18 ނޮވެމްބަރ 2022 - 17:58

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ފޮނުވާފައިވާ ދައުލަތުގެ ބަޖެޓަށް 160 މިލިއަން ރުފިޔާ އިތުރު ކޮށް ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީން ބަޖެޓު ފާސް ކޮށްފި އެވެ.
މި އަހަރު ފިނޭންސް މިނިސްޓްރީން މަޖިލީހަށް ހުށަހަޅާފައި ވަނީ 42.6 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.
ދެ ހަފްތާ ވަންދެން މަޖިލީހުގެ ބަޖެޓު ކޮމިޓީގައި ކުރިޔަށް ގެންދިޔަ ދިރާސާތަކަށް ފަހު އެ ކޮމިޓީން މިއަދު ނިންމާފައި ވަނީ ޕީއެސްއައިޕީ އަށް ހުށަހެޅުނު އިސްލާހުތަކާއެކު އިތުރު 160.5 މިލިއަން ރުފިޔާ ބަޖެޓުގައި ހިމެނުމަށެވެ.
އެ އިސްލާހުތަކާއެކު ޖުމުލަ 42.8 ބިލިއަން ރުފިޔާގެ ބަޖެޓު ފާސް ކޮށްފައި ވަނީ ކޮމިޓީ މެންބަރުންގެ އަގުލަބިއްޔަތުންނެވެ.
އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓުގެ ގާތްގަނޑަކަށް 70 ޕަސެންޓް ހޭދަކުރަނީ ސަރުކާރުގެ މުވައްޒަފުންގެ މުސާރަ އާއި އޮފީސްތައް ހިންގުމަށެވެ. އެއީ ގާތްގަނޑަކަށް 29 ބިލިއަން ރުފިޔާ އެވެ. މީގެ އިތުރުން ޕީއެސްއައިޕީ އާއި ތަރައްގީގެ މަޝްރޫއުތައް ހިންގުމަށާއި އެހެން މަޝްރޫއުތަކަށް ބަޖެޓުން ވަނީ 14 ބިލިއަން ރުފިޔާ ކަނޑައަޅައިފަ އެވެ.
- ޖުމްލަ: 42.6 ބިލިއަން ރުފިޔާ
- އާމްދަނީ 32 ބިލިއަން ރުފިޔާ
- ހަރަދު: 40.5 ބިލިއަން ރުފިޔާ
- ޑެފިސިޓް: 14.4 ބިލިއަން ރުފިޔާ
- ދައުލަތުގެ ދަރަނި: 113 ބިލިއަން ރުފިޔާ
ލިބޭ އާމްދަނީއާ އަޅާ ބަލާއިރު، އަންނަ އަހަރު ބަޖެޓް ހިންގުމަށް 11.3 ބިލިއަން ރުފިޔާ ސަރުކާރުން އިތުރަށް ހޯދަން ޖެހެ އެވެ. އެއީ ޑެފިސިޓަށް ބޭނުންވާ 8.9 ބިލިއަން ރުފިޔާ އާއި ލޯނު އަނބުރާ ދެއްކުމަށް ބޭނުންވާ 1.1 ބިލިއަން ރުފިޔާ އާއި އެސްޑީއެފް ފަންޑަށް ބޭނުންވާ 4،8 ބިލިއަން ރުފިޔާ އެވެ. އެ ފައިސާ ހޯދުމަށް ހަމަޖެހިފައި ވަނީ ބޭރުގެ ބާޒާރަށް ގްރީން ނުވަތަ ބްލޫ ބޮންޑެއް ވިއްކައިގެންނާއި ރާއްޖޭގެ ބާޒާރަށް ޓީބިލާއި ބޮންޑު ވިއްކައިގެންނެވެ.
- ޖީޑީޕީ 104 ބިލިއަން ރުފިޔާ އަށް އެރުވުން
- 1.8 މިލިއަން ޓޫރިސްޓުން ގެނައުން
- 606 މިލިއަން ޑޮލަރަށް ރިޒާވް އިތުރުކުރުން