18 ނޮވެމްބަރ 2022 - 06:07

ހާރޫން ޔަހުޔާގެ ނަމުގައި އެތައް ބަހަކުން ފޮތްތައް ލިޔެ ޝާއިއުކޮށް ޓީވީ ޕްރޮގްރާމްތަކުގައި ދީނާއި ދުނިޔެއާ ބެހޭ އެކި ވާހަކަތައް ދައްކައިގެން މަޝްހޫރުކަން ހޯދި ތުރުކީގެ އަދުނާން އޮކްޓާ 8,658 އަހަރަށް ޖަލަށް ލާން ހުކުމްކޮށްފި އެވެ.
"ކަލްޓް ލީޑަރެއް" ކަމަށް ތުރުކީގެ މީޑިއާއިން ސިފަކުރާ އޮކްޓާގެ މައްޗަށް ސާބިތުވި ދައުވާތަކުގެ ތެރޭގައި ކުށުގެ އަމަލުތައް ހިންގާ ގޭންގު އޮޕަރޭޓްކުރުމާއި ސިޔާސީ އަދި އަސްކަރީ ކަންކަމަށް ޖާސޫސްކުރުމާއި ކުޑަކުދިންނަށް ޖިންސީ ގޯނާކުރުން ހިމެނެ އެވެ.
އޮކްޓާގެ މައްސަލަ އެންމެ ފަހުން ބޮޑަށް ސަމާލުކަމަށް އައީ ނިވާކަން ކުޑަ ހެދުން އަޅައިގެން ތިބި އަންހެނުންނާ ގައިގޯޅިވަމުން ހުށަހަޅައިދިން، ކާއިނާތާއި ދިރޭތަކެތި ހެއްދެވިފައިވާ ގޮތުގެ ވާހަކަތަކާއި ދިރިއުޅުން ބައްޓަންކުރަންޖެހޭ ގޮތް ކަމަށް ބުނެ އޭނާގެ ފިކުރު ފަތުރާ ޝޯތަކުންނެވެ.
ދީނީ ހަރަކާތެއްގެ ނަމުގައި، އިވޮލިއުޝަން ތިއަރީ ދެކޮޅަށް މުޅި ދުނިޔޭގައި އެކި ވަސީލަތްތައް ބޭނުންކޮށްގެން ހިންގި ކެމްޕެއިނަކީ ކުށުގެ އެކި އަމަލުތައް ހިންގުމަށް ކޮށްފައިވާ ކަމެއްކަން ފަޅާއަރައި އުމުރުން 66 އަހަރުގެ އޮކްޓާ އާއި އޭނާ އަށް ތަބާވާ އެތައް ސަތޭކަ ބަޔަކު 2018 ވަަނަ އަހަރު ހައްޔަރުކުރި އެވެ. އެފަހަރު އޮކްޓާގެ ޓީވީ ޗެނަލް އޭ9 ވެސް ބަންދުކުރި އެވެ.
މިދިޔަ ޖެނުއަރީ މަހު އޮކްޓާގެ މައްޗަށް އެހެން 10 ދައުވާއެއް ސާބިތުވި އެވެ. އޭގެ ތެރޭގައި ގޭންގު ހިންގުމާއި ސިޔާސީ އަދި އަސްކަރީ ކަންކަމަށް ޖާސޫސްކުރުމާއި ޖިންސީ އަމަލުތަކަށް ކުޑަކުދިން ބޭނުންކުރުމާއި ރޭޕްކުރުމާއި ބްލެކްމެއިލް ކުރުމާއި މީހުންނަށް ބޮޑެތި ނަފްސާނީ އަނިޔާތައް ދިނުން ހިމެނެ އެވެ.
މި ދައުވާތަކުގެ ތެރޭގައި ތުރުކީގެ ވެރިކަން 2016 ވަނަ އަހަރު ބަޣާވާތަކުން ވައްޓާލަން ރޭވި ކަމަށް ބުނާ، އެމެރިކާގައި އުޅޭ ތުރުކީގެ އިލްމުވެރިއެއް ކަމަށްވާ ފަތުހުﷲ ގުލެން އަށް އެހީވުން ވެސް ހިމެނެ އެވެ.
އޭރު ކުރި 1،075 އަހަރުގެ ހުކުމް ތުރުކީގެ މަތީ ކޯޓުން ބާތިލްކުރީ އެވެ. ނަމަވެސް ތުރުކީގެ ހައި ކްރިިމިނަލް ކޯޓުން މައްސަލަ އަލުން ބެލުމަށް ފަހު ބުދަ ދުވަހު ހުކުމް ކުރީ 8,658 އަހަރަށް ޖަލަށް ލުމަށެވެ. އޮކްޓާގެ އިތުރުން 10 މީހަކަށް ހަމަ މި ހުކުމް ވަނީ އިއްވައިފަ އެވެ.
ތުރުކީގެ މީޑިއާއިން ބުނެފައިވާ ގޮތުގައި މިއީ އެ ގައުމުގައި މިހާތަނަށް ކުރި އެންމެ ބޮޑު ހުކުމެއް ނޫނެވެ. މީގެ ކުރިން ވަނީ 9،803 އަހަރާއި ހަ މަސް ދުވަހުގެ ޖަލު ހުކުމެއް ވެސް މީހަކަށް އިއްވައިފަ އެވެ.