ގިނަ ބަޔަކަށް ފުރުސަތު ދިނުމަށް ނަޝީދުގެ "އާސްކް ސްޕީކާ" މި ފަހަރު މަޖިލިސް އިދާރާގައި
ގިނަ ބަޔަކަށް ފުރުސަތު ދިނުމަށް ނަޝީދުގެ "އާސްކް ސްޕީކާ" މި ފަހަރު މަޖިލިސް އިދާރާގައި

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ "އާސްކް ސްޕީކާ" ސިލްސިލާގެ ޕްރޮގްރާމެއް އަންނަ މަހު ބާއްވަން ނިންމައިފި އެވެ.

މިއީ މަޖިލީހުގެ ކޮންމެ ދައުރެއް ނިންމާފައި މަޖިލީހުން އިންތިޒާމުކޮށްގެން ބާއްވާ ސުވާލާއި ޖަވާބުގެ ލައިވް ޕްރޮގްރާމެކެވެ. މީގެ ކުރިން ފަސް ފަހަރެއްގެ މަތިން އެ ޕްރޮގްރާމުް ބާއްވާފައިވެ އެވެ.

ރައްޔިތުން މަޖިލީހުގެ މީޑިޔާ އެންޑް ކޮމިޔުނިކޭޝަންސް ޑިރެކްޓަރު ހަސަން ޒިޔާއު "މިހާރު" އަށް ވިދާޅުވީ އާސްކް ސްޕީކާގެ ހަ ވަނަ އިވެންޓް އަންނަ މަހުގެ އެކެއްގައި ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ.

މި ޕްރޮގްރާމް މިފަހަރު ކުރިއަށް ގެންދިއުމަށް ނިންމާފައި ވަނީ މަޖިލިސް އިދާރާގައި ކަމަށާއި އެހެން ފަހަރުތަކާ ހިލާފަށް މިފަހަރު އޮންނާނީ މެންދުރު 2:15 ގައި ކަމަށް ވެސް ޒިޔާއު ވިދާޅުވި އެވެ.

"ޕީއެސްއެމްގެ ބަދަލުގައި މިފަހަރު އޮންނާނީ މަޖިލިސް އިދާރާގައި. އެއީ ގިނަ ބަޔަކަށް މި ޕްރޮގްރާމްގައި ބައިވެރިވުމަށް ޖާގަ ވެސް އޮންނާނެތީ. ވޯލްޑް ކަޕްގެ މެޗުތަކާ ރޭގަނޑު ދިމާވާތީ މެންދުރުފަހު ބާއްވަން މިފަހަރު ނިންމާފައި ވަނީ،" އޭނާ ވިދާޅުވި އެވެ.

މަޖިލީހުން ބުނީ ޕްރޮގްރާމް ޓީވީ ޗެނަލްތަކުންނާއި ސޯޝަލް މީޑިއާގެ ވަސީލަތްތަކުން ވަގުތުން ފެންނާނެ ކަމަށެވެ. އެ ޕްރޮގްރާމުގައި ރައްޔިތުންގެ ސުވާލުތަކަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ވަގުތުން ޖަވާބު ދެއްވާއިރު ރައްޔިތުންގެ މަޖިލީހުގެ ރައީސާ ސުވާލުކުރަން ބޭނުންވާ ފަރާތްތަކުން، ސުވާލު ފޮނުވުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށް ވެސް މަޖިލީހުން ބުންޏެވެ.

"ސުވާލު ފޯނުން ވީޑިއޯ ކުރުމަށްފަހު ފޮނުވައިގެންނާއި ނުވަތަ މެސެޖު މެދުވެރިކޮށް ސުވާލުކުރެވޭނެ ގޮތް ވަނީ ހަމަޖެހިފައި. ޕްރޮގްރާމުގައި ލައިވްކޮށް ސުވާލުކުރުމަށް ބޭނުންވާ ފަރާތްތަކުން ނަން ނޯޓުކުރުގެ ފުރުސަތު ވެސް ވަނީ ހުޅުވާލާފައި،" މަޖިލީހުން ބުންޏެވެ.

އެންމެ ފަހު ޕްރޮގްރާމް ކުރިއަށް ގެންގޮސްފައި ވަނީ މިދިޔަ ޖޫން މަހު އެވެ.