ސްޓޭޑިއަމްތައް ކައިރީގައި ބަނގުރާ ނުވިއްކަން ގަތަރާއި ފީފާ އިން ނިންމައިފި
ސްޓޭޑިއަމްތައް ކައިރީގައި ބަނގުރާ ނުވިއްކަން ގަތަރާއި ފީފާ އިން ނިންމައިފި

އާދީއްތަ ދުވަހު ގަތަރުގައި ފަށާ ވޯލްޑް ކަޕުގެ މެޗުތައް ކުޅޭ ސްޓޭޑިއަމްތައް ކައިރީގައި ބަނގުރާ ނުވިއްކާ ގޮތަށް ގަތަރާއި ފީފާ އިން ނިންމައިފި އެވެ.

މުބާރާތް އިންތިޒާމުކުރާ ފީފާ އިން ބުނީ މި ނިންމުން ނިންމީ ގަތަރާ މަޝްވަރާކުރުމަށް ފަހު އެވެ.

އެކަމަކު މުބާރާތް ފެށެން ދެ ދުވަހަށް ވެފައިވަނިކޮށް ކުރީގެ ނިންމުން ބަދަލުކުރި ސަބަބެއް ފީފާ އިން ނުބުނެ އެވެ. ރިޕޯޓްތައް ބުނާ ގޮތުގައި މި ނިންމުން އައީ ގަތަރުގެ ޝާހީ އާއިލާގެ ޕްރެޝަރާ ހެދި އެވެ.

ފީފާ އިން ބުނީ ގަތަރުގެ އެކި ހިސާބުތަކުގައި ގާއިމްކުރާ ފޭން ޒޯންތަކުން ބަނގުރާ ލިބޭނެ ކަމަށެވެ.

މި ނިންމުން ނިންމިއިރު، ގަތަރުން ވަނީ ސްޓޭޑިއަމްތައް ކައިރީގައި ބިޔަރު ވިއްކަން ހާއްސަ ޓެންޓުތަކެއް ވެސް ގާއިމްކޮށްފަ އެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ފީފާގެ ޒަމާންވީ ސްޕޮންސަރެއް ކަމަށްވާ އަދި މި ވޯލްޑް ކަޕުގެ ވެސް ޕާޓްނަރެއް ކަމަށްވާ ބިޔަރު އުފައްދާ ބޮޑު ކުންފުނި ބަޑްވައިޒާ އިން މިކަމުގައި ގާނޫނީ މައްސަލަތަކެއް ޖައްސަފާނެ އެވެ. އެކަމަކު ފީފާ އިން ވަނީ މި ނިންމުން ބަޑްވައިޒާ އިން ބަލައިގަތް ކަމުގެ އިޝާރާތެއް ބަޔާނުގައި ދީފަ އެވެ.

ސްޓޭޑިއަމް ކައިރިން ބަނގުރާ ނުވިއްކި ނަމަވެސް، ސްޓޭޑިއަމްތަކުގެ ވީއައިޕީ ބޮކްސް އިންނާއި ދޯހާގެ މައި ފޭން ޒޯނުންނާއި ބައެއް އަމިއްލަ މީސްމީހުންގެ ފޭން ޒޯންތަކުން އަދި ބައެއް ހޮޓާތަކާއި ބާ ތަކާއި ރެސްޓޯރެންޓްތަކުން ލިބޭނެ އެވެ.

މިއީ އިސްލާމީ ގައުމެއްގައި ވޯލްޑް ކަޕް ބާއްވާ ފުރަތަމަ ފަހަރަށް ވުމާ އެކު، އިސްލާމީ ބައެއް އުސޫލުތަކާ ފުށު އަރާ ކަންކަން ގަތަރުން މަނާކުރާތީ ހުޅަނގުން އަންނަނީ ފާޑުކިޔަމުންނެވެ. އެގޮތުން އެއް ޖިންސުން ގުޅުން ހިންގުން ޕްރޮމޯޓްކުރުން ގަތަރުން މަނާކޮށްފައިވާތީ ބައެއް ފަރާތްތަކުން ވަނީ ވޯލްޑް ކަޕް ބޮއިކޮޓްކުރަން ގޮވާލައިފަ އެވެ.

އެކަމަކު ގަތަރުން ބުނީ މުބާރާތަށްޓަކައި ވިޔަސް އެ ގައުމުން އިސްލާމީ އުސޫލުތައް ދޫކޮށްނުލާނެ ކަމަށެވެ.