މާސްޓާސް ޑިވިޝަންގެ ޗެމްޕިއަނަކީ ގައްދޫ މަޑޭ
މާސްޓާސް ޑިވިޝަންގެ ޗެމްޕިއަނަކީ ގައްދޫ މަޑޭ

މި އަހަރުގެ ގައުމީ ރާޅާއެޅުމުގެ މުބާރާތް "ރަންނަމާރި ޗެލެންޖެ 1444" ގެ މާސްޓާސް ޑިވިޝަންގެ ޗެމްޕިއަންކަން އަހުމަދު ރަޝީދު (މަޑޭ) ހޯދައިފި އެވެ.

މާސްޓާސް ޑިވިޝަންގެ ޗެމްޕިއަނަކީ ގައްދޫ މަޑޭ
މާސްޓާސް ޑިވިޝަންގެ ޗެމްޕިއަނަކީ ގައްދޫ މަޑޭ

ފައިނަލް ހީޓުގައި މަޑޭ ވާދަކުރީ މުހައްމަދު ވިޝާލް އަލީއާ ދެކޮޅަށެވެ. އޭނާ އެޅި އަށް ރާޅުގެ ތެރެއިން އެންމެ ރަނގަޅު ދެ ރާޅަށް ވަނީ 5.33 އަދި 6.50 ޕޮއިންޓް ހޯދައިފަ އެވެ.

ވިޝާލް ވަނީ ފައިނަލް ހީޓުގައި 16 ރާޅު ފުރިހަމަ ކޮށްފަ އެވެ. އެތުލީޓަކަށް ހީޓެއްގައި އެންމެ ގިނައިން އެޅޭނީ ވެސް 16 ރާޅެވެ. ނަމަވެސް މަޑޭއާ އެއްވަރުކުރަން ވިޝާލް އަށް 7.00 ޕޮއިންޓްގެ ރާޅެއް ބޭނުންވި އެވެ. ވިޝާލްގެ އެންމެ ރަނގަޅު ދެ ރާޅަށް ލިބުނީ 3.83 އަދި 4.83 އެކެވެ.

ގދ. ގައްދޫއަށް އުފަން، އަދި އެ ރަށުން ގިނަ ސާފަރުންތަކެއް ތަމްރީނު ކޮށްގެން ނެރުނު މަޑޭ، ފައިނަލަށް ދަތުރު ކުރީ މިދިޔަ އަހަރުގެ މާސްޓާސް ޗެމްޕިއަން އިބްރާހިމް އަރީފް (މާކް) އާ ދެކޮޅަށް ސެމީ ފައިނަލް ގައި ފުރިހަމަ ކާމިޔާބީއެއް ހޯދައިގެންނެވެ.

ސެމީ ގައި މަޑޭ ޖުމްލަ 16 ޕޮއިންޓް ސްކޯ ކުރި އެވެ. މާކް އަށް ހޯދުނީ 11.07 ޕޮއިންޓެވެ.

ސެމީ ގައި ނާކާމިޔާބުވި ނަމަވެސް، މާކް ވަނީ ތިންވަނަ ހޮވި ހީޓުގައި އަހުމަދު މިދްޝާން ބަލިކޮށް، ބްރޯންޒް މެޑަލް ކާމިޔާބު ކޮށްފަ އެވެ.

ތިން ވަނަ ހޮވި ހީޓުގައި މާކް ވަނީ 11.83 ޕޮއިންޓް ސްކޯ ކޮށްފަ އެވެ. ހަތަރުވަނައަށް ދިޔަ މިދްޝާން އަށް ހޯދުނީ 6.82 ޕޮއިންޓެވެ.

މި ހީޓުގެ ފުރަތަމަ ރާޅުގައި މިދްޝާންގެ އިންޓަފިއަރެންސަކާ ގުޅިގެން އޭނާގެ ދެ ވަނައަށް އެންމެ ރަނގަޅު ރާޅުގެ ސްކޯ އިން ވަނީ 50 ޕަސެންޓް އުނިކޮށްފަ އެވެ. އޭނާގެ ދެވަނަ ރާޅުގައި 4.50 ޕޮއިންޓް ހޯދި ނަމަވެސް ޖުމްލަ ސްކޯ އަށް ގުނީ 2.25 ޕޮއިންޓެވެ.