19 ނޮވެމްބަރ 2022 - 20:45

ބާ ކައުންސިލުން ރާއްޖޭގެ ފުރަތަމަ ބާ އިމްތިހާން މިއަދު މާލެ އާއި އައްޑޫގައި ބާއްވައިފި އެވެ.
ބާ ކައުންސިލުން ބުނީ 176 މީހަކު ބައިވެރިވި އިމްތިހާނުގެ ހެނދުނާއި މެންދުރު ފަހުގެ ސެޝަންތަކަށް، އިމްތިހާނަށް ރަޖިސްޓްރީވި ކެންޑިޑޭޓުންގެ 98.3 ޕަސެންޓް ހާޒިރުވި ކަމަށެވެ.
ރާއްޖޭގައި 2019 ވަނަ އަހަރު އަމަލުކުރަން ފެށި ގާނޫނީ ފަންނުގެ ގާނޫނުގެ ދަށުން، ގާނޫނީ ވަކީލްކަމުގެ ހުއްދަ ހޯދުމަށް ހަދަންޖެހޭ ބާ އެގްޒާމަކީ ގާނޫނުތަކަށް އަހުލުވެރިވެފައިވާ މިންވަރު ފަދަ އަސާސީ ބައެއް ހުނަރުތައް ދެނެގަތުމަށް އަހަރަކު އެއް ފަހަރު ބާއްވަން ނިންމާފައިވާ އިމްތިހާނެކެވެ.
ބޭރުގެ އެކި އިދާރާތަކުގެ އެހީތެރިކަމާ އެކު ބޭއްވި މި އިމްތިހާނުގައި ޓޯޓް ލޯ، ކްރިމިނަލް ލޯ، ކޮންސްޓިޓިއުޝަނަލް ލޯ، އެޑްމިނިސްޓްރޭޓިވް ލޯ، ކޮންޓްރެކްޓް ލޯ، ލޭންޑް ލޯ އަދި ރާއްޖޭގެ ގާނޫނީ ނިޒާމް އެނގޭ މިންވަރާއި މި ގާނޫނުތައް ތަންފީޒުކުރުމުގެ އިލްމު ހުރި މިންވަރު ވަޒަންކުރުމަށް ސުވާލުތައް ދީފައިވެ އެވެ. މި އަހަރުގެ ސިލަބަހުގައި ހިމެނޭ ދާއިރާތަކުން އިހުތިޔާރީ ޖަވާބުތަކާ އެކު ދިވެހި ބަހާއި އިނގިރޭސި ބަހުން 120 ސުވާލެއް ހިމަނާފައިވާ ކަމަށް ބާ ކައުންސިލުން ބުންޏެވެ.
މިއީ ރާއްޖޭގައި މިފަދަ އިމްތިހާނެއް ބާއްވާ ފުރަތަމަ ފަހަރަށް ވާތީ، އިމްތިހާނުގެ ކުރިން ބާ ކައުންސިލުން ވަނީ ގާނޫނީ ވަކީލުންގެ އެހީތެރިކަމާ އެކު، މި އިމްތިހާނަށް ކެންޑިޑޭޓުން ތައްޔާރުވުމަށް އެހީއެއްގެ ގޮތުން ލިޔެކިޔުންތަކެއް ތައްޔާރުކޮށްދީފަ އެވެ. އަދި މި އަހަރު ތެރޭ ޕްރެކްޓިސް ސުވާލުތަކެއް ދީ، އިމްތިހާނުގެ ދާއިރާއިން 18 ލެކްޗާ ދީފައިވެ އެވެ.
ބާ އިމްތިހާނަކީ ގާނޫނީ ވަކީލް ކަމުގެ ހުއްދަ ހޯދުމުގެ ގޮތުން ފުރިހަމަކުރަންޖެހޭ އެންމެ އަސާސީ ދެ ކަންތަކުގެ ތެރެއިން އެއް ކަންތަކެވެ. ބާ އިމްތިހާނުގެ އިތުރުން އަދި ތަމްރީން ޕްރޮގްރާމެއް ވެސް ފުރިހަމަކުރަން ޖެހޭނެ އެވެ.