ލޯންގްބޯޑް ގައި އަލަށް ބައިވެރިވެ އިބޫ އަށް އެއްވަނަ
ލޯންގްބޯޑް ގައި އަލަށް ބައިވެރިވެ އިބޫ އަށް އެއްވަނަ

ޝޯޓްބޯޑް ރާޅާއެޅުމުގައި ރާއްޖޭގެ ލެޖެންޑް ހުސެއިން އަރީފް (އިބޫ)، ފުރަތަމަ ފަހަރަށް ލޯންގްބޯޑް ކެޓެގަރީގައި ވާދަކޮށް، ޗެމްޕިއަންކަން ހޯދައިފިި އެވެ.

އިބޫ ޗެމްޕިއަންކަން ހޯދީ ލޯންގްބޯޑް ފައިނަލް ހީޓުގައި ހައްސާން މުހައްމަދާ ވާދަކޮށް 15.00 ޕޮއިންޓް ސްކޯ ކޮށްގެންނެވެ. ހައްސާނަށް ހޯދުނީ 9.66 ޕޮއިންޓެވެ.

ފައިނަލް ހީޓުގައި އިބޫ ދުއްވާލި ފުރަތަމަ ރާޅުގައި ވެސް އޭނާ ވަނީ 8.50 ޕޮއިންޓް ސްކޯ ކޮށްފަ އެވެ. މިއީ ލޯންގްބޯޑް އިވެންޓްގައި މިހާތަނަށް ބޭއްވި ދެ މުބާރާތުގައި ވެސް ރާޅަކަށް އެތުލީޓެއް ހޯދި އެންމެ މަތީ ސްކޯ އެވެ. މިދިޔަ އަހަރުގެ ޗެމްޕިއަން އިސްމާއިލް މިގްލާލް (ކުޑައިއްސެ) ވަނީ މިދިޔަ އަހަރުގެ ފުރަތަމަ ހީޓުގައި 8.00 ޕޮއިންޓް ސްކޯ ކޮށްފަ އެވެ.

އިބޫ ފައިނަލަށް ދަތުރު ކުރީ ސެމީ ފައިނަލްގެ ހީޓް ގައި އާދަމް ނަސީމް އާ ވާދަކޮށް ކުރި ހޯދައިގެންނެވެ. ހައްސާން ފައިނަލަށް ދިޔައީ އިސްމާއިލް ރަޝީދު (ސްމައިލީ) ގެ މައްޗަށް 0.7 ޕޮއިންޓުން ކުރި ހޯދައިގެންނެވެ.

މިއީ ސްމައިލީ ލޯންގްބޯޑް ކެޓެގަރީގައި ވާދަކުރި ފުރަތަމަ ފަހަރެވެ. އޭނާ ވަނީ ތިންވަނަ ހޮވަން ބޭއްވި ހީޓުގައި އާދަމް ނަސީމްގެ މައްޗަށް ކުރި ހޯދައި މި ކެޓެގަރީގެ ތިންވަނަ ހޯދައިފަ އެވެ.

އިބޫ އަކީ ގައުމީ މުބާރާތް، ރަންނަމާރި ޗެލެންޖްގައި އޯޕަން ޑިވިޝަން ޝޯޓްބޯޑް ކެޓެގަރީގެ އެއްވަނަ ހަތް ފަހަރު ކާމިޔާބު ކޮށްފައިވާ އެތުލީޓެކެވެ. އެންމެ ފަހުން ގައުމީ މުބާރާތް ކާމިޔާބު ކުރީ 2019 ވަނަ އަހަރެވެ.

އެ އަހަރުގެ މުބާރާތަށް ފަހު، ފަރިތަކުރުންތަކެއްގައި ލިބުނު އަނިޔާއަކާ ގުޅިގެން މުބާރާތްތަކާ ދުރުގައި ހުރުމަށް ފަހު، އިބޫ އެނބުރި އައިސް މޯލްޑިވްސް ސާފިން އެސޯސިއޭޝަން (އެމްއެސްއޭ) ގެ މުބާރާތްތަކުގައި ވާދަކުރަން ފެށީ މި އަހަރުގެ ދިވެހި ސާފް ލީގުގަ އެވެ.

ސާފް ލީގުގައި މ. މުލީގައި އޮތް މުލީކޮޅު ރާޅުގަނޑުގައި ވާދަކުރަން އޮތް ނަމަވެސް ހީޓެއްގައި ބައިވެރިއެއް ނުވެވުނެވެ. އެކަމަކު ހިންމަފުށީގައި ބޭއްވި ހުރާކޮޅު ރާޅުގަނޑުގައި އޭނާގެ އެނބުރި އައުން ފާހަގަކުރީ ފުރިހަމަ އެއްވަނައެއް ހޯދައިގެންނެވެ.