އުރީދޫ "ފަން ރަން" ގައި ބައިވެރިވާން އިތުރު ފުރުސަތެއް
އުރީދޫ "ފަން ރަން" ގައި ބައިވެރިވާން އިތުރު ފުރުސަތެއް

އުރީދޫގެ މެރަތަން، "ފަން ރަން" ގައި ބައިވެރިވުމަށް ރަޖިސްޓްރީ ވުމުގެ ފުރުސަތު އަނެއްކާވެސް ހުޅުވާލައިފި އެވެ.

އުރީދޫން ބުނީ "ފަން ރަން" ގައި ބައިވެރިވާން މި މަސް ނިމުމުގެ ކުރިން އުރީދޫގެ އީ ކޮމާސް ޕްލެޓްފޯމް މެދުވެރިކޮށް ރަޖިސްޓްރީވެވޭނެ ފުރުސަތު އަލުން ދިނީ ބައިވެރިވާން ބޭނުންވާ މީހުންގެ އަދަދު ގިނަވެ އިތުރު ރިކުއެސްޓްތައް ލިބެމުން އަންނާތީ ކަމަށެވެ.

"ފަން ރަން" ގައި ބައިވެރިވާން މި މަހު ތިން ވަނަ ދުވަހު ހުޅުވާލި ފުރުސަތު މިދިޔަ އަންގާރަ ދުވަހު ވަނީ ހަމަވެފަ އެވެ.

ކުރިން ބާއްވަމުން އައި "އުރީދޫ ކަލަރަން" ގެ ނަން ބަދަލުކޮށް، ބަދަލުތަކަކާ އެކު އޮންނަ ފުރަތަމަ ދުވުން ބާއްވަން ނިންމައިފައި އޮތީ އަންނަ ހުކުރު ދުވަހު އެވެ. ނަމަވެސް، އެ ދުވުން ބާއްވާ ދުވަސް މިހާރު ވަނީ އަންނަ މަހުގެ 23 އަށް ފަސްކޮށްފަ އެވެ.

ގިނަ ހަރަކާތްތަކަކާ އެކު ބާއްވާ އެ މެރަތަންގައި އުމުރުން ހަ އަހަރުން މަތީގެ ކޮންމެ މީހަކަށް ވެސް ބައިވެރިވެވޭނެ އެވެ.

"ފަން ރަން" ފެށުމަށް ހަމަޖެހިފައިވައި ވަނީ ހުޅުމާލެ ސެންޓްރަލް ޕާކުންނެވެ. އަލަށް ބައިވެރިވާ މީހުންނަށް ވެސް ފަސޭހަވާނެހެން މި ފަހަރުގެ މެރަތަންގައި ދުވާނީ ފަސް ކިލޯ މީޓަރަށެވެ.

އެ ރަންގެ ކިޓުތައް ވިއްކަނީ ދެ ކެޓަގަރީއަކަށް ބަހާލައިގެންނެވެ. އެއީ ފަން ރަން ޓީޝާޓާއި ރިސްޓްބޭންޑް ހިމެނޭ 100ރ. އަށް ވިއްކާ ސްޓޭންޑަޑް ކިޓާއި ފަން ރަން ޓީޝާޓަކާއި ރިސްޓްބޭންޑު އަދި ފޮތި ދަބަހެއްގެ އިތުރުން އައިނާއި ބަންޑެނާ ހިމެނޭ 200ރ. ގެ ފަން ކިޓެވެ.

"ފަން ރަން" ގެ އަމާޒަކީ، ދުޅަހެޔޮ ދިރިއުޅުމަކަށް، ދުވުމަކީ މަޖާ އަދި އުފާވެރިކަން ގެނެސްދޭނެ ހަރަކާތެއްކަން އަންގައިދިނުން ކަމަށް އުރީދޫން ބުނެ އެވެ. އަދި އެ ދުވުމުގެ ކޮންމެ ކިލޯމީޓަރެއް ނިމުމުން، ސްޓޭޝަންތަކުގައި، ކުލަގައިގެ އިތުރުން ފެން އަދި މަޖާ ހަރަކާތްތަކެއް ކުރިއަށް ގެންދާނެ ކަމަށް ވެސް ބުންޏެވެ.

އެއީ ވަކި ވަގުތެއްގައި ނިންމަން ޖެހޭ ރޭހަކަށް ނުވާތީ، ހިނގާފަ އާއި ދުވަމުން ނުވަތަ ނަށަމުން ވެސް ދުވުން ނިންމި ދާނެ އެވެ.