ހާތިފް ރިޓަޔާ ކުރެއްވުމުން ހައި ކޯޓަށް ފަނޑިޔާރަކު ހޯދަން އިއުލާނުކޮށްފި
ހާތިފް ރިޓަޔާ ކުރެއްވުމުން ހައި ކޯޓަށް ފަނޑިޔާރަކު ހޯދަން އިއުލާނުކޮށްފި

ހައި ކޯޓުގެ އިސް ފަނޑިޔާރުކަން ކުރެއްވި ހާތިފް ހިލްމީ ފަނޑިޔާރުކަމުން ރިޓަޔާކުރެއްވުމުން ހައި ކޯޓަށް ފަނޑިޔާރަކު ހޯދަން އިއުލާނުކޮށްފި އެވެ.

ނޮވެމްބަރު، 2020 ގައި ހައި ކޯޓުގެ އިސް ފަނޑިޔާރު ކަމަށް އައްޔަންކުރި ހާތިފް ފަނޑިޔާރުކަމުން ރިޓަޔާވެ ވަޑައިގަތީ އަމިއްލައަށް އެދިގެން މި މަހުގެ 17 ވަނަ ދުވަހުން ފެށިގެންނެވެ.

ހައި ކޯޓުގެ ބެންޗުން މަގާމެއް ހުސްވެފައިވާއިރު، މިއަދު ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ވަނީ އެ ކޯޓަށް ފަނޑިޔާރަކު ހޯދަން އިއުލާނުކޮށްފަ އެވެ.

ޖޭއެސްސީއިން ކުރި އިއުލާނުގައިވާ ގޮތުން ހައި ކޯޓުގެ ފަނޑިޔާރުންނަށް މުރާރަ އާއި އިނާޔަތުގެ ގޮތުގައި ލިބެނީ 54،300ރ. އެވެ. އޭގެ ތެރޭގައި ހިމެނެނީ:

- އަސާސީ މުސާރަ (މަހަކު): 36,000.00 ރުފިޔާ

- ލިވިން އެލަވަންސް (މަހަކު): 15,000.00 ރުފިޔާ

- ރިސްކް އެލަވަންސް (މަހަކު): 3,300.00 ރުފިޔާ

- މެޑިކަލް އިންޝުއަރެންސް

- ފޯން އެލަވަންސް

ހައި ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލުމުގެ މުއްދަތު ހަމަވަނީ މި މަހުގެ 30 ވަނަ ދުވަހު އެވެ. އެ މަގާމަށް ކުރިލާން ބޭނުންވާ މީހުން އެކަމަށް އެދި ހުށަހަޅަން ޖެހެނީ ޖޭއެސްސީގެ "ފަހިރެސް" ޕޯޓަލް މެދުވެރިކޮށެވެ.

ހައި ކޯޓުގެ އިސް ފަނޑިޔާރުކަން ކުރެއްވި އެންމެ ޒުވާން ފަނޑިޔާރު ހާތިފް 2009 ވަނަ އަހަރުން ފެށިގެން 2019 ވަނަ އަހަރާ ހަމައަށް ހުންނެވީ ސިވިލް ކޯޓުގެ ގާޒީއަކަށެވެ. ހައި ކޯޓަށް އޭނާ އައްޔަން ކުރެއްވީ 2019 ވަނަ އަހަރު އެވެ.

ހާތިފް ރިޓަޔާވެ ވަޑައިގަތުމުން ވަގުތީ ގޮތުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ހައި ކޯޓު ހިންގުމާ ހަވާލުކުރީ ފަނޑިޔާރު ހުސެއިން ޝަހީދާ އެވެ. 2018 ވަނަ އަހަރު އެ ކޯޓަށް އައްޔަން ކުރި ޝަހީދު އޭގެ ކުރިން ހުންނެވީ ކްރިމިނަލް ކޯޓުގެ ގާޒީއަކަށެވެ.