"ޑިޒްނީ އިންޑިއާ" ބަންދުކުރަނީ؟
"ޑިޒްނީ އިންޑިއާ" ބަންދުކުރަނީ؟

އިންޑިއާގައި ހިންގާ ފިލްމު ޕްރޮޑަކްޝަން ބަންދުކުރާ ކަމުގެ އަޑުތައް ގަދަވާން ފަށައިފި އެވެ. މި އަޑުތައް މިހާރު އެހާ ގަދަވެގެން އުޅެނީ އެ ތަނުގައި ވަޒީފާ އަދާކުރަމުންދިޔަ 90 ވަރަކަށް މުވައްޒަފުން ވެސް ކަނޑާލަން އެ ކުންފުނިން ނޯޓިސް ދިނުމާ ގުޅިގެންނެވެ.

އެ ކުންފުނިން މިގޮތަށް ނިންމާފައިވަނީ ޑީޒްނީ އިންޑިއާގެ ޔޫޓީވީ މޯޝަން ޕިކްޗާޒް އިން މި ފަހަކަށް އައިސް އުފެއްދި ގިނަ ހިންދީ ފިލްމުތަކެއް ފްލޮޕްވެފައި ވަނިކޮށެވެ. ފިލްމު އިންޑަސްޓްރީގެ ގިނަ ބަޔަކު ވެސް މިހާރު މިކަން ވަނީ ޔަގީން ކޮށްދީފަ އެވެ. އަދި ގިނަ މީހުން ބުނަނީ ރަންބީރު ކަޕޫރާއި ކެޓުރީނާ ކައިފްގެ "ޖައްގާ ޖާސޫސް" އަކީ ޑިޒްނީ އިން އިންޑިއާގައި އުފައްދާ އެންމެ ފަހު ފިލްމަށް ވާނެކަމަށް ބެލެވޭ ކަމަށެވެ.

ވޯލްޓް ޑިޒްނީ އިންޓަނޭޝަނަލްގެ ޗެއާމަން އެންޑީ ބާޑް ބުނި ގޮތުގައި އެމީހުންގެ އިންޑިއާ ކުންފުނިން މުވައްޒަފުން މަދުކުރުމަކީ ވިޔަފާރި އަށް ބަލާފައި އަބަދުވެސް ކުރާ ކަމެކެވެ.

ޑިޒްނީ އިންޑިއާގެ ސްޕޯކްސްޕާސަން ބުނި ގޮތުގައި އިންޑިއާގެ ފިލްމާއި ޓެލެވިޒަން ނެޓްވޯކް ކުރިއެރުވުމުގައި އެމީހުން ތިބީ ކުރިއަށްދާ ގޮތަށެވެ.

ޑިޒްނީ އިންޑިއާ އިން އެންމެ ފަހުން ޕްރޮޑިއުސްކުރި ފެންޓަމް، ތަމާޝާ، ފިތޫރު އަދި މޮހެންޖޯ ދަރޯ ފަދަ ފިލްމުތައް ވަނީ ފްލޮޕްވެފަ އެވެ. މި ހުރިހާ ފިލްމުތަކަކީ ބޮޑު ބަޖެޓުތަކުން މިހާރު ފިލްމު އިންޑަސްޓްރީގައި ތިބި އެންމެ އަގުބޮޑު އެކްޓަރުގެ ތެރޭގައި ހިމެނޭ ދީޕިކާ ޕަދުކޯން، ރަންބީރު ކަޕޫރު، ކެޓުރީނާ ކައިފް އަދި ރިތިކް ރޯޝަން ފަދަ ތަރިން ބައިވެރިކޮށްގެން އުފެއްދި ފިލްމުތަކެވެ. މި ފިލްމުތައް ފްލޮޕްވުމުގެ ސަބަބުން އެ ޕްރޮޑަކްޝަން ހައުސް އަށް ވަރަށް ބޮޑެތި ގެއްލުންތައް ލިބުނެވެ.

އެހެންވެ އެތަނުން އެންމެ ފަހުން ޕްރޮޑިއުސްކުރި އާމިރު ޚާންގެ "ދަންގަލް" އާއި "ދަ ޖަންގަލް ބުކް" އަށް ކާމިޔާބު ލިބިފައި ވިޔަސް ޑިޒްނީ ހިތްހަމަޖެހޭ ގޮތެއް ނުވި އެވެ. އެހެންވެ އަދި ޕްރޮޑަކްޝަން ހައުސް ބަންދުކުރުމުގެ ބަދަލުގައި މަތީ ފެންވަރުގެ ގިނަ މުވައްޒަފުންތަކެއް ވަޒީފާއިން ވަކިކޮށް، ކުންފުނި ހިންގާ އޮނިގަނޑަށް ވެސް ބޮޑެތި ބަދަލުތައް ގެންނަން ޑިޒްނީ އިންޑިޔާ އިން ވަނީ ނިންމާފަ އެވެ.