20 ނޮވެމްބަރ 2022 - 06:21

އެކްޓަރުންނަކީ މާބޮޑު ތައުރީފެއް ހައްގުވާ ބައެއް ނޫންކަމަށް ބަތަލާ ޕްރިޔަންކާ ޗޯޕްރާ ބުނެފި އެވެ.
އަމިއްލަ ހެއާ ކެއާ ބްރޭޑް ތައާރަފް ކުރުމަށް މިހާރު އިންޑިއާގައި ހުރި ޕްރިޔަންކާ ދިން އިންޓަވިއުއެއްގައި ބުނި ގޮތުގައި ފިލްމެއްގެ އެންމެ ގިނަ މަސައްކަތްކުރާ ބަޔަކީ ޑައިރެކްޓަރުންނާއި ޑައިލޮގް ލިޔާ މީހުންނާއި މޭކަޕް އާޓިސްޓުންނާއި ކެމެރާކުރާ މީހުންނާއި ކޮރިއޯ ގްރާފަރުންނާ އަދި މިނޫން ވެސް އެތައް ބައެއް ކަމަށެވެ.
އެކަމަކު އޭނާ ބުނީ އެންމެން ދައްކަނީ އެންމެ ތިރީހަކަށް ސިކުންތައް މަންޒަރުން ފެންނަ އެކްޓަރުގެ ވާހަކަ ކަމަށެވެ.
ބޮލީވުޑުން ހޮލީވުޑަށް ގޮސްފައިވާ ކުރީގެ ރީތީގެ ރާނީ ޕްރިޔަންކާބުނީ އެކްޓަރުން ފިލްމްގައި ކިޔަނީ މީހަކު ލިޔެފައިވަ ސްކްރިޕްޓެއް ކަމަށާއި އެ މީހުން ލަވަކިޔަނީ މީހެއްގެ އަޑުދަށުން ކަމަށެވެ. އަދި ނަށަނީ މީހަކު ކިޔައިދޭ ގޮތަށް ކަމަށެވެ.
ފިލްމު މާކެޓްކުރާއިރު ވެސް މީހަކު ލިޔެފައިވާ ސުވާލުތަކެއް ނޫނީ އެކްޓަރު ނުކިޔާނެ ކަމަށާއި ހެދުން އަޅުވައި އިސްތށިގަނޑު ސްޓައިލްކޮށް މޭކަޕް ކޮށްދެނީ ވެސް އެހެން މީހުން ކަމަށް ވާތީ ޕްރިޔަންކާ ބުނީ އެކްޓަރުން ހަގީގަތުގައި "އެއްވެސް ކަމެއް ނުކުރޭ" ކަމަށެވެ.
ޕްރިޔަންކާ ދެކޭ ގޮތުގައި އޭނާއަކީވެސް އެ ބުނާ 30 ސިކުންތުގެ މަސައްކަތް ކުރާ އެކްޓަރެކެވެ. އަދި މޮޅު އެކްޓަރަކަށް ވާން ދަސްކުރި ގޮތް ވެސް އޭނަ ކިޔައިދިނެވެ.
އޭނާ ބުނި ގޮތުގައި އޭނާ މޮޅުއެކްޓަރަކަށްވީ މޮޅު ފިލް އުފައްދާ މީހުންނާ އެކީ މަސައްކަތް ކުރުމުންނެވެ. އެކަމަކު އޭނާ ބުނީ އެކްޓަރުންނަކީ ވަރަށް ޕްރެޝަރުގައި ގިނަ ވަފުތު މަސައްކަތް ކުރަންޖެހޭ ބައެއްކަމަށް އޭނާ ގަބޫލުކުރާ ކަމަށެވެ. އެކްޓިން ދާއިރާގައި ހިފަހައްޓާލެވޭނީ އެ ޕްރެޝަރުގައި މަސައްކަތް ކުރަން ދަންނަ ވަކި ކަހަލަ ބަޔަކަށް ކަމަށް ބުންޏެވެ.
ޕްރިޔަންކާ އެންމެފަހުން ފެނުނީ ކީނުރީވްސް އާ އެކީ ލީޑްރޯލް ކުޅެފައިވާ ފިލްމް ދަމެޓްރިކްސް ރިސަރަކްޝަނުންނެވެ. އޭނާގެ އަންނަން ހުރި ފިލްމްތަކުގެ ތެރޭގައި ހޮލީވުޑްގެ ސިޓަޑެލް، އަދި ބޮލިވުޑް ފިލްމް ޖީލޭ ޒަރާ ހިމެނެ އެވެ.