އޮޕްޓާ އިން ލަފާކުރަނީ ބްރެޒިލް ތަށި ނަގާނެ ކަމަށް
އޮޕްޓާ އިން ލަފާކުރަނީ ބްރެޒިލް ތަށި ނަގާނެ ކަމަށް

މި އަހަރުގެ ވޯލްޑް ކަޕުގެ ޗެމްޕިއަންކަން ހޯދާނީ ބްރެޒިލް ކަމަށް، ފުޓްބޯޅައިގެ ތަފާސްހިސާބުތައް ނެގުމުގައި އެންމެ ކުރީގައި އުޅޭ އޮޕްޓާ އިން ލަފާކޮށްފި އެވެ.

ތަފާސްހިސާބުތައް ބޭނުންކޮށްގެން އޮޕްޓާ އިން ކޮމްޕިއުޓަރައިޒް މޮޑެލްއަކުން ނެރުނު ނަތީޖާގެ 16 އިން ސައްތަ ބުރަވަނީ ބްރެޒިލް ތަށި ނަގާނެ ކަމަށެވެ.

ދެން އެންމެ ފުރުސަތު ބޮޑީ އާޖެންޓީނާ އަށެވެ. އެ ޓީމުގެ އިން ސައްތަ އަކީ 13 އެވެ. އޭގެ ފަހުން ފްރާންސް ތަށި ނަގާނެ ކަމަށް 12 އިން ސައްތަ ދައްކާއިރު، ސްޕެއިނާއި އިންގްލެންޑަށް ލިބުނީ ނުވަ އިން ސައްތަ އެވެ.

ގޭމިންގައި ދުނިޔޭގައި އެންމެ ކުރީގައި އުޅޭ އީއޭ ސްޕޯޓްސްގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މި ފަހަރު ތަށި ނަގާނީ އާޖެންޓީނާ އެވެ. މިދިޔަ 10 އަހަރު ވެސް ތަށި ނަގާފައިވަނީ އީއޭ ސްޕޯޓްސްގެ ސިމިއުލޭޝަންސް އިން ދެއްކި ޓީމެވެ.

ސްކޮޑުގެ ފެންވަރަށް ބަލާއިރު މި ފަހަރު އެންމެ ވަރުގަދައީ އާޖެންޓީނާ، ބްރެޒިލް، ފްރާންސް އަދި އިންގްލެންޑެވެ.

އާޖެންޓީނާ އަށް 1986 ގެ ފަހުން ތަށި ނުހޯދެ އެވެ. އެކަމަކު މިއީ ލިއޮނަލް މެސީގެ ފަހު ވޯލްޑް ކަޕަށް ވުމާއި ފޯމުގައި ތިބި ހުނަރުވެރި ކުޅުންތެރިން ތިބުމުން އެ ޓީމާ މެދު އުއްމީދު ބޮޑެވެ.

ބްރެޒިލަކީ ވަކިވަކި ހުނަރުވެރި ކުޅުންތެރިންނަށް ބަލާއިރު އެންމެ ވަރުގަދަ ސްކޮޑެވެ. އެ ޓީމަށް ވެސް 2002 ގެ ފަހުން ތަށި ނުހޯދެ އެވެ.

ފްރާންސް އަކީ އެންމެ ފަހުގެ ޗެމްޕިއަނެވެ. ބައެއް ކުޅުންތެރިން އަނިޔާގައި ތިބި ނަމަވެސް އަދިވެސް ސްކޮޑް ވަރަށް ވަރުގަދަ އެވެ.

އިންގްލެންޑް ވަނީ އެންމެ ފަހުން ކުޅުނު ބޮޑު ތިން މުބާރާތުގައި ގަދަ ހަތަރެއްގެ ތެރޭ ހިމެނިފަ އެވެ.