ޝެހެނާޒް ފިލްމްފެއާ އެވޯޑް ހާއްސަކުރީ ސިދާތަށް
ޝެހެނާޒް ފިލްމްފެއާ އެވޯޑް ހާއްސަކުރީ ސިދާތަށް

ބިގްބޮސް ސީޒަން 13 އިން އާންމުންގެ މަގުބޫލުކަން ހޯދި ޝެހްނާޒް ގިލް، އޭނާ އަށް ލިބިނު ފިލްމްފެއާ އެވޯޑް، ކުރީގެ ލޯބިވެރިޔާ ސިދާތު ޝުކްލާ އަށް ހާއްސަކޮށްފި އެވެ.

ފިލްމްފެއާ އެވޯޑުން "ދަ ރެއިޒިން ސްޓާ"ގެ އެވޯޑް ހާސިލްކުރި، ޝެހެނާޒް ވަނީ އެވޯޑާ ހަވާލުވުމަށް ފަހު ސްޓޭޖްގައި ވާހަކަ ދައްކައިފަ އެވެ.

އޭނާ ބުނީ މިދިޔަ އަހަރު ކުއްލި ގޮތަކަށް މަރުވި ސިދާތުގެ ހަޔާތުން އޭނާ އަށް ކުޑަ ދުވަސްކޮޅެއްގެ ޖާގައެއް ލިބުނީތީ ޝުކުރުވެރިވާ ކަމަށެވެ. އޭނާ ބުނި ގޮތުގައި މިއަދު އޭނާ އެ މަގާމަށް އާދެވުމުގެ އެންމެ ބޮޑު ރޯލެއް އަދާކުރި މީހަކީ ސިދާތެވެ.

ޝެހެނާޒް އާއި ސިދާތަށް ބެލުންތެރިން ދީފައިވާ ނަމަކީ "ސިދްނާޒް" އެވެ.

ޝެހެނާޒްގެ ކެރިއަރު ފެށީ 2015 ވަނަ އަހަރު ރިލީޒްކުރި މިއުޒިކް ވީޑިއޯ "ޝިވް ދީބް ކިތާބް" އިން ނެވެ. އެއަށްފަހު އޭނާ ވަނީ 2017 ވަނަ އަހަރު ޕަންޖާބީ ފިލްމް "ސެޓް ޝްރީ އަކާލް އިންގްލެންޑް" އިން ފުރަތަމަ ފިލްމުގެ މަސައްކަތް ފަށައިފަ އެވެ. އޭގެ ފަހުން 219 ވަނަ އަހަރު ފިލްމް "ކަލާ ޝާހް ކަލާ" އާއި "ޑާކާ" އިން ވެސް ވަނީ ފެނިފަ އެވެ.

ރަސްމީކޮށް ސިދާތާއި ޝެހެނާޒްގެ ލޯބީގެ އެއްވެސް ވާހަކައެއް އާންމުކޮށް ނުދައްކަ އެވެ.

ބިގްބޮސް ސީޒަން 13 ކާމިޔާބު ކުރި ސިދާތު ޝުކްލާ އުމުރުން 40 އަހަރުގައި މަރުވީ މިދިޔަ އަހަރު ސެޕްޓެމްބަރު މަހު 2 ގައި ކާޑިއަކް އެރެސްޓެއްގަ އެވެ.

ސިދާތުގެ ކުއްލި މަރާ ގުޅިގެން ޝެހެނާޒް ވަނީ "ތޫ ޔެހީ ހޭ"ގެ ނަމުގައި އޭނާ އަށް ހާއްސަކޮށް ވީޑިއޯ ޓްރިބިއުޓެއް ނެރެފަ އެވެ. އަދި ބިގްބޮސް 15ގެ ފައިނަލް ރޭ އޭނާ ވަނީ ބިގްބޮސް ސެޓް ވެސް އޭނާގެ ލޯބިވެރިޔާ ސިދާތަށް ހާއްސަކޮށްފަ އެވެ.

މި ފަހުން ފިލްމް "ދިލްޖީތު ދޮސާންޖް" އާއި "ސޯނަމް ބަޖްވާއާ"ގެ އިތުރުން "ހޯސްލާ ރަކް"ގައި ޝެހެނާޒް ވަނީ ފެނިފަ އެވެ.

ޝެހެނާޒް ބޮލީވުޑަށް ތައާރަފް ވާނީ ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ސަލްމާން ހާނާ އެކު ފިލްމް "ކިސީ ކާ ބާއި ކިސީ ކީ ޖާން" އިން ނެވެ. މީގެ އިތުރުން ސާޖިދް އަލީ ހާންގެ ފިލްމް "%100" އިން ވެސް އޭނާ ފެންނާނެ އެވެ. މި ފިލްމުގައި ބޮލީވުޑްގެ މަޝްހޫރު އެކަޓަރުންގެ ތެރޭގައި ޖޯން އަބްރަމް، ރިތޭޝްމުކް އަދި ނޯރާ ފަތެހީ ހިމެނެ އެވެ.