވެ. އެއީ ކުރިން ފިލްމުގެ ސްކްރިޕްޓްގައި އޮތީ ފިލްމުގެ ފިރިހެން ކެރެކްޓާއަކީ ނުކުޅެދޭ މީހަކަށްވާ ގޮތަށް ނަމަވެސް އަންހެން ކެރެކްޓާ ވަރުގަދަކޮށް އޭނާއަކީ ނުކުޅެދޭ މީހަކަށް ވާގޮތަށް ފިލްމުގެ ސްކްރިޕްޓަށް ބަދަލު ގެނެސްގެންނެވެ.