20 ނޮވެމްބަރ 2022 - 12:18

ރާއްޖޭގެ ޝޯޓްބޯޑް ސާފިންގެ ލެޖެންޑް ހުސެއިން އަރީފް (އިބޫ) ފަހަތަށް ޖައްސާލައި، މި އަހަރުގެ ރަންނަމާރި ޗެލެންޖް މުހައްމަދު އިރުޝާދު (ބިއްލޫ) ކާމިޔާބު ކޮށްފި އެވެ.
މިއަހަރުގެ ގައުމީ މުބާރާތް "ރަންނަމާރި ޗެލެންޖް 1444" ގެ ޝޯޓްބޯޑް އިވެންޓްގައި އިރުޝާދު ޗެމްޕިއަންކަން ހޯދީ 0.06 ޕޮއިންޓުގެ ތަފާތަކުން އިބޫގެ މައްޗަށް ކުރި ހޯދައިގެންނެވެ. އިރުޝާދު ވަނީ ޖުމްލަ ނުވަ ރާޅު އަޅައި، 13.33 ޕޮއިންޓް ސްކޯ ކޮށްފަ އެވެ. އެންމެ ރަނގަޅު ދެ ރާޅަށް ލިބުނީ 7.00 އާއި 6.33 ޕޮއިންޓެވެ.
މިހާތަނަށް ހަތް ފަހަރު ގައުމީ ޗެމްޕިއަންކަން ހޯދާފައިވާ އިބޫ ފައިނަލް ހީޓުގައި ލިބުނީ 13.27 ޕޮއިންޓެވެ. އެންމެ ރަނގަޅު ދެ ރާޅަށް 7.27 ޕޮއިންޓަކާއި 6.00 ޕޮއިންޓް ހޯދި އެވެ.
ޝޯޓްބޯޑް ކެޓެގަރީގެ ތިންވަނަ ހޯދީ، އަހުމަދު އާގިލް (އަންމަޑޭ) އެވެ. އަންމަޑޭ ވަނީ ތިންވަނަ ހޯދި ހީޓުގައި 11.50 ޕޮއިންޓް ސްކޯ ކޮށް، އަބްދުﷲ އަރީފް (ފުކޫ) ބަލިކޮށްފަ އެވެ.
އަންމަޑޭ އަށް ފައިނަލްގެ ފުރުސަތު ނުލިބުނީ ވާދަވެރި ސެމީފައިނަލްގެ ހީޓުގައި އިބޫ އަތުން ބަލިވެގެންނެވެ. މިއީ މި ފަހަރުގެ މުބާރާތުގައި އެއް ހީޓެއްގައި އެންމެ މަތިން ސްކޯ ފެނުނު ހީޓެވެ. އިބޫ އޭނާގެ އެންމެ ރަނގަޅު ދެ ރާޅަށް 8.67 އަދި 8.83 ޕޮއިންޓް ހޯދައި، ޖުމްލަ 17.50 ޕޮއއިންޓް ހަމަކުރި އެވެ. އަންމަޑޭ ވަނީ މި ހީޓުގައި 15.50 ޕޮއިންޓް ހޯދައިފަ އެވެ. އެންމެ ރަނގަޅު ދެ ރާޅަށް 7.67 އަދި 7.83 ޕޮއިންޓް ހޯދި އެވެ.
ރަންނަމާރި ޗެލެންޖުގެ ފައިނަލުން ފުރުސަތު ނުލިބުނު ނަމަވެސް އަންމަޑޭ އަކީ އެމްއެސްއޭ އިން މި އަހަރު އަލަށް ކުރިއަށް ގެންދިޔަ "އެމްޓީސީސީ ދިވެހި ސާފް ލީގު 2022"، ކާމިޔާބު ކުރި ގައުމީ ޗެމްޕިއަނެވެ.
ރަންނަމާރި ޗެލެންޖަކީ މި އަހަރުގެ ސާފް ލީގުގެ ފަސްވަނަ އިވެންޓެވެ. އެންމެ ފުރަތަމަ ގދ. ގައްދޫ ގައި ބޭއްވި ކަޅެގަލެކޮޑާ ގައި ކުއާޓާ ފައިނަލާ ހަމައިން ނިންމާލަން ޖެހުނު ނަމަވެސް، މ. މުލި އަދި ރ. ކިނޮޅަހުގައި ދެން ބޭއްވި މުލީކޮޅު ރާޅުގަނޑާއި ހުރާކޮޅު ރާޅުގަނޑުގައި ޗެމްޕިއަންކަން ހޯދީ އަންމަޑޭ އެވެ. އަދި މިދިޔަ މަހު ކ. ހިންމަފުށީގައި ބޭއްވި ގާމާދޫކޮޅު ގައި ސެމީ ފައިނަލް ގައި އަންމަޑޭ ވާދަ ކުރި އެވެ.
އިރުޝާދު ވަނީ ފުރަތަމަ ސެމީފައިނަލް ހީޓުގައި ފުކޫ ބަލިކޮށްފަ އެވެ. ފުކޫ އަށް 9.27 ޕޮއިންޓް ސެމީ ގެ ހީޓުގައި ލިބުނު އިރު، އިރުޝާދު ވަނީ 13.50 ޕޮއިންތް ހޯދައިފަ އެވެ.
ފުކޫ ސެމީ އަށް ދަތުރު ކުރީ ކުއާޓާ ފައިނަލް ގައި، މިދިޔަ އަހަރުގެ ގައުމީ ޗެމްޕިއަން ހޫދު އަހުމަދު (ހޫބްޒް) ބަލިކޮށްފަ އެވެ.
މި އަހަރުގެ މުބާރާތުން ޖޫނިއާ ޑިވިޝަން އުނިކުރި ނަމަވެސް، ވައިލްޑްކާޑް އުސޫލުން 16 އަހަރުން ދަށުގެ ޒުވާން ހަތް އެތުލީޓަކަށް މޯލްޑިވްސް ސާފިން އެސޯސިއޭޝަން (އެމްއެސްއޭ) އިން ގައުމީ މުބާރާތުގައި ވާދަކުރަން ފުރުސަތު ދިނެވެ. އެންމެ ދުރަށް ދަތުރުކުރީ 15 އަހަރުގެ ސައްޔިދު ސަލާހުއްދީނެވެ. އޭނާ ބަލިވީ ކުއާޓާ ފައިނަލް ގައި އަންމަޑޭ އަތުންނެވެ.
އޭގެ ކުރިން ފަސްވަނަ ބުރުގައި 12 އަހަރުގެ ޔަސީން އަހުމަދު ނާޝިދު ވެސް ވާދަކުރި އެވެ. ޔަސީން މުބާރާތުން ކެޓީ ފަސްވަނަ ބުރުގައި އަންމަޑޭއާ އެއް ހީޓެއްގައި ވާދަ ކޮށްފަ އެވެ.