18 ނޮވެމްބަރ 2022 - 20:59

އަރަބިއްޔާ ސްކޫލުގެ އާ އިމާރާތް އެޅުމަށް އަންނަ އަހަރުގެ ބަޖެޓްގައި 6.4 މިލިއަން ރުފިޔާ ހިމެނުމަށް ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ކޮމިޓީން ފާސްކޮށްފި އެވެ.
މީގެ އަށް އަހަރު ކުރިން ބޭނުންކުރަން ފެށި އަރަބިއްޔާގެ އިމާރާތުގެ ތަނބުތަކުގައި ވަރަށް ބޮޑަށް ރެނދުލައި، ގެއްލުން ލިބިފައި ހުރުމުން މިދިޔަ ޖެނުއަރީ މަހުން ފެށިގެން އެ ސްކޫލުގެ ކުދިން ވަގުތީ ގޮތުން ކިޔަވަނީ ފޮރިން މިނިސްޓްރީ ކުރިން ހިންގި އިމާރާތުގަ އެވެ. އެކަމަކު، އެ ތަނުގެ ހާލަތު ރަނގަޅު ނޫން ކަމަށް ބެލެނިވެރިން ބުނެ އެވެ.
އަރަބިއްޔާގެ ސްކޫލުގެ އާ އިމާރާތް ހެދުމަށް ބާ ޖަމާލުއްދީނު ހުރި ބިން ހުސްކޮށްފައިވީ ނަމަވެސް ސަރުކާރުން އަންނަ އަހަރަށް ލަފާކުރި ބަޖެޓް މަޖިލީހަށް ހުށަހެޅިއިރު، އަރަބިއްޔާގެ އިމާރާތް ހިމަނާފައި ނެތެވެ.
އެކަމާ ގުޅިގެން އެޑިޔުކޭޝަން މިނިސްޓްރީން ބުނެފައި ވަނީ ބަޖެޓުގައި އެކަމަށް ވަކިން ފައިސާ ހިމެނިފައި ނުވަނީ އިދާރީ އޮޅުމަކުން ކަމަށެވެ.
އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓު މިރޭ ފާސްކޮށްފައި ވާއިރު، އަރަބިއްޔާ ސްކޫލު އަޅަން ބަޖެޓުން 6.4 މިލިއަން ރުފިޔާ ބަޖެޓު ކޮމެޓީ އިން މިއަދު ވަނީ ފާސްކޮށްފަ އެވެ.
އަރަބިއްޔާ ސްކޫލުގެ އިމާރާތާއެކު، ޖޭއެސްގެ އެނެކްސްގެ އިމާރާތަށް 168 މިލިއަން ރުފިޔާ ހަރަދުވެ އެވެ. އެއީ ދެ އިމާރާތުގެ އަގެވެ.
އެ ޕްރޮޖެކްޓް އަމިން ކޮންސްޓްރަކްޝަނާ ސަރުކާރުން ހަވާލުކުރީ މިދިޔަ ސެޕްޓެމްބަރު 29 ގަ އެވެ. ޑިޒައިން އެންޑް ބިލްޑް އުސޫލުން އެ ކުންފުންޏާ ހަވާލުކުރީ ސެލެކްޓިވް ބިޑިންއަކުންނެވެ. މިނިސްޓްރީން ބުނީ އެ ގޮތަށް ނިންމީ ވެސް މަސައްކަތް އަވަސް ކުރުމަށް ކަމަށެވެ. މަސައްކަތް ނިންމަން ޖެހެނީ 420 ދުވަސް ނުވަތަ އަހަރަކާއި އެއް މަސް ދުވަހުގެ ތެރޭގަ އެވެ.
އެޑިޔުކޭޝަން މިނިސްޓްރީ އިން ބުނެފައި ވަނީ އަރަބިއްޔާ ސްކޫލަކީ މި ސަރުކާރުގައި އެންމެ ބޮޑަށް ސަމާލުކަން ދޭ އެއް ތަން ކަމަށާއި އެ ތަން އެޑިއުކޭޝަން މިނިސްޓްރީ އަށް ވަރަށް ހާއްސަ ކަމަށެވެ.