ބްރެޒިލްގެ އުއްމީދީ ތަރި އެންޑްރިކްގެ އާއިލާއިން ރެއާލް އާ ވާހަކަ ދައްކަނީ
ބްރެޒިލްގެ އުއްމީދީ ތަރި އެންޑްރިކްގެ އާއިލާއިން ރެއާލް އާ ވާހަކަ ދައްކަނީ

ސައު ޕޯލޯ (ނޮވެމްބަރު 17) - ޔޫރަޕްގެ ބޮޑެތި ކްލަބްތަކަކުން ފާރަލަމުންދާ ބްރެޒިލްގެ އުމުރުން 16 އަހަރުގެ ކުޅުންތެރިޔާ އެންޑްރިކް ފެލިޕޭގެ އާއިލާއިން ރެއާލް މެޑްރިޑާ މަޝްވަރާ ކުރަން ތައްޔާރު ވެއްޖެ އެވެ.

ބްރެޒިލްގެ ޕަލްމެއިރާސް އަށް ކުޅެމުން ގެންދާ ސްޓައިކަރު ގެންދިއުމަށް ޝައުގުވެރިވާ ކްލަބްތަކުގެ ލިސްޓްގައި ތިބި ކްލަބްތަކަކީ ޕީއެސްޖީ، ޗެލްސީ، ރެއާލް މެޑްރިޑް އަދި ބާސެލޯނާ އެވެ. ރެއާލް އާއި ބާސާއިން އެންޑްރިކްގެ ޓްރާންސްފާ އަށް ވާދަކުރަމުން ދާތީ 2013 ގައި ނޭމާގެ ޓްރާންސްފާ އަށް އޮތްވަރުގެ ސަމާލުކަމެއް އެންޑްރިކްގެ ޓްރާންސްފާ އަށް އޮންނާނެ ކަމަށް މިހާރު ވެސް ވަނި ބެލެވިފަ އެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން އެހެން ކްލަބްތަކަށް ވުރެ ރެއާލް އަށް އެޑްވާންޓޭޖު ބޮޑެވެ. ބްރެޒިލްގެ މީޑީއާ ތަކަށް ބުނީ އެންޑްރިކްގެ ބައްޕަ މެޑްރިޑަށް ދަތުރު ކުރުމަށް ތައްޔާރު ވަމުން އަންނަ ކަމަށެވެ. އެ ދަތުރުގައި އޭނާގެ އާއިލާއިން ރެއާލްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް އާ ބައްދަލު ކުރާނެ ކަމަށް މިޑީއާތަކުން ބުނެ އެވެ.

"މި މަހު ފަހުކޮޅު އަހަރެމެން މެޑްރިޑަށް ދަތުރުލުރާނަން. އަދި މެޑްރިޑާ މަޝްވަރާ ކުރުމަށް ފަހު އެ މީހުން އަހަރެމެންގެ ޖަވާބަކަށް އިންތިޒާރު ކުރާނެ. އޭގެ ފަހުން އެ މީހުން ޕަލްމެއިރާސް އަށް ހުށަހަޅާނީ،" އެންޑްރިކްގެ ބައްޕަ ބުންޏެވެ.

އޭނާ ބުނީ ރެއާލް މެޑްރިޑްގެ ޓްރޭނިން ސެންޓަރު ވެލްޑަ ބެބަސްގައި ހުރި ވަސީލަތްތައް ވެސް ދެނެގަތުމަކީ އޭނާގެ ބޭނުމެއް ކަމަށެވެ.

ޒުވާން ކުޅުންތެރިންނާ މެދު، ޕެރޭޒްގެ ކުރިއަށް ހުރި ޕްލޭންތައް ވެސް ދެނެގަތުމަކީ އެ އާއިލާއިން އެދޭ ކަމެއް ކަމަށް ވެސް ބްރެޒިލްގެ މީޑިއާތަކުން ބުނެ އެވެ.

އެންޑްރިކް މީގެ ކުރިން ބުނެފައި ވަނީ ޔޫރަޕްގެ ބޮޑު ކްލަބެއްގައި ކުޅުމަކީ އޭނާގެ ހުވަފަނެއް ކަމަށެވެ.