ސްޓޭޑިއަމްތަކުން ވީއައިޕީ މެހެމާނުންނަށް ބަނގުރާ ލިބޭނެ
ސްޓޭޑިއަމްތަކުން ވީއައިޕީ މެހެމާނުންނަށް ބަނގުރާ ލިބޭނެ

ގަތަރުގައި މިއަދު ފަށާ ފީފާ ވޯލްޑް ކަޕުގެ މެޗުތައް ކުޅޭ ސްޓޭޑިއަމްތަކުގެ ބޭރުގައި ބިޔަރު ވިއްކުން މަނާކުރި ނަމަވެސް ސްޓޭޑިއަމްތަކުގެ ވީއައިޕީ ބޮކްސް އިން ބަނގުރާ ލިބޭނެ އެވެ.

ގަތަރުން ކުރިން ނިންމާފައި އޮތީ ސްޓޭޑިއަމް ބޭރުން އާއްމު ސަޕޯޓަރުންނަށް ބިޔަރު ވިއްކާ ގޮތަށެވެ. ނަމަވެސް މުބާރާތް ފެށެން ދެ ދުވަހަށް ވެފައިވަނިކޮށް، ފީފާ އާއި ގަތަރުގެ އޯގަނައިޒިން ކޮމިޓީން ވަނީ އެ ނިންމުން ބަދަލުކޮށްފަ އެވެ.

އެހެންވިޔަސް، ސްޓޭޑިއަމުގައި ގާއިމްކޮށްފައިވާ ވީއައިޕީ ބޮކްސްތަކުން ޓިކެޓް ނަގާފައިވާ މީހުންނަށް އެތަނުން ބިޔަރާއި ވައިން ލިބޭނެ އެވެ.

ފީފާ އިން ވިއްކާފައިވާ ވީއައިޕީ ޕެކޭޖްތަކުގެ އަގު ފެށެނީ މެޗަކަށް 950 ޑޮލަރު (14,644 ރ.) އިންނެވެ. މި ޕެކޭޖުގައި ހިމެނެނީ ވީއައިޕީ ބޮކްސް އިން މެޗު ޓިކެޓާއި ކެއުމާއި ބަނގުރާ އަދި ޕާކިން އެވެ.

މި ޕެކޭޖުގެ އަގުތައް ސެމީ ފައިނަލާއި ފައިނަލުން ފެށިގެން 9100 ޑޮލަރު (140،766ރ.) އަރަ އެވެ.

ސްޓޭޑިއަމްތަކުން އާއްމު ސަޕޯޓަރުންނަށް ބިޔަރު ނުވިއްކާތީ ސަޕޯޓަރުންގެ ފާޑުކިޔުން ވަނީ ބޮޑުވެފަ އެވެ. ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވިދާޅުވީ ތިން ގަޑިއިރު ބިޔަރު ނުބޮއެ ތިއްބަސް މަރުނުވާނެ ކަމަށެވެ. އޭނާ ވިދާޅުވީ މިއީ ޔޫރަޕުގެ ބައެއް ގައުމުތަކުގައި ވެސް އޮންނަ އުސޫލެއް ކަމަށާއި ގަތަރުން މިކަން ކުރުމުން މީހުން ރުޅި އަންނަނީ މުސްލިމް ގައުމަކަށް ވުމުން ކަަމަށެވެ.